ކަޓް، ކޮޕީ އަދި ޕޭސްޓް އީޖާދުކުރި މީހާ މަރުވެއްޖެ

ކޮމްޕިއުޓަރުން އެންމެ ފަސޭހަކޮށްދޭ އެއް ކަމަކީ ކަޓް، ކޮޕީ އަދި ޕޭސްޓްކުރުމެވެ. މިއީ އެތައް ބައެއްގެ މަސައްކަތްތަކަށް ލުއިކަން ގެނެސްދިން ވަރަށް ފަސޭހަ އުކުޅެކެވެ. މިކަމުގެ ފަހަތުގައި ހުރި މީހާ އަށް ހައްގުވާ ޝުކުރާ އެކު، އޮތީ ވަރަށް ހިތާމަވެރި ޚަބަރެކެވެ.


އެއީ މިކަން އީޖާދުކުރި ކުޅަދާނަ ކޮމްޕިއުޓަރު ސައިންޓިސްޓް ލެރީ ޓެސްލާ މަރުވި ވާހަކަ އެވެ. މީޑިިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮމްޕިއުޓަރާ އެކު ތައާރަފުވެގެން އައި މަސައްކަތުގެ ލުއިކަން ތައާރަފުކުރި ލެރީ މަރުވި އިރު، އުމުރަކީ 74 އެވެ.

އެކަމަކު އޭނާގެ މަރާ ބެހޭ އެއްވެސް ތަފުސީލެއް މީޑިއާތަކާ ހިއްސާއެއްނުކުރެ އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސްޓޭންފޯޑް ޔުނިވަސިޓީން ތައުލީމު ހާސިލުކުރި ލެރީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޒިރޮކްސް ކޯޕަރޭޝަނުގައި މަސައްކަތްކޮށްފަ އެވެ. އޭނާ މަރުވި ވާހަކަ އެ ކުންފުނިން ކުރި ޓްވީޓެއްގައި ހިއްސާކުރަމުން ބުނީ ލެރީ މަރުވީ ހޯމަ ދުވަހު ކަމަށެވެ.

ޒިރޮކްސްގެ އިތުރުން ލެރީ ހވަނީ އެޕަލް އަށް ވެސް ގިނަ ހިދުމަތްތަކެއްކޮށް ދީފަ އެވެ. އެގޮތުން އެ ކުންފުނީގެ ގިނަ ހިދުމަތްތަކެއް އުފެއްދުމުގައި އޭނާގެ ހިއްސާވެފައިވާ އިރު އެޕަލް ނެޓް އާއި އެޕަލްގެ އެޑްވާންސް ޓެކްނޮލިޮޖީ ގްރޫޕްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު އަދާކޮށްފައިވެ އެވެ.

ޒިރޮކްސް އާއި އެޕަލްގެ އިތުރުން ލެރީ މަސައްކަތް ކުރި ކުނޖްފުނިތަކުގެ ތެރޭގައި އެމެޒޯނާއި ޔާހޫ ވެސް ހިމެނެ އެވެ.