ޓްވިޓާގައި ކޮރޯނާވައިރަހާ ގުޅޭ ދޮގު ވާހަކަ ފެތުރުމާ ދެކޮޅަށް ފިޔަވަޅު އަޅަނީ

ސޯޝަލް މީޑިއާގެ އެކި ފްލެޓްފޯމްތައް މެދުވެރިކޮށް ކޮރޯނާވައިރަހާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ދައުރުކުރާ މައްސަލަ ބޮޑުވެފައިވާތީ މިކަމާ ދެކޮޅަށް ޓްވިޓާ އިން ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.


އެތަނުން ކުރި ޓްވީޓްތަކެއްގައި ބުނީ ކޮވިޑް-19އާ ބެހޭ ގޮތުން ބައެއް މީހުން ތެދު ނޫން މައުލޫމާތު ފަތުރާތީ އާންމުންގެ މެދުގައި ހާސްކަމާއި ބިރުވެރިކަން އުފެދޭ ކަމަށެވެ.

އެހެންވެ ޓްވިޓާގައި ސައްހަ ނޫން މައުލޫމާތާއި ކޮވިޑް-19 އިން ފަސޭހަވާ ކަމަށް ބުނެ އިޝްތިހާރުކުރާ އުފެއްދުންތަކާ ބެހޭ އެއްވެސް އެއްޗެއް ކުރިއަށް އޮތް ތަނުގައި ހިއްސާކުރާ ނަމަ އެފަދަ ކޮންޓެންޓް ވަގުތުން ނަގާނެ ކަމަށް ޓްވިޓާ އިން ބުންޏެވެ. އަދި އެފަދަ މައުލޫމާތުތައް ހިއްސާކުރުން ޓްވިޓާގެ އުސޫލުތަކާ ވެސް ހިލާފު ކަމަށާއި ކުރިއަށް ވުރެ މާ ބޮޑަަށް މިކަންކަމަށް ސަމާލުވާނެ ކަމަށް ބުންޏެވެ.

މި ނާޒުކު ދަނޑިވަޅުގައި ޓްވިޓާގެ ބޭނުން ނުރަނގަޅު ގޮތްގޮތަށް ބޭނުންކުރާ ނަމަ އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ވަރަށް ގާތުން ކަންކަން ބަލާނެ ކަމަށް އިންޒާރު ދީފައިވެ އެވެ.

ޓްވިޓާ އިން ބުނީ އަލަށް އެކުލަވާލި އުސޫލުގެ މައިގަނޑު ބޭނުމަކީ ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވައި، ރައްކާތެރިކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.

"އަހަރެމެންގެ މައިގަނޑު އަސާސަކީ ވެސް ތެދު މައުލޫމާތާއި ތެދު ޚަބަރުތައް ގެނެސްދިނުން. މީސްމީހުންގެ މެދުގައި ޕެނިކްވުން އުފެދޭ ގޮތަށް ކުރާ ކަންކަން ބަލައެއް ނުގަނެވޭނެ." ޓްވިޓާ އިން ބުންޏެވެ. "އަހަރެމެން ބޭނުންވޭ ޓްވިޓާ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދޭން."

ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ސައްހަ ނޫން މައުލޫމާތު ހިއްސާކުރާ މައްސަލަ ބޮޑުވެގެން ފޭސްބުކާއި ގޫގުލް އާއި ލިންކެޑާއި މައިކްރޮސޮފްޓާއި ޔޫޓިއުބާއި ރެޑިޓް ފަދަ ތަންތަނުން ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.