ކޮރޯނާވައިރަހާ ހެދި ވައި ސާފުވަނީ؛ އެންމެ ބޮޑަށް ދިއްލީގައި

ވައި ސާފުވުމަކީ ކޮރޯނާވައިރަހުން ކުރާ ކަމެއް ނޫނެވެ. ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ބައްޔާ ހެދި ދުނިޔެ ބަންދުވެފައި އޮންނާތީ ގައުމުތަކުގައި ވައި ސާފުވަނީ އެވެ. ސަބަބަކީ، އެއްގަމާއި ކަނޑު އަދި ވައިގެ ތެރޭގައި އުދުހޭ އުދުހުންތައް ވެސް ގާތްގަނޑަކަށް ހުއްޓިފައި އޮތުމެވެ.


ސްވިޓްޒަލޭންޑްގެ ކުންފުންޏެއް ކަމަށް ވާ "އައިކިޔޫއެއާ" އިން އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވާ ގޮތުން، ކޮރޯނާވައިރަހާ ހެދި ގައުމުތައް ބަންދުކޮށްފައި އޮންނާތީ ޖައްވު ސާފުވަމުން އެބަ ދެ އެވެ. ދުނިޔޭގައި އެއްމެ ބޮޑަށް ވައި ނުސާފު ކަމަށް މަޝްހޫރު ސިޓީތަކެއް މިސާލެއް ގޮތުގައި ދައްކައި، އެހާރާއި މިހާރު އަޅާކިޔާފައި ވެ އެވެ.

އައިކިޔޫއެއާ އިން ބުނާ ގޮތުން، އިންޑިއާގެ ދިއްލީ އަކީ ވައި ނުސާފު ސިޓީ އެކެވެ. ނަމަވެސް، ފާއިތުވި ތިން ހަފުތާގައި އިންޑިއާގެ މޫސުމީ އިދާރާތަކުން އެއްކޮށްފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ދިއްލީގެ ވައި ވަނީ ސާފުވާން ފަށައިފަ އެވެ.

އިންޑިއާގެ ވެރި ރަށް، ނިއު ދިއްލީ އަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ވައި ތަޣައްރު ސިޓީ އެކެވެ. އެ ސިޓީގައި ދިރިއުޅޭ މީހުންނަށް އުޅެން އުނދަގޫ މިންވަރަށް ވައި ވަނީ ތަޣައްރުވެފަ އެވެ. ކޮރޯނާވަރަހާ ހެދި މަގުތަކުގައި ދުއްވުން މަނާކޮށްފައި ވާތީ، އެއްގަމު އުޅަނދުފަހަރުން އަރާ ދުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އައިކިޔޫއެއާ އިން ބުނާ ގޮތުން ވައި ސާފުވުމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ވެސް ދިއްލީ އަށެވެ.

އައިކިޔޫއެއާ އިން ދެން ފާހަކޮށްފައި ހުރި ސިޓީތަކަށް ބަލާއިރު، ލޮސް އެންޖަލިސް، ރޯމް، ވުހާން، ލަންޑަން މުމްބާއީ، މިލާން ނިއުޔޯކް އަދި ސައޯ ޕައޮލޯ ހިމެނެ އެވެ.

ވައި ނުސާފުވެ، ތަޣައްޔަރުވާން މެދުވެރިވާ ސަބަބަކި އުޅަނދުފަހަރާއި ސިނާއި މަރުކަޒުތަކުން އަރާ ދުމެވެ. އެހެން ނަމަވެސް، މި ދުވަސްވަރު މަގުތައް ބަންދުކޮށް އަދި ގިނަ ގައުމުތަކުގައި ސިނާއީ މަރުކަޒުތައް ވެސް ވަނީ ހުއްޓުވައިފަ އެވެ.

ދުނިޔެ އަށް ދިމާވާ ބޮޑެތި ކާރިސާތަކާ ގުޅިން މިފަދައިން ވައި ސާފުވާ ކަމަށް އައިކިޔޫއެއާއިން ބުނެ އެވެ. ނަމަވެސް، ގައުމުތައް ހަމައަކަށް އެޅި ހިނގަން ފެށުމުން އިހު ހުރި މިންވަރަށް ވައި ނުސާފުވެ ދެ އެވެ.