ޓިކްޓޮކް ހުއްޓާލަން އެމެޒޯންގެ މުވައްޒަފުންނަށް އެންގުނީ "އޮޅުމަކުން"

އެމެރިކާ އިން ޗައިނާގެ ޓިކްޓިކް މަނާކޮށްފާނެކަމުގެ އިޝާރާތެއް ދީފައި ވަނިކޮށް، އެ ގައުމުގެ މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯންގް މުވައްޒަފުން ޓިކްޓޮކް ބޭނުންކުރުން ހުއްޓައިލަން އަންގައި ފޮނުވި އިންޓާނަލް މެމޯއަކާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.


އެކަމަކު "ސަލާމަތީ ސަބަބުތަކަށްޓަކައި" މޮބައިލް ފޯނުން ޓިކްޓޮކް ރިމޫވްކުރުމަށް އަންގައި އީމެއިލަކުން އެންގުނީ "އެރާއަކުން" ކަމަށް އެމެޒޯން އިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެމެޒޯންގެ ތަރުޖަމާނު ވިދާޅުވީ ޓިކްޓޮކާ ދޭތެރޭ އެމެޒޯނުން ގެންގުޅޭ އުސޫލަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި މުވައްފުން ފޯނުން ޓިކްޓޮކް ބޭނުންކުރުން ހުއްޓައިލަން އެންގުނީ އޮޅުމެއްގެ ތެރެއިން ކަމަށެވެ.

އެ އީމެއިލްގައިވާ ގޮތުން މުވައްޒަފުން ޓިކްޓޮކް ބޭނުންނުކުރަން އެންގީ އެ އެޕް ބޭނުންކުރާ ނަމަ ފޯނުގެ ޒަރީރާ އިން އެމެޒޯންގެ މެއިލްތަކަށް އެކްސެސްވެވި، އޭގެ ޑޭޓާތައް ޓިކްޓޮކުން ނަހަމަ ގޮތުގައި ބޭނުންކޮށްފާނެކަމުގެ ބިރު އޮތުމާ ގުޅިގެންނެވެ. އަދި އޭގައި ބުނީ ފޯނުން އެޕް ބޭނުން ކުރުން ހުއްޓައިލި ނަމަވެސް، ކުންފުނީގެ ލެޕްޓޮޕްތަކުން ޓިކްޓޮކަށް އެކްސެސްވުމުގައި ހުރަހެއް ނޯންނާނެ ކަމަށެވެ.

އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް.

ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން ބުނީ އެމެޒޯން ބިރުން އުޅެން ޖެހޭ ސަބަބެއް ސާފުނުވާ ކަމަށެވެ. އެކަމަކު ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކޮށްފާނެކަމާ ދޭތެރޭ ޝައްކުކުރާ ނަމަ އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށް، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން އޮތީ ތައްޔާރަށް ކަމަށް ޓިކްޓޮކްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި ބައިޓްޑާންސްގެ ސީއޯއޯގެ މަގާމާ މިދިޔަ މަހުން ފެށިގެން ހަވާލުވެފައި ވަނީ އެމެރިކާ މީހެކެވެ. އެއީ ކުރިން ޑިޒްނީގައި މަސައްކަތްކުރި ކެވިން މޭޔާ އެވެ.

ޓިކްޓޮކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްޗެއް ކަމަށް ބެލެވޭތީ އެ އެޕް މަނާކޮށްފާނެކަމުގެ އިޝާރާތެއް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ މިދިޔަ ހަފުތާގައި ދެއްވާފައިވެ އެވެ. މަސްރަހު ދިސާރާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާ ކައިރިކޮށްފައި، އެމެރިކާ އިން ޓިކްޓޮކް މަނާކޮށްފާނެ އެވެ. އެ ގައުމުން ތުހުމަތުކުރާ ގޮތުގައި އެ އެޕްގެ ޒަރީރާ އިން ޗައިނާ އިންތިހާބަށް ނުފޫޒު ފޯރުވައިފާނެ އެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 165 މިލިއަނަށް އަރަ އެވެ. އޭގެ ތެރޭގައި ގިނައީ 16-24 އަހަރާ ދެމެދުގެ ޒުވާނުންނެވެ.