ޖަނަވާރުތަކާއި ދޫނިސޫފާ ސޫފީގެ ބަހުރުވަތައް އިންސާނުންނަށް ނޭނގުނެއް ކަމަކު، އެތަކެތީގެ ބައެއް ހިއްސުތައް އިންސާނުންގެ ހިއްސުތަކަށް ވުރެ ވަރުގަދަކަން ނުވަތަ ބާރުގަދަކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. ފެނުމާއި އިވުމާއި ވަސް ބެލުމުގެ ހިއްސު ފަދަ އެތައް ބައެއް ހިއްސުތަކުގައި އެ ސޮރުމެންނަށް ދެއްވާފައިވާ ނިއުމަތްތައް މާ ފުރިހަމަ އެވެ.
ސައެންސްވެރިން މިހާތަނަށް ހޯދި ހޯދުންތަކުން ކަށަވަރުވެފައިވާ ގޮތުގައި ޖަނަވާރުތަކާއި ދޫނިސޫފާސޫފީގެ އަޑު އިވުމުގެ ހިއްސު އިންސާނުންނަށް ވުރެ މާ ފުރިހަމަ އެވެ. އިންސާނުންނަށް ނުއިވޭ ކިތަންމެ އަޑެއް އެ ތަކެއްޗަށް އިވެ އެވެ. ނުފެންނަ ކިތަންމެ އެއްޗެއް އެ ތަކެއްޗަށް ފެނެ އެވެ. އެހެންކަމުން ގުދުރަތީ ބައެއް ހާދިސާތައް ވެސް، އެކަމެއް ހިނގުމުގެ ކުރިން އެ ތަކެއްޗަށް މޭރުންވާ ކަން ސައެންސްގެ އަލީގައި ވަނީ ދެނެގަނެވިފަ އެވެ.
މިދިޔަ ހޯމަ ވިލޭރޭ ދަންވަރު 4:17 ގައި ތުރުކީ ވިލާތާއި ސީރިޔާ ގުޅޭ ސަރަހައްދު ކައިރި އަށް އައި ބާރުގަދަ ބިންހެލުން އައި ވަގުތަކީ އެ ދެ ގައުމުގައި ވެސް މަދު ބަޔަކު ނޫނީ ނިދާފައި ތިބި ވަގުތެވެ. އެހެންކަމުން، ބޭރުތެރޭގައި ނުވަތަ މަގުތަކާއި ވައިގެ ތެރޭގައި އެ ވަގުތު ހިނގާ ކަންކަން މާ ގިނަ ބަޔަކަށް ނޭނގޭނެ އެވެ.
އެހެން ނަމަވެސް، އެ ވަގުތު ހޭލައި އުޅުނު މަދު ބަޔަކަށް ވަނީ، ދޫނިސޫފާސޫފިތަކާއި ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުތަކުގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވިފަ އެވެ. އަދި ބައެއް މީހުން އެ މަންޒަރުތައް ފޯނުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާވެސް ކުރަމުން އެބަދެ އެވެ.
އެންމެ ގިނަ ބަޔަކަށް ފާހަގަކުރެވުނީ، ބިންހެލުން އައުމުގެ ތަންކޮޅެއް ކުރިން، ބިންހެލުން އައި ސަރަހައްދާ ކައިރި ހިސާބުގަނޑުގައި އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ވާލާއި ކާޅު ފަދަ ދޫނިތައް، އެ ސޮރުމެންގެ ހާލި ދޫކޮށް ކޮޅުކޮޅަށް އުދުހެމުން ދިޔަ މަންޒަރެވެ.
ބައެއް ދޫނިތައް އެއް ގަހުން އުދުހިފައި ގޮސް އަނެއް ގަހަށް ތިރިކޮށް، އިރުކޮޅެއް ނުވަ އަނެއްކާ އުދުހިގަނެ އެވެ. އަދި ބައެއް ދޫނިތައް އެއްވެސް ތަނެއްގައި ނުޖައްސައި، އެތައް އިރެއް ވަންދެން އެކި ކޮޅުކޮޅަށް އުދުހިއުދުހި ތިއްބެވެ.
އަނެއް ބަޔަކަށް ފާހަގަކުރެވުނީ، އެ ދޫނިތައް ވައިގެ ތެރޭގައި އުދެހެމުން ދިޔަ ވަގުތު، ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުތައް ކޮޅުކޮޅަށް ދުވެ އުޅުނު ކަމެވެ. އަދި ކުއްތާތަކާއި ހިމާރުތައް ގަދަ އަޑުން ގޮވައި ހަޅޭއްލެވި ކަމަށް ބައެއް މީހުން ބުނެ އެވެ.
ނަމަވެސް މިވަނީ ކީއްކަމެއް، އަދި މިއީ ކުރިމަތިވަމުން އަންނަ ބޮޑު މުސީބާތެއްގެ އިންޒާރެއް ކަމެއް އެކަކަށް ވެސް ރެއަކާނުލަ އެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް ފޯނުން އެ މަންޒަރު ވީޑިއޯކުރީ، އާދަޔާ ޚިލާފު ގިނަ އަދަދެއްގެ ދޫނިތަކެއް އެކި ކޮޅުކޮޅަށް އުދުހެމުންދާތީ އެކަމާ ހައިރާންވެގެންނެވެ.
ދޫނިތަކާއި ޖަނަވާރުތަކުގެ ކިބައިން، މިދިޔަ ހޯމަވިލޭރޭ ދަންވަރު ފެނުނު މި އާދަޔާ ޚިލާފު ހަރަކާތްތަކަށް ފަހު މާ ގިނަ އިރުތަކެއް ނުވެ އެވެ. މުޅި ތުރުކީ ވިލާތާއި ސީރިޔާ ގުޑުން އަރުވައިލީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ތުރުކީގެ އިރުދެކުނުގައި އޮންނަ ޣާޒީ އީންތާބް ޕްރޮވިންސް އަށް އައި ބާރުގަދަ ބިންހެލުމުންނެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ދޫނިތަކުގެ ހަރަކާތްތަކަށް ކުއްލި ބަދަލެއް އަންނަނީ، ބިމުގެ ވަރަށް ފުނުގައި ބިންހެލުމުގެ އެންމެ ފުރަތަމަ ހަރަކާތްތައް ފެށުމާއެކު، މި ބިމުގެ ދަގަތްފާނީ ބާރަށް އަންނަ ކުއްލި އަދި ބޮޑު ބަދަލާ ގުޅިގެންނެވެ. ސަބަބަކީ، ދޫނިތައް މިބިމުގެ އެކި ތަންތަން ދެނެގަތުމަށާއި ދަތުރުކުރާ އިރު މިސްރާބު ދެނެގަތުމަށް ބޭނުންކުރަނީ، މި ބިމުގައިވާ ދަގަތްފާނީ ބާރު ކަމަށްވާތީ އެވެ.
އެހެންކަމުން ބިންހެލުން އުފެދެން ފަށާއިރު، ބިމުގެ ދަގަތްފާނީ ބާރަށް އަންނަ ކުއްލި ބަދަލުގެ ސަބަބުން، ދޫނިތަކަށް އޮޅުން އަރަނީ އެވެ. މިހާރު މިތިބެވެނީ ކޮން ތަނެއްގައި ކަމާއި ދެން ދާންވީ ކޮން ތަނަކަށް ކަން އޮޅުން އެރުމުން، އެ ސޮރުމެންނަށް ވާނުވާ ނޭނގިގެއް އެކި ކޮޅުކޮޅަށް އުދުހެން ފަށަނީ ކަމަށް ސައެންސްވެރިން ލަފާ ކުރެ އެވެ.
މީގެ 18 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި އިންޑޮނީޝިޔާ އަށް އައި ބާރުގަދަ ބިންހެލުމުގައި ވެސް، އެ ސަރަހައްދުން މިފަދަ ކަންތައްތަކެއް ފާހަގަކުރެވުނުކަމަށް، އެ ސަރަހައްދުތަކުގެ މީހުން ބުނެ އެވެ. އެ ދުވަހުގެ މާއިރާ، ރިކްޓާ މިންގަނޑުން 9.3ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމުގެ ކުރިން، އެ ގައުމުގެ އެކި ހިސާބުތަކުން އެ ކަން ފާހަގަކުރެވިފައިވެ އެވެ. ނަމަވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ، ބިންހެލުން އައިތާ މާ ގިނަ ވަގުތުތަކެއް ނުވަނީސް އެރި ސުނާމީއާ ގުޅޭ ގޮތުން ޖަނަވާރުތަކާއި ދޫނިތައް ދިން އިންޒާރުތަކެވެ.
އެ ވަރުގަދަ ބިންހެލުން އައި އިރުވެސް، އެ ގައުމުގެ އައްސޭރިފަށުގެ އެކި ސަރަހައްދުތަކުގައި ސުނާމީގެ އިންޒާރުދޭ ނިޒާމުތައް ގާއިމުކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި ރާޅުގެ އުސްމިނަށް އަންނަ ކުއްލި ބަދަލުތައް ދެނެގަންނާނެ އާލާތްތަކާއި، ބިންހެލުންތަކުގެ ބާރުމިން ދެނެގަންނާނެ އާލާތްތައް ހިމެނެ އެވެ.
އެ އާލާތްތައް ގާއިމުކޮށްފައި ހުއްޓަސް އެ ދުވަހުގެ ބާރުގަދަ ބިންހެލުމާއެކު، އިންސާނުން އުފައްދައި ބޭނުންކުރަމުން އައި އެ ހުރިހާ އާލާތްތަކެއްގެ ބޭނުން ހިނދުކޮޅެއްގެ ތެރޭގައި ނެތިގެން ދިޔައީ އެވެ. ހުރިހާ ނިޒާމުތަކެއް ފެއިލްވެ، ސުނާމީއެއް އުފެދުނު ކަމުގެ އިންޒާރެއް ވެސް ދުރާލައި ނުދެވުނެވެ. އަދި އައްސޭރިފަށުގައި ދިރިއުޅޭ މީހުން އުސް ތަންތަނަށް ދާން އަންގައި ފޮނުވަން އުޅުނު އެސްއެމްއެސްތައް ވެސް ފޮނުވޭ ގޮތެއް ނުވި އެވެ.
ނަމަވެސް، ސުނާމީގައި އުފެދުނު 30 މީޓަރުގެ އުސް ރާޅުތައް އިންޑޮނީޝިޔާގެ ގޮނޑުދޮށަށް ހޮޅިލައި މުގުރަން ފެށުމުގެ މިނެޓްތަކެއް ކުރިން، ދޫނިސޫފާސޫފިތަކާއި ޖަނަވާރުތައް އެކަމުގެ އިންޒާރު ދިނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ސުނަމީގެ ރާޅު ފެންނަން ފެށުމުގެ މިނެޓްތަކެއް ކުރިން، އެއްސޭރިފަށުގައި އުޅުނު ބިޔަ އެތްތައް، އުސް ސަރަހައްދުތަކަށް ދުވަން ފެށި އެވެ.
އައްސޭރިފަށުގެ ސަރަހައްދުތަކުގައި ހާލި ހަދައިގެން ތިބި ފްލެމިންގޯތައް ހާލިތައް ދޫކޮށް އުސް ގަސްތަކަށް އުދުހެން ފެށި އެވެ. ބޭރުގައި އުޅުނު ކުއްތާތަކާއި ބުޅާތައް، ގެތަކަށާއި އިމާރާތްތަކުގެ ތެރެއަށް ވަދެ ފިލި އެވެ.
ތައިލޭންޑްގެ ބޭންގް ކޯއޭ ކިޔާ އަތިރިމަތީ ސަރަހައްދުގައި އުޅުނު ބައެއް މީހުން ބުނި ގޮތުގައި، މީހުން ގެންގުޅުނު މީގޮނާއި ގެރި ފަދަ ތަކެތި، ސުނާމީ އެރުމުގެ މިނެޓްތަކެއް ކުރިން، އަތިރިމައްޗާ ދިމާލަށް ބަލަން ތިބުމަށް ފަހު ކުއްލި ގޮތަކަށް ބާރަށް ހަޅޭއްލަވަމުން އެއްގަމަށް ދުވަން ފެށި އެވެ. އަދި ތިރި ބިންތައް ދޫކޮށް އުސް ތަންތަނަށް އަރަން ފެށި އެވެ.
އިންޑޮނީޝިޔާ އާއި ތައިލޭންޑުގެ އައްސޭރި ސަރަހައްދުން ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި، އެމީހުން ގެންގުޅުނު ގެރި ބަކަރި އާއި ބުޅަލާއި ކުއްތާ އަދި ދޫނިތައް ވެސް، ސުނާމީ އެރުމުގެ މިނެޓްތަކެއް ކުރިން އެއްގަމަށް އަދި އުސް ސަރަހައްދުތަކަށް ދުވެފައި ދިޔަކަން ފާހަގަކުރެވުނެވެ. އަދި އެ ދެ ގައުމުން ވެސް ސުނާމީގެ ހާދިސާ އިން ސަލާމަތްވި ގިނަ މީހުންނަކީ، އެ ޖަނަވާރުތަކާ އެކުގައި ނުވަތަ އެ ޖަނަވާރުތަކުގެ ފަހަތުން އެއްގަމަށް ނުވަތަ އުސް ސަރަހައްދުތަކަށް ދިޔަ މީހުންނެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ، ދުރާލައި އިންޒާރު ދޭ އާލާތްތަކުގެ އެހީގައިވެސް، ބިންހެލުމާއި ސުނާމީ ފަދަ ގުދުރަތީ ކާރިސާތައް ދުރާލައި ދެނެގަތުމުގައި އިންސާނުންނަށް މިހާތަނަށް ކުރިއެރުމެއް ނުހޯދެ އެވެ.
ތުރުކީ އާއި ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ތުރުކީގެ އިރުމަތީ ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުންތަކުގައި، ތުރުކީ ވިލާތުން މަރުވި މީހުންގެ އަދަދު މިހާތަނަށް 2921 އަށް އަރާފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. ސީރިޔާ އިން ބުނި ގޮތުގައި އެގައުމުން 1444 މީހުން މަރުވިކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.