ދުނިޔޭގެ ކުޅިވަރު / ޗެމްޕިއަންސް ލީގު

ގަދަބާރުތައް ކާމިޔާބު ހޯދި ރޭ ބަޔާނަށް ހިތްދަތިކަން

ޕީއެސްޖީގެ ކަވާނީ (ކ) އާއި ނޭމާ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޕެރިސް (ސެޕްޓެމްބަރު 28) – ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޔޫރަޕުގެ ގަދަބާރުތައް ކަމަށްވާ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް އިން މޮޅުތަކެއް ހޯދިއިރު ޖަރުމަނުގެ ބަޔާން މިއުނިކް ފްރާންސުގެ ޕީއެސްޖީގެ އަތްދަށުވެއްޖެ އެވެ.

ރޮމެލޫ ލުކާކޫގެ ދެ ލަނޑާ އެކު ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 4-1 އިން ޔުނައިޓެޑް މޮޅުވިއިރު ބާސެލޯނާ މޮޅުވީ ޕޯޗުގަލްގެ ސްޕޯޓިން އަތުން 1-0 އިންނެވެ. އަދި އެންމެ ފަހުގެ ރަނަރަޕް ޔުވެންޓަސް ކާމިޔާބު ހޯދީ ގްރީކުގެ އޮލިމްޕިއާކޯސް އަތުން 2-0 އިންނެވެ. ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާގެ ނޭމާ ގެންދިޔަ ޕީއެސްޖީން ރޭ ބަޔާން ބަލިކުރީ 3-0 އިންނެވެ.

ރޭގެ މޮޅާ އެކު ޔުނައިޓެޑް އޮތީ ގްރޫޕް އޭ ގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ރޭ ޕޯޗުގަލްގެ ބެންފީކާ އަތުން 5-0 އިން މޮޅުވި ސްވިޒަލެންޑުގެ ބަސެލް އެވެ. ސީއެސްކޭއޭ ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ބެންފީކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ސީއެސްކޭއޭ ކޮޅަށް ރޭ ޔުނައިޓެޑް ލީޑު ނަގައިދިނީ ހަތަރު ވަނަ މިނެޓުގައި ލުކާކޫ އެވެ. ދެ ވަނަ ގޯލް ޕެނަލްޓީއަކުން 18 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެންތަނީ މާޝިއާލް އެވެ. ޔުނައިޓެޑުގެ ތިން ވަނަ ލަނޑު 26 ވަނަ މިނެޓުގައި ލުކާކޫ ޖެހިއިރު ފަހު ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހެންރިކް މިކިތާރިޔަން އެވެ. ސީއެސްކޭއޭގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޖެހީ ކޮންސްޓެންޓިން ކުޝައެފް އެވެ.

ޕީއެސްޖީގެ ސްޓޭޑިއަމުގައި ރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނުއިރު ލަނޑުތައް ޖަހައިދިނީ ޑެނީ އަލްވެސް އާއި އެޑިންސަން ކަވާނީ އަދި ނޭމާ އެވެ. ބަޔާނުގެ އެއް ވަނަ ގޯލްކީޕަރު މެނުއަލް ނޯޔާއަށް އަނިޔާވެ އެ ޓީމަށް މައްސަލަތަކެއް ދިމާވެފައިވަނިކޮށް މި މެޗުން ބަލިވުމަކީ ލިބުނު އިތުރު ހިތްދަތިކަމެކެވެ. އަނެއްކޮޅުން މި މެޗުން ބަލިމިވީ އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީގެ ކުރިމަގާ މެދު ވާހަކަތަކެއް ދެކެވެނިކޮށެވެ.

މި މޮޅާ އެކު ޕީއެސްޖީ ވަނީ ހަ ޕޮއިންޓާ އެކު އެއް ވަނަ އަށް އަރައިފަ އެވެ. ބަޔާނާއި ސެލްޓިކަށް ތިން ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނަ ލިބެނީ ބަޔާނަށެވެ. ސެލްޓިކް ވަނީ ރޭ ބެލްޖިއަމުގެ އެންޑަލެކްޓް އަތުން 3-0 މޮޅުވެފަ އެވެ. އެންޑަލެކްޓް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ގްރޫޕް ޑީ ގައި ސްޕޯޓިން އަތުން 1-0 އިން ބާސެލޯނާ މޮޅުވިއިރު މެޗުގެ ހަމައެކަނި ލަނޑަކީ 49 ވަނަ މިނެޓުގައި ސްޕޯޓިންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަމިއްލަ ދަނޑުގައި ރޭ އޮލިމްލިއާކޮސް އަތުން 2-0 އިން ޔުވެންޓަސް މޮޅުވިއިރު ގޯލް ޖަހައިދިނީ ގޮންޒާލޯ ހިގައިން އާއި މާރިއޯ މަންޒުކިޗެވެ. މި މެޗުގައި ހިގައިން ގޯލް ޖެހީ އޭނާގެ ފޯމް ދަށްވެގެން އެކަމާ ފާޑުކިއުން އިތުރުވެފައިވަނިކޮށެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު ސްޕޯޓިން އާއި ޔުވެންޓަސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ސްޕޯޓިން އެވެ. އޮލިމްޕިއާކޮސް އަތުން ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 27%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

28 September 2017

މަރުހަބާ ހުރިހާ ޓީމްތައް.އަބަދު އެއްބަޔަކު މޮޅުވާކަށްނުވެސް ޖެހޭ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454