20 އަހަރު ކުރިއާ މިހާރުގެ މޮރީނިއޯގެ ތަފާތެއް ނެތް: އާޓެޓާ

ލަންޑަން (ޖުލައި 12) - މީގެ 20 އަހަރު ކުރިން ހޯސޭ މޮރީނިއޯ ފުޓްބޯޅައިގައި ވިސްނަމުން އައި ގޮތާ މިހާރު ވެސް ތަފާތެއް ހުރިހެން ހީނުވާ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.


އާޓެޓާ ވަނީ 1999 ވަަނަ އަހަރު ބާސެލޯނާ ބީ ޓީމުގައި ހުރިއިރު، މޮރީނިއޯއާ އެކު މަސައްކަތްކޮށްފަ އެވެ. އޭރު މޮރީނިއޯ ހުރީ ބާސެލޯނާގެ ކޯޗު ލުއީ ވެން ހާލްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އާޓެޓާ ބުނީ އޭރު ވެސް މޮރީނިއޯގެ ފަރާތުން ފެނުނީ ފުޓްބޯޅައިގައި އޭނާ މޮޅުވާން ކުރާ ބުރަ މަސައްކަތް ކަމަށެވެ.

"އޭނަ (މޮރީނިއޯ) އޭރު ޒުވާން ކުޅުންތެރިންނަށް ވިސްނައިދެނީ މޮޅުވުމަކީއޭ ފުޓްބޯޅައިގައި އެންމެން ވެސް ބޭނުންވާނެ ގޮތަކީ. ކުޅޭ ގޮތުގެ ވާހަކަ ހަނދާން ހުންނާނީ މަދުބައެކޭ. މޮޅުވާ ބައެއްގެ ވާހަކަ އެންމެން ދައްކާނެއޭ. އެ ހަގީގަތުގެ މަތީގައި މޮރީނިއޯ އަދިވެސް އެހުރީ 20 އަހަރު ކުރިން ފެނުނު މޮރީނިއޯއާ މިހާރު އެ ހުރި މޮރީނިއޯގެ ތަފާތެއް އަހަންނަށް ނުފެނޭ،" މިރޭ މޮރީނިއޯ ކޯޗުކޮށްދޭ ޓޮޓެންހަމާ ދެކޮޅަށް ނުކުތުމުގެ ކުރިން އާޓެޓާ ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މޮރީނިއޯ އަށް ތައުރީފުކޮށް އާޓެޓާ ވަނީ ވާހަކަ ދައްކައިފަ އެވެ.

"މޮރީނިއޯ އަކީ އަދިވެސް ދުނިޔޭގެ ފެންވަރު މޮޅު ކޯޗެއް. އޭނަ ދިޔަ ކޮންމެ ޓީމެއްގައި ވެސް ތަށި ހޯދާފައި ހުރީ. އެހެންވީމަ މޮރީނިއޯގެ މޮޅު ދުވަސްތައް މާޒީވެ ގޮސްފިޔޭ ނުބުނެވޭނެ. އޭނަ އަދިވެސް ފުޓްބޯޅައިގައި ކަންތައްތަކެއް ހާސިލްކުރާނެ،" އާޓެޓާ ބުންޏެވެ.

މޮރީނިއޯ ބުނީ އާޓެޓާ ކުޑަކުއްޖެއްގެ ގޮތުގައި ފުޓްބޯޅަ ތެރެއަށް އައިއިރު ވެސް އޭނާ އަށް ފެނުނު ކަމަށާއި މިހާރު އާޓެޓާ ފުޓްބޯޅަ ކުޅެ ނިންމާލުމަށް ފަހު ކޯޗިން އަށް ވަނުމުން އޭނާގެ ހުރި ފެންވަރު ފެންނަ ކަމަށެވެ.

"މިހާރު އޭނަ (އާޓެޓާ) އަކީ އޭރު އެ ފެނުނު ކުޑަކުއްޖާ އެއް ނޫން. ވަރަށް ގިނަ ކަންތައްތައްތަކެއް ދަސްކޮށްފައިވާ ފުޓްބޯޅައިގެ މޮޅު ސިކުނޑިއެއް. އަހަރެން އޭނާގެ ކުރިއެރުމާއި މަސައްކަތް ބަލައިގަންނަން،" މޮރީނިއޯ ބުންޏެވެ.

މިދިޔަ ހަފްތާގައި މޮރީނިއޯ ވަނީ އާސެނަލަށް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެއީ އާސެނަލްގެ ރަސްމީ ފޭސްބުކްގައި ޓޮޓެންހަމަށް ރައްދުކޮށް ލިޔުނު އެއްޗެއްގެ ސަބަބުންނެވެ. ޓޮޓެންހަމާއި އާސެނަލަކީ ނޯތު ލަންޑަންގެ ވާދަވެރިންނެވެ. ލީގުގައި ޝެފީލްޑް ޔުނައިޓެޑް އަތުން ޓޮޓެންހަމް ބަލިވުމާ އެކު އާސެނަލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ އެ ޓީމުން ޝެފީލްޑް ބަލިކުރި މެޗުގެ އުސްއަލިތަކާ އެކު ވީޑިއޯ އެއް ޕޯސްޓުކޮށްފަ އެވެ. އޭގައި ޖަހާފައިވަނީ "ޝެފީލްޑް ޔުނައިޓެޑް ބްރަމަލް ލޭންގައި ބަލިކުރުމަކީ ފަސޭހަކަމެއް ނޫން" ކަމަށެވެ. އެކަމަށް ރައްދު ދެމުން މޮރީނިއޯ ބުނީ އާސެނަލް އޮތީ އެހެން ބަޔަކަށް މަލާމާތް ކުރެވޭނެ ހާލަތުގައެއް ނޫން ކަމަށެވެ.

އާޓެޓާ ބުނީ އެ ފަދަ ކަންކަމާ ބެހޭގޮތުން އޭނާ ވާހަކަ ދައްކަން ބޭނުމެއްނުވާ ކަމަށާއި އޭނާ ފޯކަސް ހުންނަނީ ދަނޑުމަތީގައި ހިނގާ ކަންތައްތަކަށް ކަމަށެވެ.

ލީގުގެ މަގާމަށް ބަލާއިރު ވެސް މިރޭ ކުޅޭ އާސެނަލާއި ޓޮޓެންހަމްގެ މެޗު މި ދެ ޓީމަށް ވެސް މުހިއްމެވެ. ދެ ޓީމު ވެސް 34 މެޗު ކުޅެފައިވާއިރު އާސެނަލް އަށް ވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް 10 ވަނައިގައި އޮތީ 49 ޕޮއިންޓާ އެކު އެވެ. އަމިއްލަ ދަނޑުގައި މިރޭ އާސެނަލް ބަލިކޮށް ޓޮޓެންހަމަށް ހަތް ވަނަ އަށް އެރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އާސެނަލާއި ޓޮޓެންހަމްގެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:30 ގަ އެވެ.