30 މާޗް 2020 - 08:21
އަމީތާބު ބައްޗަންގެ ދަރިއެއްގެ ރޯލް ކުޅެން ބަތަލާ ކެޓްރީނާ ކައިފަށް ހުށަހެޅި ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމު "ޑެޑްލީ" އޭނާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފިލްމަށް އެއްބަސްވުމަށް ފަހު، ކެޓްރީނާ ފިލްމު ދޫކޮށްލީ ވިކާސް އަކީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ މީހަކަށްވެފައި، އެފަދަ މީހެއްގެ ފިލްމެއް ކުޅެން އެއްބަސްވުމުން ސޯޝަލް މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކާ ހެދި އެވެ.
ނަމަވެސް ވިކާސްގެ މައްޗަށް ކުރި ތުހުހުމަތުތަކާ ގުޅިގެން ހިންގި ތަހުގީގުތަކަށް ފަހު، މިދިޔަ އަހަރު ވަނީ އޭނާގެ މައްޗަށް އެފަދަ އެއްވެސް މައްސަލައެއް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.
ވިކާސްގެ މައްޗަށް 2018 ގައި ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭރު އޭނާ ހަދަމުން ދިޔަ ފިލްމު "ސުޕަ 30" ގެ މަސައްކަތް ހުއްޓި، މަސައްކަތްތައް ވެސް ނުނިމި، އެ ފިލްމު ރިލީޒްކުރުން ވެސް އެތައް ފަހަރެއްގެ މަތިން ލަސްވެގެން ދިޔަ އެވެ. އަދި އެންމެ ފަހުން ރިތިކް ރޯޝަން ލީޑް ރޯލް ކުޅުނު ފިލްމުގެ މަސައްކަތް އެއްކޮށް ނިންމީ ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ ބެލުމުގެ ދަށުންނެވެ. "ސުޕަ 30" ރިލީޒްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ގަ އެވެ.
ވިކާސްގެ ފިލްމުން ކެޓްރީނާ ވަކިވެފައިވާތީ ބޮލީވުޑްގެ އިތުރު އޭ-ލިސްޓް ބަތަލާ އަކު ވެސް އެ ފިލްމަށް މިހާރު އެއްބަސްވާނެކަމާ ދޭތެރޭ ޝައްކު ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.
މިދިޔަ ހަފުތާގައި މީޑިއާތަކުން ބުނި ގޮތުގައި "ޑެޑްލީ" ގެ ޝޫޓިން އަންނަ މެއި މަހު ފަށަން ރާވާފައިވާ އިރު، ވިކާސް މިހާރު ހުރީ ފިލްމަށް އަމީތާބު ސޮއިކުރާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.
ވިކާސް އަށް ދިމާވި ކަހަލަ މައްސަލައެއް މިދިޔަ އަހަރު ޑައިރެކްޓަރު ލަވް ރަންޖަނަށް ވެސް ކުރިމަތިވި އެވެ. އެގޮތުން އޭނާ އަޖޭ ދޭވްގަނާއި ރަންބީރް ކަޕޫރާ އެކު ހަދަން ނިންމާފައި އޮތް ފިލްމުގެ ބަތަލާގެ ރޯލް ދީޕިކާ އަށް ހުށަހެޅުމުން އޭނާ ފިލްމަށް ސޮއިކުރާނެކަމުގެ އިޝާރާތެއް ދިނުމުން ދީޕިކާގެ ފޭނުން ވަނީ އެކަމާ ދެކޮޅަަށް ސޯޝަލް މީޑިއާގައި ކެމްޕޭންކޮށްފަ އެވެ. އެކަމާ ގުޅިގެން އޭނާ އެ ފިލްމު ނުކުޅެން ނިންމާފައިވާ ކަމަށްވެ އެވެ.
އަދި 2018 ގައި އިއުލާންކުރި ފިލްމުގެ ޝޫޓިން ނުފެށި ލަސްވަމުން ދިއުމުން "ސޯނޫ ކޭ ޓިޓީ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ވަނީ މިދިޔަ އަހަރު ރަންބީރާއި ޝްރަދާ ކަޕޫރާ އެކު ފިލްމެއް ހަދާނެކަން އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy