ޑައިރެކްޓަރު ލަވް ރަންޖަން އަށް ޖިންސީ ގޯނާގެ ތުހުމަތުކެއް ކުރެވިފައިވާތީ އޭނާގެ ފިލްމެއްގައި މަސައްކަތް ނުކުރަން ބަތަލާ ދީޕިކާ ޕަދުކޯން އަށް ގޮވާލައި ފޭނުންތަކެއް ޓްވިޓާ އާ އިންސްޓަގްރާމް #ނޮޓްމައިދީޕިކާ ގެ ނަމުގައި ހާއްސަ ހޭޝްޓެގެއް ދައުރުކުރަން ފަށައިފި އެވެ.
މިކަމެއް ތިލަވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދީޕިކާ އާއި ރަންބީރު ކަޕޫރް، ލަވްގެ އޮފީހުން ނުކުމުގެން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާތަކުގައި އާންމުވެފައި ވަނިކޮށެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސް ޑައިރެކްޓަރުގެ އާ ފިލްމަށް މިދިޔަ އަހަރު އަޖޭ ދޭވްގަން އާއި ރަންބީރު ވަނީ ސޮއިކޮށްފަ އެވެ. އެކި ފަހަރު މަތިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދި ނަން އިއުލާން ނުކުރާ ލަވްގެ އާ ފިލްމުގެ ބަތަލާގެ ރޯލް ވަނީ ދީޕިކާ އަށް ހުށަހަޅައިފަ އެވެ. އެގޮތުން ހުކުރު ދުވަހުގެ ބައްދަލުވުމަކީ ފިލްމަށް ދީޕިކާ ސޮއިކޮށްފިކަމުގެ އިޝާރާތެއްގެ ގޮތުގައި ވެސް ބައެއް މީޑިއާތަކުން ސިފަކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ފޭނުން ވަނީ ލަވްއާ އެކު މަސައްކަތް ނުކުރަން ދީޕިކާ އަށް ގޮވާލައި އަދި އެކަންކޮށްފި ނަމަ އެއީ ދީޕިކާ އަށް ކުރާ އިހުތިރާމަށް ބުރޫ އަރާނެ ކަމެއް ކަމަށް ވެސް ބުނެފަ އެވެ.
ބޮލީވުޑްގައި މިދިޔަ އަހަރުގެ ފަހުކޮޅު ހިލިގެން އައި "މީޓޫ" މޫވްމަންޓާ އެކު ލަވްގެ މައްޗަށް ވެސް އަންހެނުންތަކެއް ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށްފަ އެވެ. އެކަމަކު އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މީގެ އިތުރުން ލަވްގެ ފިލްމުތަކުގައި ކުރިން މަސައްކަތްކޮށްފައިވާ ދެ ބަތަލާއިން ކަމަށްވާ ނުޝްރަތު ބަރޫޗާ އާއި ސޮނާލީ ސޭގަލް ވަނީ ލަވްގެ މައްޗަށް ކުރި ތުހުމަތުތަކަކީ ބަޔަކު ހަދައިގެން އޭނާގެ އަގު ވައްޓައިލަން ކުރި ކަމެއް ކަމަށް ބުނެފަ އެވެ. އަދި ލަވްއަކީ އެފަދަ އަމަލެއް ހިންގާނެ މީހެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެ ދެ ބަތަލާ އިން ބުންޏެވެ.
ކޮންމެއަކަސް މިހާރު ސުވާލަކީ ފޭނުންގެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީފައި، ލަވްގެ ފިލްމަށް ދީޕިކާ ސޮއިކޮށްފާނެތޯ އެވެ؟
އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ޓީ ސީރީޒާ ގުޅިގެން ޕްރޮޑިއުސް ކުރި "ދޭ ދޭ ޕިޔާރު ދޭ" އެވެ. އާކިވް އަލީ ޑައިރެކްޓްކޮށް، މެއި މަހު ރިލީޒް ފިލްމުގެ ތަރިންނަކީ އަޖޭ އާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ތައްބޫ އެވެ.