މިދިޔަ އަހަރު ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމަށް ބަތަލާ ދީޕިކާ ޕަދްކޯން ސޮއިނުކުރަން ގޮވާލައި ދާދި ފަހުން އޭނާގެ ފޭނުންތަކެއް ކެމްޕޭނެއް ހިންގި ނަމަވެސް އެ ފިލްމަށް ދީޕިކާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަޖޭ ދޭވްގަން އާއި ރަންބީރު ކަޕޫރް ބަތަލުންގެ ރޯލް ކުޅޭ އަދި ނަން އިއުލާންނުކުރާ ފިލްމާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އިން ބުނީ ފިލްމަށް ދީޕިކާ ސޮއިކޮށްފައިވާކަން އިތުބާރު ހުރި ފަރާތްތަކުން ކަށަވަރުކޮށް ދީފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ލަވް އާއި ދީޕިކާ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ފޭނުންތަކެއް #ނޮޓްމައިދީޕިކާގެ ނަމުގައި ކުރިއަށް ގެންދިޔަ އޮންލައިން ކެމްޕޭނާ ގުޅިގެން، ވޯގް މަޖައްލާ އަށް ދާދި ފަހުން ދިން އިންޓަވިއުއްގައި ދީޕިކާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުކުރެވުިފައިވާ މީހަކާ އެކީ މަސައްކަތްނުކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ލަވްގެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އޭނާ ނުދައްކަ އެވެ.
ފޭނުންގެ ކެމްޕޭނުގައި ބުނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ މީހަކާ އެކު ދީޕިކާ މަސައްކަތް ކޮށްފި ނަމަ އެ މީހުންގެ މެދުގައި އޭނާ އަށް ލޯތްބާއި އިހުތިރާމު ގެއްލޭނެ ކަމަށެވެ. އެހެންވެ އެ ފިލްމަށް ސޮއިނުކުރަން ގޮވާލާފައިވެ އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސްދިން ލަވްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި ތުހުމަތާ ގުޅިގެން، ލަވްއާ އެކު މަސައްކަތްކޮށްފައިވާ ދެ ބަތަލާއިން ކަމަށްވާ ނުޝްރަތު ބަރޫޗާ އާއި ސޮނާލީ ސޭގަލް ވަނީ އެ ތުހުމަތުތައް ގަބޫލުނުކުރާ ކަމަށާއި އެއީ ލަވްގެ އަގު ވައްޓައިލަން ބަޔަކު ދެއްކި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ލަވްގެ ފިލްމުގައި ދީޕިކާ ފެންނާނީ އޭނާގެ ކުރީގެ ލޯީބވެރިޔާ ރަންބީރު ކަޕޫރްގެ ބައިވެރިޔާގެ ގޮތުގަ އެވެ. މި ފިލްމަކީ ބައްޕައަކާއި ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށްވެ އެވެ. އެ ނޫހުން ބުނިގޮތުގައި ފިލްމުގެ ލީޑް ކާސްޓް މިހާރު ފައިނަލްވެފައިވާތީ ރަނގަޅު ދަނޑިވަޅެއް ބަލާފައި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ އެވެ.
ލަވްގެ ފިލްމަށް ދީޕިކާ ސޮއިކުރި ކަމަށް ހަންގާމާ އިން ބުނާއިރު، މި ފިލްމު ޝްރަދާ ކަޕޫރަށް ހުށަހެޅި ކަމަށް ވެސް މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް ޝްރަދާ ވަނީ އެކަން ދޮގުކޮށްފަ އެވެ.