އަޖޭ ދޭވްގަން މިދިޔަ އަހަރު ސޮއިކުރި ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު އޭނާ ދޫކޮށްލީ ކަމަށް މީޑިއާ އިން ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.

ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި، އަންނަ މަހުގެ 10 ގައި ރިލީޒްކުރާ "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ބަތަލު ބުނީ ލަވްގެ ފިލްމު ދޫކޮށް ނުލާ ކަމަށާއި އެއީ އޭނާ ކުޅޭނެ ފިލްމެއް ކަމަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމުގައި އަޖޭގެ އިތުރުން ރަންބީރު ކަޕޫރް ވެސް ބައިވެރިވެ އެވެ. މީޑިއާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަޖޭ ފިލްމު ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި އޭގެ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމާއި ކުޅެން ލިބުނު ކެރެކްޓާއާ ދޭތެރޭ ފަހުން ހިތްހަމަ ނުޖެހުން ހިމެނެ އެވެ.

އަޖޭ އާއި ރަންބީރު، ލަވްގެ ފިލްމަށް ސޮއިކުރިކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އަޖޭ ބުނީ ފިލްމު ދޫކޮށްލި ކަމަށް ބައެއް މީޑިއާތަކުން ބުނަނީ އެ ފިލްމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކަމަށް ވެދާނެ ކަމަށެވެ.

"އެކަމަކު އަހަރެން ދޭ ޔަގީން ކަމަކީ އެ ފިލްމު ދޫކޮށްނުލާ ކަމާއި އަހަރެން އެ ފިލްމު ކުޅޭނެ ކަން. ހަގީގަތުގައި އޭގެ މަސައްކަތް މި އަހަރު ނުފެށުނު ސަބަބުތަކުގެ ތެރޭގައި އަހަރެންނާއި ރަންބީރު ވެސް އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވުމާއި ލަވް ވެސް އިތުރު މަސައްކަތްތަކެއްގައި ބިޒީވެ، ފިލްމަށް ވަގުތު ހުސްކުރަން ދަތިވުން ހިމެނޭ،" ލަވް ޕްރޮޑިއުސްކޮށް މި އަހަރު ރިލީޒްކުރި "ދޭ ދޭ ޕިޔާރު ދޭ" ގެ ބަތަލު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ ފިލްމަކީ ލަވްގެ ވަރަށް އުންމީދީ ޕްރޮޖެކްޓެކެވެ. އަދި ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް މިހާރު ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ.

އަޖޭ އާއި ރަންބީރު ބައިވެރި ކޮށްގެން އުފައްދާ މި ފިލްމުގެ މަސައްކަތް ނުފެށި ލަސްވުމުން އެ ޕްރޮޖެކްޓް ފަހަތަށް ޖައްސައިލުމަށް ފަހު، ލަވް ދާދި ފަހުން ވަނީ އޭނާ ޑައިރެކްޓް ކުރާ އެހެން ފިލްމެއް އިއުލާން ކޮށްފަ އެވެ. އެއީ ރަންބީރާއި ޝްރަދާ ކަޕޫރާ އެކު ގެނެސްދޭ ފިލްމެކެވެ. ނަން އިއުލާން ނުކުރާ އެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ މާޗް 26، 2021 ގަ އެވެ.

ލަވް، އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ.