އަޖޭ ދޭވްގަން ސޮއިކޮށްފައި އޮތް، ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމުގެ ޝޫޓިން ނުފެށި ލަސްވަމުންދާތީ، ސޮއިކޮށްފައިވާ އެހެން ފިލްމުތަކުގެ ޝެޑިއުލްތަކަށް ބުރޫއަރާނެތީ އޭނާ އެ ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސްދިން ލަވްގެ ނަން އިއުލާންނުކުރާ ފިލްމަށް އަޖޭ އާއި ރަންބީރު ކަޕޫރް ސޮއިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
އެކަމަކު އެ ފިލްމުގެ ޝޫޓިން ނުފެށި ވަަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ އަޖޭ ފިލްމުން ވަކިވީ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުންނެވެ. އަދި އޭނާ ފިލްމު ދޫކޮށްލި ކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި ރަންބީރާއި ދީޕިކާ ޕަދްކޯން ލީޑްކުރާ ފިލްމުގައި މާ ހާއްސަ ރޯލެއް ނެތުން ހިމެނޭ ކަމަށްވެ އެވެ. މި ފިލްމަކީ ދުވަސްވީ ފިރިހެނެއްގެ އަންބަކާއި އޭނާގެ ފިރިހެން ދަރިފުޅާ ދެމެދު ހިނގާ ގުޅުންތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށްވެ އެވެ.
އަޖޭ ފިލްމު ދޫކޮށްލި ކަމަށް މީޑިއާތަކުން ބުންޏަސް މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. މީޑިއާތަކުން ބުނޮތުގައި ފިލްމުގެ ޝޫޓިން މިހާރު ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަޖޭ ފިލްމު ދޫކޮށްލީ އޭނާ ސޮއިކޮށްފައި އޮތް ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ ސޯޝޯ-ޕޮލިޓިކަލް ޑްރާމާ "ޗަނަކިއާ" ގެ ޝެޑިއުލްއާ ލަވްގެ ފިލްމުގެ ޝެޑިއުލާ ބުރޫއަރާތީ އެވެ. ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ އެ ފިލަށް އަޖޭ ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރާ ތާރޫހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޝޫޓިން ދާދި ފަހުން ނިންމައިލުމަށް ފަހު، އަޖޭ މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ ފުޓްބޯޅަ ފިލްމު "މައިދާން" އާއި އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ވާހަކަ ކިޔައިދޭ ހަނގުރާމަ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.
އޭނާ ސޮއިކޮށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ހިމެނެ އެވެ.
ލަވްގެ ފިލްމު އަޖޭ ދޫކޮށްލި ކަމަށް ބުނާއިރު، އެންމެ ފަހުން ސްކްރީނަށް އައި އަޖޭގެ ފިލްމަކީ ވެސް ލަވްގެ ފިލްމެކެވެ. އެއީ އޭނާ ޕްރޮޑިއުސްކޮށް، އާކިވް އަލީ ޑައިރެކްޓްކުރި "ދޭ ދޭ ޕިޔާރު ދޭ" އެވެ.