24 މާޗް 2020 - 07:56
ބައްޕައަކާއި އަންހެން ދަރިއަކާ ބެހޭ ގޮތުން ޑައިރެކްޓަރު ވިކާސް ބާލް ހަދާ ފިލްމެއް އަމީތާބު ބައްޗަނާއި ކެޓްރީނާ ކައިފަށް ހުށަހަޅައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިދިޔަ އަހަރު ރިތިކް ރޯޝަނާ އެކު "ސުޕަ 30" ގެނެސްދިން ޑައިރެކްޓަރުގެ މި ފިލްމަށް ދީފައިވާ ނަމަކީ "ޑެޑްލީ" އެވެ. އަދި ކޮރޯނާވައިރަހުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު، އަންނަ މެއި މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެ އެވެ.
ހަންގާމާ އިން ބުނިގޮތުގައި "ޑެޑްލީ" ގެ ސްކްރިޕްޓް ކެޓްރީނާއާ އެކު ހިއްސާކުރުމާ އެކު، އޭނާ އަށް ލިބުނު ކެރެކްޓާއާ ދޭތެރޭ ހިތްހަމަޖެހުނުލެއް ބޮޑުކަމުން އޭނާ ވަނީ ވަގުތުން ފިލްމަށް އެއްބަސްވެފަ އެވެ. އަދި ވިކާސް މި ވަގުތު އިންތިޒާރުކުރަމުން އަންނަނީ އަމީތާބު ފަހު ބަސް ބުނާނެ އިރަކަށް ކަމަށްވެ އެވެ. އެކަމަކު އޭނާ ވެސް ފިލްމަށް އެއްބަސްވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.
އަމީތާބު ދާދި ފަހުން ވެސް ވަނީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދިން ވަރަށް ކާމިޔާބު ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ދީޕިކާ ޕަދްކޯން ޓައިޓްލް ރޯލް ކުޅުނު، ޑައިރެކްޓަރު ސިރްކާސްގެ 2015 ގެ "ޕީކޫ" އެވެ.
ކެޓްރީނާގެ ބައްޕަގެ ރޯލް ކުޅެން އަމީތާބަށް ލިބުނު އިރު، އެ ދެ ތަރިން ކުރިން ވެސް ފިލްމެއްގައި އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ކެޓްރީނާ ބޮލީވުޑަށް ތައާރަފުވި 2003 ގެ "ބޫމް" އެވެ.
ދާދި ފަހުން ޓީވީ އިޝްތިހާރެއްގައި ވެސް އަމީތާބާއި އަންހެނުން ޖާޔާ ބައްޗަން ކެޓްރީނާގެ މައިންބަފައިންގެ ރޯލް ކުޅެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy