ދޮގު ޚަބަރެއް ފަތުރާފައިވާތީ އަކްޝޭ ކުމާރު ނޫހަކަށް ދައުވާކޮށްފާނެ

ނިއު ދިއްލީގައި ދިރިއުޅޭ އަކްޝޭ ކުމާރުގެ ދައްތަ އާއި އޭނާގެ ކުދިން މުމްބާއީ އަށް ގެންދަން އަކްޝޭ ކުމާރު ފްލައިޓެއް ޗާޓަރުކުރަން އުޅޭ ކަމަށް ބުނެ މީޑިއާއަކުން ފެތުރި ވާހަކައެއް، ދޮގުކޮށް، އެކަމާ ގުޅިގެން ދައުވާކޮށްފާނެކަމުގެ އިންޒާރު ދީފި އެވެ.


އެ ވާހަކަ ގެނެސްދީފައި ވަނީ އިންޑިއާ ފޯރަމްސް ކިޔާ އޮންލައިން ނޫހަކުންނެވެ. އޭގައި ބުނެފައި ވަނީ އިންޑިއާގައި ލޮކްޑައުން އިއުލާންކޮށްފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެތައް ބަޔަކު ތިބީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ގޮތެއް ނެތި ވަރަށް ހާލުގައި ކަމަށެވެ. ނަމަވެސް އަކްޝޭ އޭނާގެ ދައްތަ އާއި ދެ ކުދިން މުމްބާއީ އަށް ގެންދަން ފްލައިޓެއް ޗާޓަރުކޮށްފައިވާ ބުންޏެވެ.

މިހާރު ސައިޓުން ނަގާފައިވާ ޚަބަރުގެ ލިންކަކާ އެކު އަކްޝޭ ޓްވިޓާގައި ބުނީ އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ލޮކްޑައުން އިއުލާންކުރި ފަހުން ދައްތަ އެއްވެސް ތަނަކަށް ދަތުރުނުކުރާ ކަމަަށާއި އޭނާގެ ހުންނަނީ ވެސް އެންމެ ދަރިއެއް ކަމަށް ބުންޏެވެ.

"އެހެންވެ އަހަރެން އާއިލާގެ ބަޔަކު ދަތުރުކުރަން ފްލައިޓެއް ޗާޓަރުކުރި ކަމަށް ބުނާ ވާހަކަ އަކީ ހަމަ ފޭކް ވާހަކައެއް،" އަކްޝޭ ބުންޏެވެ. "ދޮގު ޚަބަރު ފަތުރާފައިވާތީ މިކަމާ ގުޅިގެން ގާނޫނީ ފިޔަޅު އެޅުމާ ދޭތެރޭ އެބަ ވިސްނަން."

ކޮރޯނާވައިރަހާ ހެދި މާޗް މަހުގެ 25 ގައި އިންޑިއާގައި އިއުލާންކުރި ލޮކްޑައުން އަށް ދޭން ފަށާފައިވާ ލުއިތަކާ އެކު ހާއްސަ ފިޔަވަޅުތަކާ އެކު އެތެރޭގެ އުދުހުންތަކުގެ ހިދުމަތް މިދިޔަ މަހުގެ 25 ގައި ވަނީ ފަށައިފަ އެވެ.