ވިޔަފާރި / ފިނޭންސް މިނިސްޓްރީ

ފުލުހުންނާއި ސިފައިންގެ ސިއްހީ ސްކީމްތައް: އިންސާފެއްތަ؟

ސެނަހިޔާ ހޮސްޕިޓަލް.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ބަޖެޓް އެކުލަވާލާއިރު ފެންނަ އެންމެ ބޮޑު އެއް އުނި ސިފައަކީ ހަރަދުތައް ކުރުމުގައި ތަފާތުކުރުންތައް ބޮޑުވުމެވެ. އެއީ އާ ވާހަކައެއް ނޫނެވެ. ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަކި މުއައްސަސާތަކަކަށް ހާއްސަ އިސްކަން ދެވޭ ކަމަށް އާންމުން އަބަދުވެސް ގަބޫލުކުރެ އެވެ.

ފުލުހުންނާއި ސިފައިންނަށް ރާއްޖޭގައި ކުރާ ހޭދަ، ދައުލަތަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ވަރަށް ބޮޑެވެ. މި އަހަރުގެ ބަޖެޓުން ވެސް ފެންނަން އޮތީ ހަމަ އެ މަންޒަރެވެ. ސިއްހީ ކަންތައްތަކަށް އެކަނި ކުރާ ހަރަދު ވެސް މިހާރު އަހަރަކު 100 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އެއީ ހަމައެކަނި ދައުލަތުގެ ބަޖެޓުން އެކަނި ކުރާ ހޭދަ އެވެ. އަދި، އެ ދެ މުއައްސަސާގައި ވެސް އެ ދެ ތަނުން އަމިއްލަ އަށް ހިންގާ ވެލްފެއާ ސްކީމްތަކެއް އޮވެ އެވެ.

ސިފައިންނާއި އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް އާސަންދައިގެ އިތުރުން ސިއްހީ މަންފާތައް ލިބެ އެވެ. އާސަންދަ އިންޝުއަރެންސް ސްކީމަކީ ވެސް ދައުލަތަށް އެހާ ބުރަ ބޮޑު ނިޒާމަކަށްވާ އިރު އެ ނިޒާމުގެ ބޭރުން ފުލުހުންނާއި އެމްއެންޑީއެފްގައި މަސައްކަތް ކުރުމަކީ ދައުލަތަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއްތޯ އެއީ ސުވާލު އުފެދިފައި އޮތް ކަމެކެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ފުލުހުންނާއި އެމްއެންޑީއެފްގެ ސިއްހީ ފަރުވާ އަށް 222 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރަށް އެކަނި 144 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ފުލުހުންނާއި ސިފައިންގެ ވެލްފެއާ ހަރަދުތައް އެއް އަހަރުން އަނެއް އަހަރަށް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެ ދެ މުއައްސަސާ އަށް 2020 ވަނަ އަހަރު ސިއްހީ ކަންކަމަށް 98 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ވޭތުވެދިޔަ އަހަރު 124 މިލިއަން ރުފިޔާ ވަނީ ސިއްހީ ފަރުވާ އަށް ހޭދަކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 20 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރަށް ކަނޑައެޅި ބަޖެޓުގައި މި އަދަދު ވަނީ 14 ޕަސެންޓަށް އިތުރުވެފަ އެވެ.

މި ހޭދަ ކޮންމެ އަހަރަކު ބޮޑުވާ ނަމަ މިއީ ދައުލަތުގެ ބަޖެޓަށް ނުއުފުލޭ ވަރުގެ ބުރައަށް ވެދާނެ ކަމަށް ރާއްޖޭގެ މާލީ ދާއިރާ ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވި އެވެ. އެއް ބޭފުޅަކު ވިދާޅުވީ، ސަރުކާރުގެ އިންޝުއަރެންސް ސިސްޓަމެއް އޮންނަ އިރު އޭގެ ބޭރުން އިތުރު މެޑިކަލް ސްކީމްތަކެއް ގެންދިއުމަކީ އެހާ ހަމަޖެހޭ އުސޫލެއް ނޫނެވެ.

ސިފައިންނާއި ފުލުހުންގެ ސިއްހީ ފަރުވާ އަށް އާސަންދައިގެ ބޭރުން ކުރާ ހޭދައިގެ ތަފްސީލު

މިއީ އިންސާފުވެރި ނިޒާމެއް ނޫން

ފުލުހުންގެ މެޑިކަލް ސްކީމުގެ ތެރެއިން ރާއްޖޭގައި ފޯރުކޮށްދޭ ހުރިހާ ސިއްހީ ހިދުމަތެއްހެން ކަވަރު ކުރެ އެވެ. މީގެ ތެރޭގައި އެންމެ އަގު ބޮޑު ސިއްހީ ހިދުމަތް ދޭ ތަންތަން ކަމަށްވާ އޭޑީކޭ އާއި ޓްރީ ޓޮޕް ވެސް، ޖީބުން އެއްވެސް އިތުރު ހޭދައެއް ނުގޮސް ކަވަރުކޮށްދެ އެވެ. ފުލުހުންނާއި އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހުންނަށް ސިއްހީ ހިދުމަތް ލިބޭ ސްކީމަކީ ދައުލަތުގެ ބައެއް އެހެން އިންޝުއަރެންސް ނިޒާމުތަކާ ހިލާފަށް "ފުލް ކަވަރޭޖް" އެއް ލިބޭ ސްކީމެކެވެ.

ޕަބްލިކް ފައިނޭންސިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، އާސަންދަ ފަދަ ޔުނިވާސަލް ހެލްތުކެއާ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށްފައިވާ އިރު ވަކި ބަޔަކަށް ހާއްސަ މެޑިކަލް ހަރަދުތަކެއް ދައުލަތުގެ ޓެކްސް ފައިސާއިން ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"މި އުޅެނީ އާސަންދައިގެ ހަރަދުތައް ވެސް އެހާ ބޮޑުވާތީ. ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވިގެން. އިތުރު މެޑިކަލް ސްކީމުތައް ހިންގަންޏާ އަނެއްކާ ވެސް ދައުލަތަށް ބޮޑު ބުރައެއް މީ."

"ދެން ބުނެވިދާނެ މިލިޓަރީ ވީމާ ހާއްސަ އިނާޔަތްތަކެއް ހުންނަން ޖެހޭނެއޭ. އެމެރިކާ ފަދަ ގައުމުތަކުގައި ވެސް މިލިޓަރީ އަށް ހާއްސަ ކަންކަން ހުރޭ. އެކަމަކު އެއީ އެންމެ ތަރައްގީ، މުއްސަނދި ގައުމުތައް. އަނެއްކޮޅުން އެ ތަންތަނުގެ މިލިޓަރީ އާއި ރާއްޖޭގެ މިލިޓަރީގެ ޒިންމާތައް ވަރަށް ތަފާތު. ރާއްޖެއާ ކިހިނެއް އެ ތަންތަނާ އަޅާކިޔާނީ. މިއީ ކުޑަކުޑަ އިގްތިސާދެއް އޮންނަ މާބޮޑު އާމްދަނީއެއް ލިބޭ ގައުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މިފަދަ ނިޒާމެއްގެ ތެރެއިން ދައުލަތުގެ ހަރަދުތައް އިތުރަށް ވާނީ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަންކަން ކަމަކަށް ގަބޫލެއް ނުކުރައްވަ އެވެ.

"މި އުޅެނީ އާސަންދައިގެ ހަރަދުތައް ވެސް އެހާ ބޮޑުވާތީ. ދެމެހެއްޓެނިވި ގޮތެއްގައި އެ ކަން ނުކުރެވިގެން. އިތުރު މެޑިކަލް ސްކީމުތައް ހިންގަންޏާ އަނެއްކާ ވެސް ދައުލަތަށް ބޮޑު ބުރައެއް މިއީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އާސަންދަ އަށް ދައުލަތުގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ ކަނޑައެޅި ބަޖެޓަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. މި އަހަރަށް އާސަންދަ ހިދުމަތް ދޭން ދައުލަތުގެ ބަޖެޓުގައި 730 މިލިއަން ކަނޑައަޅާފައިވާ އިރު ވޭތުވެދިޔަ ފަސް މަހުގެ ތެރޭގައި އޭގެ 80 ޕަސެންޓް ވަނީ ބޭނުންކޮށްފަ އެވެ. އެހެންވެ، މި އަހަރު ވެސް އާސަންދަ ބޭނުން ކުރާ ވަރު ކަނޑައެޅި ބަޖެޓަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މި ފާއިތުވެދިޔަ އަހަރުތަކުގައި އެއްވެސް ހިފެހެއްޓުމެއް ނެތި އާސަންދައިގެ ހަރަދުތައް އިންތިހާ އަށް އުފުލެމުން ދާތީ އެ ކަމަށް ފިޔަވަޅުތަކެއް އަޅަން މި އަހަރުގެ ބަޖެޓުގައި ވެސް ހިމެނި އެވެ. ބޭހުގެ އަގު ކޮންޓްރޯލް ކުރަން މުހިއްމު މަސައްކަތްތަކެއް ފެށި އެވެ. އެކަމަކު އަދިވެސް އެކަމާ ގުޅޭ ފިޔަވަޅުތަކެއް ވެސް ސަރުކާރަށް ނޭޅެ އެވެ.

ކޮންޓްރޯލެއް ނެތް ނިޒާމެއް، އެއް އަހަރުން އަނެއް އަހަރަށް ކުރާ ހޭދަ ބޮޑު

ފުލުހުންނާއި އެމްއެންޑީއެފްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުން ދާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެމްއެންޑީއެފްގެ މުވައްޒަފުން ސިއްހީ ފަރުވާ ހޯދަން މެމޯ އާއި އެ ނޫން ވެސް ބިލްތައް ޖެހޭނީ ސެނަހިޔާގެ ހާއްސަ ނަންބަރަކަށް ވައިބާ ކުރާ އެވެ. އެގޮތަށް ވައިބާ ކުރުމުން އެ ހޮސްޕިޓަލަކަށް ނުވަތަ ކްލިނިކަކަށް އެމްއެންޑީއެފުން ޕޭމެންޓް ހަމަޖައްސާނެ އެވެ. އެ ކަމަށް ނަގާނީ 10 ވަރަކަށް މިނިޓެކެވެ. މިއީ 24 ގަޑިއިރަށް އެމްއެންޑީއެފުން ދެމުން އަންނަ ހިދުމަތެކެވެ.

އެމްއެންޑީއެފުން ބުނީ ސެނަހިޔާގެ އިތުރުން އެހެން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސިއްހީ ހިދުމަތް ދެވޭނެ ގޮތްތައް ފަހި ކުރީ ވީހާ ވެސް ބޮޑަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ. ސެނަހިޔާއަކީ ހަމައެކަނި ސިފައިންނަށް ހިދުމަތް ދޭ ތަނެއް ނޫން ކަމަށާއި މަސައްކަތް ކުރަނީ އެ ހޮސްޕިޓަލުގެ ފަރުވާތައް މިހާރަށް ވުރެ ވެސް ފުޅާކުރަން ކަމަށް އެ މުއައްސަސާ އިން ބުނެ އެވެ.

"މިހާރު ގާތްގަނޑަކަށް ރާއްޖޭގައި ހިންގާ 90 ޕަސެންޓް ކްލިނިކުން އެބަ ހިދުމަތް ލިބޭ. އަނެއްކޮޅުން އެންމެ އަގު ބޮޑު ހޮސްޕިޓަލްތަކުން ހޯދާ ފަރުވާތައް ވެސް އެބަ ހިމެނޭ. ޓްރީ ޓޮޕުން ހޯދާ ހިދުމަތެއް ވިޔަސް އެބަ 100 ޕަސެންޓް ކަވަރު ކުރޭ. އެއީ އައިޖީއެމްއެޗް ނުވަތަ ސެނަހިޔާއިން ލިބޭ ހިދުމަތަކަށް ވިޔަސް ވަރިހަމަ. މިކަމުގައި ހަމަޖެހޭ އުސޫލެއް އެބަ އޮންނަން ޖެހޭ."

ފުލުހުންގެ މުއައްސަސާ އުފެދުނުތާ ކުރީކޮޅު އެ ތަނުގައި ދިނީ އެލައިޑް އިންޝުއަރެންސްގެ ހިދުމަތެވެ. ނަމަވެސް 2011 ހިސާބުގައި އެލައިޑް އިންޝުއަރެންސް ސްކީމުގެ ހުއްޓާލައި އެމްއެންޑީއެފުން ދޭ ކަހަލަ ގޮތަކަށް ފުލުހުންގެ ސިއްހީ ފަރުވާގެ ކަންކަން ބަދަލުކުރި އެވެ. ފުލުހުންނަކީ ދައުލަތުގެ ބަޖެޓުން ސިއްހީ ހިދުމަތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ މުއައްސަސާ އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް 74 މިލިއަން ރުފިޔާ ފުލުހުންގެ ސިއްހީ ފަރުވާ އަށް ކަނޑައަޅާފައިވެ އެވެ.

"މިހާރު" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ، ހާއްސަ އިނާޔަތްތަކެއް ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މުޅި ނިޒާމު ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް އޮތުން ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުންނާއި އެމްއެންޑީއެފްގެ ސިއްހީ ފަރުވާ އަށް ކުރާ ހަރަދު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ސެނަހިޔާ: ސެނަހިޔާއިން މިހާރު އަންނަނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން -- ފޮޓޯ: ނިޝާން އަލީ /މިހާރު

"މިހާރު ގާތްގަނޑަކަށް ރާއްޖޭގައި ހިންގާ 90 ޕަސެންޓް ކްލިނިކުން އެބަ ހިދުމަތް ލިބޭ. އަނެއްކޮޅުން އެންމެ އަގު ބޮޑު ހޮސްޕިޓަލްތަކުން ހޯދާ ފަރުވާތައް ވެސް އެބަ ހިމެނޭ. ޓްރީ ޓޮޕުން ހޯދާ ހިދުމަތެއް ވިޔަސް އެބަ 100 ޕަސެންޓް ކަވަރު ކުރޭ. އެއީ އައިޖީއެމްއެޗް ނުވަތަ ސެނަހިޔާ އިން ލިބޭ ހިދުމަތަކަށް ވިޔަސް ވަރިހަމަ. މި ކަމުގައި ހަމަޖެހޭ އުސޫލެއް އެބަ އޮންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުންނާއި އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދޭ ނަމަ އަމިއްލަ ބައެއް އިންޝުއަރެންސް ކުންފުނިތަކުން ފޯރުކޮށްދޭ ފަދަ އިންޝުއަރެންސް ސްކީމުތައް ދިނުން މާ ރަނގަޅު ކަމަށެވެ. އޭރުން އެ އިން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކުރިން ފުލުހުން ވެސް އިންޝުއަރެންސް ދިނީ އެލައިޑް މެދުވެރިކޮށް. އެފަދަ ގޮތަކަށް ވަކި ސްކީމެއް މެދުވެރިކޮށް އެކަން ކުރާ ނަމަ އެ ހިދުމަތައް ވަކި ބަޖެޓެއް ދުރާލާ ކަނޑައެޅޭނެ. ކޮންމެހެން ނުޖެހޭ އެދޭ ސިއްހީ ހިދުމަތް ފުލް ކަވަރޭޖަށް ވެސް ވާކަށް. އާސަންދައިގެ އިތުރުން ދޭ ފަރުވާގެ ވަކި ޕަސެންޓެއް ވެސް ކަވަރު ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ދައުލަތުގެ މުޅި ނިޒާމުގެ ހަރަދުތައް ހަމަހަމަކޮށް ވަކި އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން ވަކި ބަޔަކަށް ހާއްސަ މަންފާތައް ލިބޭ ކަންކަމަށް ގޮތްތަކެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަރަދުތައް ހާމަނައިޒް ކުރުމުގެ މަސައްކަތްތައް މި އަންނަނީ ކުރަމުން. ކުރިއަށް ހުރި އަހަރުގެ ބަޖެޓުތަކުން އެ ކަންކަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި މަސައްކަތުގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް ފޯރުކޮށްދޭ ހާއްސަ މެޑިކަލް ސްކީމާ ގުޅޭ ގޮތުން އަދި ގޮތްތަކެއް ސަރުކާރުން ނުނިންމަ އެވެ.

"ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތަކެއް ބަލައިގެން ކަންކަން ނިންމާނީ. އެއްވެސް ބަޔަކަށް ގެއްލުން ނުވާނެ ގޮތްތައް ބަލައިގެން ދައުލަތަށް ވެސް ބުރަ ނުވާނެ ގޮތަށް ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން އަންނަ އިރު އިތުރުވާ ހަރަދުތައް މެނޭޖްކުރަން ޖެހެނީ ބޮޑެތި ލޯނު ނަގައިގެންނެވެ. މިދިޔަ އަހަރު ދައުލަތުގެ ހަރަދު 33 ބިލިއން ރުފިޔާ އަށް އިރު އޭގެ 70 ޕަސެންޓް ހޭދަކުރީ ސަރުކާރުގެ އޮފީސްތައް ހިންގުމަށާއި މުވައްޒަފުންނަށް ކުރާ ހޭދަތަކަށެވެ.

ރިކަރަންޓް ހަރަދު ކޮންޓްރޯލުކޮށް ތަރައްގީގެ ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ ބޮޑު ކުރަން އިސްކަން ދޭން ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބޭރުގެ މާލީ އިދާރާތަކުން އަބަދުވެސް އަންނަނީ ލަފާ ދެމުންނެވެ. ސިފައިންނާއި ފުލުހުންގެ ސިއްހީ ހިދުމަތަށް މިހާރު 100 މިލިއަން ރުފިޔާ ހޭދަ ކުރާ އިރު އެކަން ކޮންޓްރޯލް ކޮށްފި ނަމަ އެ ކަމުން ވެސް ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކަށް ހޭދަކުރުމުގެ ފަހިވާނެ ކަމަށް މާލީ ދާއިރާގެ ފަރާތްތަކުން ފާހަގަކުރައްވަ އެވެ.

516 ކޮމެންޓް, 127 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 2%
icon angry icon angry 76%
icon wow icon wow 2%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާނާ

19 September 2022

ހޮސް÷ިޓަލްއަށް ދައުލަތުން ލާރިގަނޑެއް ދޭން ހަދާފައޮތް ރަގަޅު ޑީލެއް ދައުލަތުގެ ބިލްތަކުން ޓްރީޓޮޕް ހިނގާނެ މިހާރު. ޢާންމު ރައްޔިތުންނަށް އަގުބޮޑުވީމަ އަތްނުފޯރީ. އެހެންވެ ސަރުކާރުން ހޮސްޕިޓަލް ހިންގާދެނީ. ތަނުގެ ބޮޑުން ޕާރޓީއަށް ބައި އަޅާލީމަ ނިމުނީ. ޤަޢުމު ދަވާލާ މަކަރުވެރި ވިޔަފާރި ވެރިންނާ ސަރުކާރު ގުޅިގެން ރައްޔިތުން ޙައްޤު ދަވާލަނީ

The name is already taken The name is available. Register?

ގެރިބެ

08 August 2022

ފުލުހުންނާއި ސިފައިންގެ އިސްވެރިން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާނަމަ އެންމެ އާދައިގެ ކަމިޝަންޑް އޮފިސަރަކަށް 02 މީހަކަށް 02 ކޮޅު ޓިކެޓާއި މަދުވެގެން 1000 ޔޫއެސް ޑޮލަރު ދޭނެ. ސްޓާފް އޮފިސަރަކަށް ދޭވަރެއް ނޭނގޭ. ފުލުހުންގެ / ސިފައިންގެ ދަށު ރޭންކްތަކުގެ މުވައްޒަފުންނަށް އެންމެ ގިނަވެގެންވެސް ދޭނީ 200 ޑޮލަރު. ޓިކެޓް ބައެއް މީހުންނަށް ދޭ އަނެއްބަޔަކު އާސަންދައިން ހަމަޖައްސަނީ. މި ސަޤާފަތަކީ ރަން 30 އަހަރުއްސުރެ މި ރާއްޖޭގައި އޮންނަ ކަމެއް.

The name is already taken The name is available. Register?

އެމްސް

29 May 2022

ރަޢިއްޔަތުން (ފެލާ) މަޖިލިހަކީވެސް އާސަންދައިގެ ބޭރުން ހެލްތް އިންޝުއަރެންސް ސްކީމްތައް އޮންނަ ތަނެއް!

The name is already taken The name is available. Register?

3231

25 May 2022

ހަރަދު ކުޑަކުރަން މިނޫންކަމެއް ނުފެނުނު. ސިޔާސީ ބޭކާރު މަގާމުތަކާއި އެބޭފުޅުން ބޭރުގައުމުތަކަށްދާން ކުރާ ހަރަދުތަކޯ. ހަމަ އާދައިގެ ރައްޔިތަކަށް ރަނގަޅުކަމެއްވާތީ ތިއުޅެނީ. ފުލުހުންނާއި ސިފައިންނަކީވެސް ހަމަ ދިވެހިން. މައްސަލައެއްނެތް ކުރާ ހަރަދުތައް ބެލޭނޭ ހަރުދަނާ ނިޒާމެއް ގާއިމްކުރުން. އެކަމު މުޅި ސްކީމް ހުއްޓުވަން އަހަރެން ދެކޮޅު. އޭރުން ތިކަހަލަ ސްޓްރެސްފުލް ޖޮބްތަކުގަނޫޅޭނެ. ދެން ޖެހޭނީ ބަނގާޅީން ގެންނަން.

The name is already taken The name is available. Register?

1234

25 May 2022

ފުލުހުން ސިފައިން މަޖްލިސް އެހެންބައެއް ނުކިޔާ އާސަންދަ ނޫން ސަރުކާރުން ހަރަދުކުރާ ހުރިހާ މެޑިކަލް އިންޝުއަރެންސެއް ހުއްޓާލާ. އޭރަށް މިކަމުން ސަލާމަތްވާނީ.. އޭރައް ވަކި ބަޔަކަށް ދެނިއްޔޭ ނުދެނިއްޔޭ ކިޔޭކަށްވެސް ނޯންނާނެ. ސިފައިންނާ ފުލުހުންނަށް ހުންނާނެ ސެނަހިޔާއާ ނޫސަންދަ ކްލިނިކް .އެތަނުން ނުވާކަމެއް ވިއްޔާ ދެން ޑިއުޓީގައި އުޅޭ ގަޑީގައި ވާކަމަކަށް އެމީހުންނަށް ފަރުވާއެއް ދޭން އަމިއްލަ ތަނަކަށް ފޮނުވާނީ. މައްސަލަ ހައްލުވީ!

The name is already taken The name is available. Register?

ބޮޑުސޭލް

25 May 2022

ސާބަހޭ ސާބަހޭ ދަރިންނޭ. ހިލޭ ލިބޭ ކޮންމެ އެއްޗެއް، އެއީ ޒައްގޫމު ވިޔަސް ވާނެ އަނބިދަރިންނަށް ކާންދޭން އޭގެ މަންފާ ހޯދައިދޭން. އޭގެ ތެރޭގައި ފުރީ ޑްރީންކް ފުރީ ރައިޑް ފުރީ މެޑިކަލް މިހެން ގޮސް ފުރީ ކޮންމެ އެއްޗެއް ހޯދާތި ކެކެކެކެކެ

The name is already taken The name is available. Register?

ދައުލަތްބަގުރޫޓްވަނީ

25 May 2022

"2023 ނިމޭއިރު ރާއްޖޭގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ހިނގައިދާނެ: ޖޭޕީމޯގަން (ދުނިޔޭގެ އެންމެ ބޮޑު އެއް ބޭންކު)".. ދައުލަތައް ބަރާބަރަށް ޓެކްސް ދައްކާ އަމިއްލަފަރުދެއްގެ ހައިސިއްޔަތުން ސަރުކާރަށް ގޮވާލަން ވަގުތުންވަގުތައް އާސަންދަ ނޫން ހުރިހާ މެޑިކަލް ސްކީމްތަކެއް ހުއްޓާލަން. ފުލުހެއް ސިފައިންނެއް މަޖްލިހެއް ކިޔާނެކަމެއްނެތް. ދައުލަތް ދަރަނިވެރިވީމަ އޭގެ އެންމެ ބޮޑު ގެއްލުން ބަރުދާސްތުކުރަން މިޖެހެނީ ޓެކްސްދައްްކާ އަމިއްލަ ފަރުދުން.

The name is already taken The name is available. Register?

ބަގުރޫޓްވަނީ.....

25 May 2022

ހިތާމައިގެ ކޮޅެއްނެތް. ތަމެންނޭ އަވަހަށް ތަމެންވެސް ވައިފްސް ކައިރި ބުނޭ ކިޑްސްތައް ގޮވައިގެން ގޮސް ފުރީ މެޑިކަލް ހަދާލަން ދެން އޭޑީކޭ ޓްރީޓޮޕަށް ނުދާން. ގައުމު ބަގުރޫޓުވެ ބަނޑަށް ޖެހުނީމަ ވާގޮތް ލަންކާއިން އެބަ ފެނޭނު ދޯ. އޭގެ ކުރިން ސަމާލުވެ ރައްކާތެރިވެ ފިޔަވަޅު އަޅުއްވާ!

The name is already taken The name is available. Register?

ޝިޔާމް

25 May 2022

ރައްޔިތުންގެ މާލިއްޔަތުން ހައްގުނޫން ގޮތުގައި އެއްޗެއްގައި ދައުލަތުގެ މުވައްޒަފަކު ޖެހުމަކީ އަދި އޭގެ ފައިދާ ތިމާގެ ގާތް މީހުންނަށް ލިއްބައިދިނުމަކީ ކިހާ ނުބައިކަމެއްކަން އިސްލާމީ ސިޔަރަތުން އެގޭނެ. އެއީ ފައިސާ ވިޔަސް އިނާޔަތެއް ވިޔަސް. އަދި އަމުދުން އެކަން ތިމާމެންގެ އަނބިދަަރިންނަށްވެސް ދީގެން ނުވާނެ އެއީ ފާފައެއް ކޮންމެ ބަޔަކު ކުރިއަސް. ފާފައިން ދުރުވޭ.

The name is already taken The name is available. Register?

ސޯލްޖާރ

25 May 2022

ހެޔޮ ނަސޭހަތެއް ދެއްވީތީ ތިބާއަށް ﷲ ބަރަކާތްލައްވާށި. އަޅުގަނޑު މީގެ ފަހުން އަޅުގަނޑުގެ އަނބިދަރިންނަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ޓްރީޓޮޕް، އޭޑީކޭ، ކްލިނިކްތަކަށް ފޮނުވުން ނިމުނީ. ހަރާމް އެއްޗެއްގައި އަނބިދަރިން ޖައްސާކަށް ބޭނުމެއްނޫން އަޅުގަނޑެއް.

The name is already taken The name is available. Register?

އިސްތިޤުލާލު

25 May 2022

މިގައުމުގައި ނޯވޭ ހަރާމެއްހަލާލެއް ހައްގެއްނުހައްގެއް ހިލޭ އެއްޗެއް ލިބެންޏާ.ހިލޭ ލިބެންޏާ ކޮންމެ އެއްޗަކަސް ތިމާމެންގެ އަނބިދަރިންނަށް ކާންދޭނެ، އޭގެ ނަފާ ހޯދާ.އެހެޔޮ ރައްޔިތުންގެ ފައިސާވިއަސް. މަ މީގެ ކުރިން ހީކުރީ ފުލުހުން ތެރޭގައިވެސް ދީނަށް ލޯބިކުރާ ގިނަބަޔަކު އުޅޭނެ ކަމަށް އެކަމު މިހަބަރާ ގުޅިގެން ފުލުހުން ތެރެއިން ބައެއް މީހުން ދެއްކި ވާހަކަ ސީދާ މަގޭ ކަންފަތުން އަޑުއަހާފަ އިގިއްޖެ އަމިއްލަ އެދުމަ ޖެހުނީމަ ދީނެއް މިއްލަތެއްވެސް ނޯންނަކަން

The name is already taken The name is available. Register?

ގާދިރު

25 May 2022

ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކުރުމާ މަވެސް ދެކޮޅެވެ. ފުލުސް މީހާއަށް ބޭސްފަރުވާ ކުރުމަކަށް ދެކޮޅެއް ނޫނެވެ

The name is already taken The name is available. Register?

ހާފިޒު

25 May 2022

100 ގެ ކޮމެންޓެއްމީ!

The name is already taken The name is available. Register?

ސުވާލު

25 May 2022

މި ނިޒާުމުތަކުގައި ގިނައިން ހުންނަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް. އަތުން ފައިސާ ދީގެންނޫނީ، މިކަން ހައްލެއްނުވާނެ. އަނެއްކާ އެ ފަށަނީ ބިދޭސީން މެޑިކަލް ހުށަހަޅަން. ކުލިނިކުތައް އެބަހަދާ ހަމައެކަނި އެމީހުންގެ ޓެސްޓު ހަދަން. ބިދޭސީންގެ އިންސޫރެންސުން ވާކަމެއް ހަރާން. އަމުދުން އެލައިޑުން. ހޮސްޕިޓަލަށް ދާއިރަށް ބުނާނެ ނެތޭ ފައިސާ ދައްކައިފައެއް. ދެންއެވީ ޒުވާބުކުރަން. މީތަ ސަރުކާރުން ކުރުވާ ކަންކަމަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454