ދިރާގުން މި އަހަރުގެ ރޯދަމަހަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ. 

ދިރާގުން މިއަހަރުގެ ރޯދައަށް ހާއްސަ އޮފާތައް ތައާރަފްކުރީ އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ތައާރަފްކުރި އޮފާތަކަކީ:

  • ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ: މިއީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް 35ރ. އަށް އެއް ދުވަހަށް ހިލޭ ޑޭޓާ، އަދި 199ރ. އަށް 28 ދުވަހަށް ޑޭޓާ ލިބޭ އެޑްއޮންއެކެވެ. މި އެޑްއޮން ލިބޭނީ ރޭގަނޑު 9 އިން ދަންވަރު 1 ޖެހުމާ ހަމައަށެވެ.
  •  ހާރުދަމަށް އަންލިމިޓެޑް ޑޭޓާ އާއި ވޮއިސް ކޯލްސް: މިއީ، ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ރެއެއްގެ ދަންވަރު 1 އިން ފަތިހު 4 އަށް އެއް ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލް ލިބޭ އެޑްއޮން އެކެވެ. 

މި ދެ އޮފާގެ އިތުރުން ދިރާގުން ވަނީ ދެ މަސް ދުވަހުގެ މުއްދަތަށް ލިމިޓެއް ނެތް ފައިބާ ޕެކޭޖަށް އަޕްގްރޭޑު ކުރުމުގެ އޮފާއެއް ތައާރަފްކޮށްފަ އެވެ. މި އޮފާގެ ދަށުން މިހާރު ގެންގުޅޭ ޕެކޭޖުގެ އަގުގައި ލިމިޓެއް ނެތް ޕެކޭޖު ދެ މަސް ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ އެވެ. 

މީގެ އިތުރުން ދިރާގުން މި އަހަރު ވެސް ވަނީ އާއިލާގެ މެމްބަރުންނާއި އެކު ޑޭޓާ ޝެއާކުރެވޭނެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖަކީ އާއިލާގެ ހަތަރު މެމްބަރުންގެ މެދުގައި 30 ޖީބީއާ ހަމައަށް ޑޭޓާ ޝެއާ ކުރެވޭނެ ޕެކޭޖެކެވެ. އޭގެ އިތުރުން ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ އެކައުންޓް ބެލެންސުން ކެނޑޭ ގޮތަށް އަދި ޕްރިޕެއިޑް ކަސްޓަމަރުންގެ ބިލަށް ފައިސާ އިތުރުވާ ގޮތަށް، ފުޑީސް އެޕް މެދުވެރިކޮށް، ކެއުން ހަދިޔާ ކުރެވޭނެ އޮފާއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. 

ދިރާގު ކަސްޓަމަރުންނަށް މިއަހަރު އެންމެ ތަފާތު ކަމެއްގެ ގޮތުގައި ތައާރަފްކޮށްފައި ވަނީ އެކުންފުނީގެ މޮބައިލް އެޕަށް ލޯންޗު ކުރި ކާށި ބިންނަ ގޭމެވެ. އެޕް މެދުވެރިކޮށް ކާށި ބިންނަ ކަސްޓަމަރުންނަށް 2 ޖީބީއާ ހަމައަށް ޑޭޓާ ލިބޭނެ އެވެ. އަދި ކާށި ބިންނަ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެކަކަށް ދެ މީހެއްގެ ޗައިނާ ދަތުރެއް ވަނީ ހުށަހަަޅައިފަ އެވެ. 

މި އޮފާތަކުގެ އިތުރުން ދިރާގުން މި އަހަރު ވެސް ވަނީ ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. އަދި މިޝަން ފޮ މައިގްރަންޓް ވޯކާސްއާ ގުޅިގެން 1000 މީލް ޕެކް ޑޮނޭޓްކުރުމަށް ވަނީ ނިންމައިފަ އެވެ.

 ކަސްޓަމަރުންގެ ތެރެއިން މީލް ޕެކް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ދިރާގު ޕޭ މެދުވެރިކޮށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އޭގެ އިތުރުން މަމްސް އެންޖީއޯއާ ގުޅިގެން އެހީ ބޭނުންވާ އާއިލާތަކުގެ ތެރެއިން 100 އާއިލާއަކަށް ކެއާ ބާސްކެޓުތަކެއް ހަދިޔާކުރަން ވެސް ވަނީ ނިންމައިފަ އެވެ. 

ދިރާގުން މިއަހަރުގެ ރޯދައަށް ހާއްސަކޮށްފައިވާ ޝިއާރަކީ "އާއިލީ ގުޅުމެވެ". ދިރާގުން މި ޝިއާރަށް ބިނާކޮށް ތައްޔާރުކުރާ ކުރު ފިލްމެއް ނެރެން ވަނީ ހަމަޖެހިފަ އެވެ.