އާތްލިންގް އަކީ އާޓަށް ލޯބިކުރާ މީހުންނަށް އާ ނަމަކަށް ނުވާނެ އެވެ. ހަސަން ނާޖިހު ނުވަތަ އޭނާގެ އާޓިސްޓް ނަމުން ނަމަ އާތްލިންގް އަކީ ރާއްޖޭގައި "ކެލިގްރެފިޓީ" އާޓްގެ ކުރެހުންތައް ކުރެހުމުގައި މަގުބޫލުވި ފުރަތަމަ އާޓިސްޓެވެ.
މިއުޒިކްގެ ދާއިރާގައި މަސައްކަތް ކުރާ އާތްލިންގް އަކީ އަބަދުވެސް ކުރެހުމާއި ކްރިއޭޓިވް ދާއިރާ އަށް ޝައުގު ހުރި ޒުވާނެކެވެ. އޭނާ ކެލިގްރެފީ އާއި ގްރެފިޓީ ހިމެނޭ މި ތަފާތު އާޓްފޯމާ މެދު ޝައުގު އުފެދި, އެ މަސައްކަތް ކުރެވޭތޯ ބަލަން ފެށީ ކޮވިޑް ދުވަސްވަރު އެވެ.
"އެންމެ ފުރަތަމަ އެސެމިކް ރައިޓިން ޕްރެކްޓިސްކުރަން ފެށީ. އެއީ ހަމަ އެކްސްޕްރެސިވް ރައިޓިންއެއް. ދެން އޭރު ސޯޝަލް މީޑިއާއިން ފެނޭ އެހެން ގައުމުތަކުގައ ސްޓްރީޓް އާޓިސްޓުން ކެލިގްރަފީ ބޭނުންކޮށް ކުރަހާ ތަން އެ ކަމުގޮސްގެން އެކަން ވޭތޯ ޓްރައި ކޮށްލީ،" ތަފާތު އާޓްފޯމު ކުރަހަން ފެށުނު ގޮތް ކިޔައިދެމުން އާތްލިން ބުންޏެވެ.
އޭނާ ބުނީ މި ކުރެހުންތައް ކުރަހަން ފެށި ދުވަސްވަރު، ރާއްޖެއިން އެ ކަހަލަ ކުރެހުންތައް ނުފެންނަ ކަމަށެވެ. އެކަމަކު މި އާޓްފޯމްވީ، ދިވެހިންގެ މެދުގައި މަގުބޫލުވި އެއްޗަކަށް ކަމަށާއި އާޓަށް ލޯބިކުރާ ފަރާތްތަކާއި އެހެން އާޓިސްޓުންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރި އެވެ.
އާތްލިންގެ ހުނަރު އެންމެ ފުރަތަމަ ބޮޑު ޕްލެޓްފޯމެއްގައި ދައްކާލީ އަންވެއިލިން ވިޝަންގަ އެވެ. އެ އެގްޒިބިޝަންގައި އެންމެ މޮޅު ކެލިގްރަފީ އާޓިސްޓުގެ އެވޯޑު ވެސް ހޯދީ އޭނާ އެވެ. އާތްލިންގްގެ ހުނަރު އެކި ޕްލެޓްފޯމުތަކުގައި ދައްކަމުން ގޮސް އެކި ކުންފުނިތަކާ އެކު، ކޮލަބަރޭޓްކޮށް މަސައްކަތް ކުރުމުގެ ފުރުސަތުތައް ވަނީ ލިބިފަ އެވެ.
އޭނާ އަށް ދިރާގުން ވެސް މި އަހަރު ވަނީ އެފަދަ ފުރުސަތެއް ދީފަ އެވެ. ދިރާގުން ހަވާލުކުރީ މި އަހަރުގެ ރޯދަމަހަށް އެ ކުންފުނީގެ ދޮރުގައި "މިއުރަލް" އެއް ކުރެހުމަށެވެ.
ދިރާގުގެ ބްރޭންޑިންގައި ހިމެނޭ ކުލަތަކާއި އެލެމަންޓުތައް ހިމަނައިގެން ތައްޔާރުކުރަން ހަވާލުކުރި މި މިއުރަލްގެ މަސައްކަތުގައި އާތްލިން ވަނީ ގާތްގަނޑަކަށް 24 ގަޑިއިރު ހޭދަކޮށްފަ އެވެ.
"މި މިއުރަލް ކުރެހީ ދިރާގުގެ ބްރޭންޑިންގައި ހުންނަ ރެއިޒްތަކުގައި ކެލިގްރަފީ އާޓް ބޭނުންކޮށްގެން. މި ކުރެހުމަށް ކޮންސެޕްޓެއް ޑިވެލޮޕް ކުރިން. އެކަމަކު މިއީ ހަމަ ފްރީ ހޭންޑްކޮށް، އޮން ދަ ސްޕޮޓްގަ ކްރިއޭޓް ކުރަމުން ކުރެހި ކުރެހުމެއް،" އެ މިއުރަލްއާ ގުޅޭ ގޮތުން އާތްލިން ބުންޏެވެ.
"މިއީ ރޯދަމަހަށް ހަދާ ކުރެހުމަކަށް ވާތީ، އަރަބި ފީލެއް ގެނެވޭތޯ މަސައްކަތް ކުރިން."
އޭނާ ބުނި ގޮތުގައި، ދިރާގު ފަދަ ކުންފުންޏަކުން ދިވެހި އާޓިސްޓެއްގެ ހުނަރު ބަލައިގަނެ، މިފަދަ ފުރުސަތެއް ފަހިކޮށްދިނުމަކީ އެ ދާއިރާ އިން އާޓިސްޓުންނަށް ފުރުސަތު އިތުރުކުރުމަށް އެޅި ވަރަށް ވަރުގަދަ ފިޔަވަޅެކެވެ. އަދި މިފަދަ އެކި ފުރުސަތުތައް ދިރާގުން އާޓިސްޓުންނަށް ހޯދައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުންޏެވެ.
އާތްލިންގެ ހުނަރާ އެކު، ދިރާގުން މި އަހަރުގެ ރޯދަމަހަށް މަރުހަބާކީއިރު, މިއީ އެ ކުންފުނިން އެ މަހަށް ތައްޔާރުވުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މުހިންމު އެއް މަސައްކަތް ކަމަށް ދިރާގުން ބުންޏެވެ.
އެސިސްޓެންޓް މެނޭޖަރު, ޕީއާރް އެންޑް ސްޕޮންސާޝިޕްސް, ހަދީޖާ ނަޝާޔާ ނައީމް ވިދާޅުވީ ރޯދަމަހަކީ ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ޒީނަތްތެރިކޮށް، ގިނަ ކަންތައްތަކެއް ކުރާ މަހަކަށް ވުމުން މި މިއުރަލްއަކީ އެ ސަގާފަތް ދިރުވުމުގެ ގޮތުން އެ ކުންފުނިން ކުރެހި ކުރެހުމެއް ކަމަށެވެ. އަދި މިއީ އެ ސަގާފަތް ދިރިވުމުގެ އިތުރުން ލޯކަލް އާޓިސްޓަކަށް ފުރުސަތު ދިނުމުގެ ގޮތުން ކުރި މަސައްކަތެއް ކަމަށާއި ދިރާގަކީ އަބަދުވެސް ލޯކަލް އާޓިސްޓުންނަށް ފުރުސަތުތައް ފަހިކޮށްދީ, އެ އާޓިސްޓުން ބާރުވެރިކުރުވައި ފުރުސަތުތައް ހޯދަދޭން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.
ދިރާގަކީ ކޮންމެ އަހަރަކު ވެސް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ބްރޭންޑިންއަކާއި ތީމެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ.