"ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.  

މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން، ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. 

މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެނަލިޓިކްސް އާއި ބިޒްނަސް އިންޓެލިޖެންސް، ބްރޭންޑް އާއި މާކެޓިން ކޮމިއުނިކޭޝަންސް، ކްލައުޑް އާއި އައިޓީ ސާވިސެސް، ކޯޕަރޭޓް ސާވިސަސް، ސައިބާ ސެކިއުރިޓީ، ފައިނޭންޝަލް އެކައުންޓިން، ހިއުމަން ރިސޯސަސް، ރެވެނިއު އެޝުއަރަންސް ބިޒްނަސް ކޮންޓްރޯލް، ސޭލްސް، އަދި ސްޓޯސް އެންޑް ޕްރޮކިއުމަންޓްގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެޑްމިނިސްޓްރޭޝަން، މާކެޓިން، ސޭލްސް، ޕްރޮކިއުމަންޓް، ކޯޕަރޭޓް ސާވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. 

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ. އަދި މާލޭގެ އިތުރުން   ކުޅުދުއްފުށި، ބ.އޭދަފުށި އަދި ލ. އަތޮޅުގައި ހުންނަ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ދާނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި  ޕްރޮޖެކްޓް ހިންގާނެގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާއި ބެހޭ ގޮތުން ދިރާގުގެ އެކި ޑިޕާޓްމެންޓްގެ މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ އެވެ.  

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު އެޕްލައިކުރެވޭނެ އެވެ. 

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށީ 2009 ވަނަ އަހަރު އެވެ. އެ ޕްރޮގުރާމުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 312 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޖަމިއްޔާތަކުގައި ވެސް ވަޒީފާތައް އަދާކުރަމުންނެވެ.