ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް "އެލީޓް ކްލަބް ޕްލަސް" ތައާރަފްކޮށްފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިއަދު އޮތް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި މި ބަދަލު އިއުލާނުކޮށް އެ ކުންފުނީގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި ބަދަލަކީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ގިނަ ފައިދާތަކަކާއި މަންފާތަކެއް ހޯދޭނެ ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
"މިއީ ދިރާގުގެ މޯބައިލް ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ގޮތަށް، ޕޮއިންޓް ސިސްޓަމެއްގެ ދަށުން، ލޯޔަލްޓީ އެންޑް ރިޑީމް ޕްރޮގްރާމެއް،" މިރްޝާން ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ދިރާގުގެ ކަސްޓަމަރުން މި ޕްރޮގުރާމުގައި ބައިވެރިވުމުން ހިދުމަތްތަކަށް ފައިސާ ދެއްކުމުން ޕޮއިންޓު ލިބޭނެ އެވެ. މި ލިބޭ ޕޮއިންޓުތަކަކީ ދިރާގުގެ އެލީޓް ކްލަބް ޕާޓްނަރުންގެ ހިދުމަތްތައް ހޯދުމަށް، ރިޑީމްކޮށް ބޭނުން ކުރެވޭނެ ޕޮއިންޓެވެ.
ދިރާގު އެލީޓް ކްލަބް ޕްލަސް ތައާރަފްކޮށްފައި ވަނީ ހަތަރު ޓިއާ އަކަށް ބަހާލައިގެން، ހަތަރު ކާޑެކެވެ. އެއީ ގޯލްޑް، ސިލްވާ، ބްރޮންޒް އަދި ޕްލެޓިނަމް އެވެ. މިއިން ކޮންމެ ކާޑަކަށް ވެސް ހާއްސަ އެކްސްކްލޫސިވް ބެނެފިޓްތައް ލިބެން ހުންނާނެ އެވެ.
ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންގެ ގޮތުގައި މި ވަގުތު ތިބި ކަސްޓަމަރުން އޮޓޮމެޓިކުން އެލީޓްކްލަބް+ އަށް އެންރޯލްވާނެ އެވެ. އަދި، އެހެން މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް، އެލީޓްކްލަބް+ ބެނާ މެދުވެރިކޮށް ފަސޭހަކަމާ އެކު މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.
ދިރާގު އެލީޓް ކްލަބް ޕްލަސް މެމްބަރަކަށް ވުމަށް، ދިރާގު އެޕަށް ވަދެ، 'ޖޮއިން ކްލަބް މެމްބަ' ބެނާއަށް ފިތާލައިގެން ކްލަބުގެ މެމްބަރަކަށް ވެވޭނެ އެވެ.
ދިރާގުގެ އެލީޓް ކްލަބް ޕާޓްނަރުންގެ ގޮތުގައި 100 އަށް ވުރެ ގިނަ ވިޔަފާރިތައް ހިމެނެ އެވެ.