އާޓިފިޝަލްބީޗުން މިއަދު ލޮލުގައި އަޅައިގަތީ ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ރީތި ދޮރެކެވެ. ހުދު ކުލައިގެ މި ދޮރު ލައްޕާފައި ހުރި އިރު، ކުރިމަތީގައި ރަތް ފަށެއް ވަނީ ދަމައިފަ އެވެ. މާނައަކީ އެ ދޮރު އަދި ނުހުޅުވަ އެވެ. މި ދޮރާ މެދު އިތުރަށް ޝައުގުވެރިވީ މަތީގައި ޖަހާފައިވާ ދިރާގު ލޯގޯ އިންނެވެ.
ކަސްޓަމަރުންނަށް އަބަދު އަޕްޑޭޓް ދޭ ދިރާގުގެ ސޯޝަލްމީޑިއާ ބަލާލި އިރު ވެސް މި ދޮރާ ގުޅޭ ޕޯސްޓެއް ފެނުނެވެ.
ދިރާގުގެ މި ގޮތް ނޭނގޭ ދޮރުގެ ކުރު ވީޑިއޯއާ އެކު ބުނެފައި ވަނީ ބައެއް ދޮރުތަކަކީ، އިތުރު ނުވަތަ އާ ކަންތައްތަކަކަށް ހުޅުވޭނެ ދޮރެއް ކަމަށެވެ.
'ކަމިން ސޫން' ހޭޝްޓެގާ އެކު ކޮށްފައިވާ އެ ޕޯސްޓުގައި އިތުރު މައުލޫމާތެއް ނެތެވެ. އެހެންވެ، މިއީ ކަސްޓަމަރުންނަށް އަނެއްކާ ވެސް ތަފާތު ތަޖުރިބާއެއް ނުވަތަ ތަފާތު ފުރުސަތަކަށް ދިރާގުން ހުޅުވާލަން ތައްޔާރުވަމުންދާ ދޮރެއް ކަން އެ ވީޑިއޯ އިން އެނގެ އެވެ. މިއީ ދިރާގުގެ ކެމްޕޭނަކަށް ވެސް ވެދާނެ އެވެ.
މި ދޮރު، މާލޭގެ އާޓިފިޝަލް ބީޗު ސަރައްހަދުގެ އިތުރުން ސްކޭޓްޕާކު ފާރާއި، ހުޅުމާލެ ސެންޓްރޯ މޯލާއި ސެންޓްރަލް ޕާކުގައި ކުރިއަށް ދާ އެކްސްޕޯގެ އިިތުރުން ބައެއް ރަށްރަށުން ވެސް ވަނީ ފެނިފަ އެވެ.
ދިރާގަކީ ތަފާތު ޕްރޮމޯޝަންތަކަށް، ކަސްޓަމަރުންގެ ސަމާލުކަން ހޯދަން މީގެ ކުރިން ވެސް އެކި ކެމްޕޭންތައް ހިންގާފައިވާ ކުންފުންޏެކެވެ.
ދިރާގުން ބުނީ 'މިސްޓްރީ' ދޮރުގެ ފަހަތުގައި ވާ ސިއްރު ކަސްޓަމަރުންނަށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.