ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން، އަދި އާ އީޖާދުތަކަށް ހާއްސަކޮށް ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026"ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާ ގުޅިގެން އިންތިޒާމްކުރާ މި އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. 

މި އެކްސްޕޯގައި "ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަންނުވެރިންގެ ކުޅަދާނަ އަތްތެރި މަސައްކަތްތަކާއި ތަފާތު އުފެއްދުންތައް ފެނިގެންދާނެ އެވެ.

މި އެކްސްޕޯގައި ދިރާގު އެކްސްޕީރިއެންސް ސްޓޯލުން އެ ކުންފުނީގެ އެންމެ ފަހުގެ ހިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި ސްޓޯލަށް ޒިޔާރަތްކޮށް ދިރާގުގެ ހިދުމަތްތައް ނަގާ ފަރާތްތަކަށް ހާއްސަ އޮފާތަކާއި އިތުރު ފައިދާތައް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން އިންތިޒާމުކޮށްގެން ހިލޭ ބައިވެރިވެވޭ ހާއްސަ ގޭމިން ހަރަކާތްތަކެއް އެކްސްޕޯގައި ކުރިއަށް ދާނެ އެވެ. މި ހަރަކާތްތަކުގައި ބައިވެރިންނަށް އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. 

ޑީޖީޖީ އިން މޯލްޑިވްސް އެކްސްޕޯގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގޭމިން ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓާ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ހިމެނެ އެވެ. އަދި ޖީޓީ 7 ރޭސިން ސިމިއުލޭޓަރާއި ބީޓް ސޭބާ ފަދަ ވާޗުއަލް ރިއަލިޓީ (ވީއާރް) ގޭމްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އޭގެ އިތުރުން، ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވެސް ލިބޭނެ އެވެ.