ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެލީޓްކްލަބްގެ ޕާޓްނަރުންނާ އެކު ހާއްސަ އިވެންޓެއް ބާއްވައިފިއެވެ.

ދުސިތުޑީ2 ރިސޯޓު، ފޭދޫ ފިނޮޅުގައި ބޭއްވި އެ ހަފްލާގައި ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ދިރާގަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދީފަ އެވެ. އަދި، އެ އިވެންޓުގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވައިފައި ހުރި ހާއްސަ ކަންތައްތައް ވަނީ ޕާޓްނަރުންނާ ހިއްސާކޮށްފަ އެވެ. 

ދިރާގުން މިހާރު ވެސް އަންނަނީ 100އަށް ވުރެ ގިނަ ވިޔަފާރިތަކުން އެލީޓް ކްލަބް މެދުވެރިކޮށް، ކަސްޓަމަރުންނަށް އަގުހުރި އެތައް ފުރުސަތުތަކެއް ދެމުންނެވެ.

އެ ހަފްލާގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން އެލީޓް ކްލަބަކީ ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ޕްރޮގްރާމަކަށް ވެގެން ގޮސްފައިވަނީ، އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް ގިނަ އަގުހުރި ފުރުސަތުތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރެވިފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، މި ހިދުމަތް ޑިޖިޓަލައިޒްކޮށް، އިތުރަށް ފުރިހަމަކޮށް، އަދި ދިރާގާއި ޕާޓްނަރުންނާ ގުޅިގެން އެލީޓް ކްލަބްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ފަހު، ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ތަޖުރިބާގެ ފުރުސަތު ހުޅުވައިލުން." އޭނާ ވިދާޅުވި އެވެ. 

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ.

އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދީ އާ ފުރުސަތުތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.