މޯލްޑިވްސް އެކްސްޕޯ 2026 ގައި ހުންނަ ދިރާގުގެ އެކްސްޕީރިއެންސް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. 

ދިރާގުން ހުށަހަޅައިފައިވާ އިނާމުތަކުގެ ތެރޭގައި އެންމެ ފަހުގެ އައިފޯން 18 ޕްރޯއަކާއި، ހިތްގައިމު ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތުގެ އިތުރުން، ކޮންމެ ދުވަހަކު ދޭ އިނާމުތައް ހިމެނެ އެވެ. 

ދިރާގު ސްޓޯލަށް ޒިޔާރަތްކޮށް ޕޯސްޓްޕެއިޑް ނުވަތަ ލިމިޓެއްނެތް ފައިބާ ކަނެކްޝަނަށް އެދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯއެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ދިރާގުގެ އޭއައި ކޯލް އެސިސްޓަންޓް އައިވްއަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. 

މިހާރު ކުރިއަށް ދާ އެކްސްޕޯގައި ހުރި ޑީޖީޖީ ސްޓޯލް
މިހާރު ކުރިއަށް ދާ އެކްސްޕޯގައި ހުރި ޑީޖީޖީ ސްޓޯލް

އޭގެ އިތުރުން، ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން އައިވް ޑޭޝް ގޭމް ކުޅެގެން ލީޑަބޯޑުގެ އެންމެ ކުރި ހޯދާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25ޖީބީގެ ހިލޭ ޑޭޓާއާއެކު ހިލޭ މައިފައި ޑިވައިސްއެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ. އަދި  ދިރާގުގެ އެންމެ ފަހުގެ ޒަމާނީ އުފެއްދުންތަކާއި ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުގެ އިތުރުން، އެކްސްޕޯއަށް ހާއްސަކޮށްގެން ހުރި އަގުހުރި އޮފާތަކާއި ބެނެފިޓްތައް ވެސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގުން އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމު ކޮށްގެން ހާއްސަ ގޭމިން ހަރަކާތްތަކެއް ވެސް މި އެކްސްޕޯގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

ޑީޖީޖީއިން މޯލްޑިވްސް އެކްސްޕޯގައި ހިންގާ ގޭމިން ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓާ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ހިމެނެ އެވެ. އަދި ޖީޓީ 7 ރޭސިން ސިމިއުލޭޓަރާއި ބީޓް ސޭބާ ފަދަ ވާޗުއަލް ރިއަލިޓީ (ވީއާރް) ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް މުޅިން ހިލޭ ވަނީ ހުޅުވައިލައިފަ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ވަނީ ކަނޑައަޅައިފަ އެވެ.

މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މި އެކްސްޕޯ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.