މިއަދު ފެށުނު ރޯދަ މަހުގެ ފަހު 10ގައި ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާނީ މި މަހުގެ 11 އަދި 18 ގައި ކަމަށް އެ ބޭންކުން ބުނެފި އެވެ.

އަންނަ ބުދަ ދުވަހާއި އަންނަ ހަފުތާގެ ބުދަ ދުވަހު ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. އެ ވަގުތުތަކުގައި އަދި އޭގެ ފަހުން ވެސް ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. 

އަދި ރޯދަމަސް ނިންމައި ހަ ރޯދައިގައި ބޭންކުގެ ބްރާންޗުތައް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30އަށް ހުޅުވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮންމެ ރޯދަމަހެއްގެ ފަހު 10އެއް ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.

ފައިސާ ނެގުމައި ފައިސާ ފޮނުވުމުގެ މުއާމަލާތްތައް ބޭންކުގެ ސެލްފް ސާވިސް ސެންޓަރުތަކުގައި ހުންނަ އޭޓީއެމްތަކުންނާއި މޮބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.