ކުރިއަށް އޮތް ރޯދަމަހު އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާގެ އަޅުމަކަށް ދާ ދިވެހިންނަށް ފަސޭހައިން ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މި އަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.
އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ދޭނީ އެ ބޭންކުން މިއަދު ބުނި ގޮތުގައި އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. ހިދުމަތް ދޭނީ ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ދޫކޮށްގެންނެވެ.
އުމްރާ އަށް ދާ މީހުންނަށް ޑޮލަރު ވިއްކާ ދުވަސްތަކުގައި، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑައިލާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުުން ލިބޭނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 26 ގެ ނިޔަލަށް ކަމަށް ބީއެމްއެލުން ބުންޏެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށެވެ.
ބީއެމްއެލްއިން ބުނީ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނި ކަމަށެވެ. އަދި އުމްރާގެ އަޅުކަމަށް ދާ ކޮންމެ މީހަކަށް ވެސް ވިއްކަން ހަމަޖެހިފައިވަނީ 500 ޑޮލަރު ކަމަށް ބުންޏެވެ. ބީއެމްއެލް އިން ޑޮލަރު ގަތުމަށް ފައިސާ ދައްކަން ޖެހޭނީ ޑެބިޓް ކާޑުންނެވެ.
ބީއެމްއެލްއަށް ޑޮލަރު ގަންނަން ދާއިރު ކޮންމެ މީހެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށައަޅަން ޖެހެ އެވެ. އުމްރާ އަށް ދާ މީހެއްގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަން ދާ ނަމަ އެ މީހެއްގެ އައިޑީ ކާޑުގެ އަސްލު ހުށައަޅަން ޖެހޭނެ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އުމްރާ އަށް ދާ އެހެން މީހުންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ އެވެ.
ބީއެމްއެލުން ވަނީ މިދިޔަ އަހަރުގެ ރޯދަމަހު އުމްރާ އަށް ދިޔަ މީހުންނަށް ވެސް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ޑޮލަރު ވިއްކައިފަ އެވެ. އެ ފަހަރު އުމްރާ އަށް ދިޔަ ދިވެހިންގެ ބީއެމްއެލް ޑެބިޓް ކާޑުން އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ދޫކޮށްފައިވެ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ މިދިޔަ ރޯދަމަހު ރާއްޖެ އިން އުމްރާ އަށް ދިޔަ ކޮންމެ މީހެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިން ކަމަށެވެ. ޑޮލަރު ލިމިޓަށް ގެނައި އެ ބަދަލާ އެކު، ޖުމްލަ 1،005،172.82 ޑޮލަރު، 15.42 ގެ ރަސްމީ ރޭޓުން އުމްރާވެރިންނަށް ދޫކޮށްފައިވާ ކަމަށް ރައީސް އޮފީހުން އޭރު ބުނެފައި ވެ އެވެ.