ޑޮލަރުތަކެއް މީހަކު ދައްކާލީ: ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ބީއެމްއެލުން ދޫކުރި.-- ފޮޓޯ:މިހާރު
12 މެއި 2025 - 16:14
މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ދިވެހިންގެ ބީއެމްއެލް ޑެބިޓް ކާޑުން އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ދޫކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނީ މިދިޔަ ރޯދަމަހު ރާއްޖެ އިން އުމްރާ އަށް ދިޔަ ކޮންމެ މީހެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިން ކަމަށެވެ. ޑޮލަރު ލިމިޓަށް ގެނައި އެ ބަދަލާ އެކު، ޖުމްލަ 1،005،172.82 ޑޮލަރު، 15.42 ގެ ރަސްމީ ރޭޓުން އުމްރާވެރިންނަށް ދޫކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ފައިސާ އުމްރާވެރިންނަށް ފޯރުކޮށްދިިނުމަށް 8،979 ޓްރާންސެކްޝަން ޑެބިޓް ކާޑުތަކުން ހިންގާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އުމްރާއަށް ދިޔަ މީހުންގެ ތެރެއިން 1،300 މީހުން ޑެބިޓް ކާޑުން މުއާމަލާތްތައް ހިންގާފައިވެ އެވެ.
މިދިޔަ އަހަރުގެ ރޯދަަމަހު އުމްރާ އަށް ދިޔަ ކޮންމެ ކޮންމެ މީހެއްގެ ބީއެމްއެލްގެ ޑެބިޓް ކާޑަށް، އާންމު ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނީ އެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްއެމްއޭގައި އެދިވަޑައިގަތުމުންނެވެ.
މި އަހަރު ވެސް ރާއްޖެއިން ހައްޖަށް ދާ މީހުންނަށް ވެސް ބީއެމްއެލްގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓަށް 1،750 އިތުރުކޮށްދިނުމަށް ރައީސް މުއިއްޒު ވަނީ އެ ބޭންކުގައި އެދިވަޑައިގެންފަ އެވެ. ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް އެ ލިމިޓް ހަމަޖައްސައިދޭން ބީއެމްއެލުން މިހާރު ނިންމާފައިވުމާ އެކު، ކޮންމެ ހައްޖުވެރިޔެއްގެ ޑެބިޓް ކާޑަށް ޖުމްލަ 2،000 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެެވެ.
އެ ލިމިޓްގެ އިތުރަށް ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެމްއެމްއޭ އިން ދޭ 500 ޑޮލަރު ވެސް ހައްޖުވެރިންނަށް ލިބޭނެ އެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުގެ މަތިން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލައި، ފާސްކޮށް، ތަންފީޒުކުރަމުން އަންނަ ކަމަށެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމުން މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް އިތުރުވެފައިވާ ކަމަށާއި އަންނަ ސެޕްޓެންބަރު މަހުން ފަށައިގެން ސަރުކާރުގެ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
13 May 2025
ޑޮލަރު ނޫންއެހެން އެއްޗެއް ދުނިޔޭގައި ދައުރުކުރެވޭނެ ގޮތެއް ހޯދަންޖެހޭ އެބަ އޭރުން ޑޮލަރު ލިބުންވެސް ފަސޭހަވާނެއެވެ ހުރިހާ ގައުމެއްގެ ފައިސާ ދުނިޔޭގައި ދައުރު ކުރެވެން ވާނެއެވެ
ހިއްސާދާރެއް
13 May 2025
އާންމު ރައްޔިތުންގެ ބޮޑު އަދަދެެއްގެ ހިއްސާ އޮންނަ ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުގެ ޓްރާންސެކްޝަންތަކުގެ ޢަދަދުތައް ރައީސް އޮފީހުން ހާމަކުރަންޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. އެހެންކަމުން ކަސްޓަމަރުންގެ މަޢުލޫމާތުގެ ރައްކާތެރިކަމާމެފު އެބަ ސުވާލު އުފެދޭ. ބޭންކްއަކީ މިނިވަން އަދި ކަސްޓަމަރުންގެ އިތުބާރު ހިފަހައްޓަންޖެހޭ ތަނެއް. ނަމަވެސް މި ފެންނަނީ އަޅުވެތިކަން. ލައްކައިން މުސާރަދޭ ބޭންކްގެ ވެރިން މިއަށްވުރެ ޒިންމާދާރުވާންޖެހޭ.
ކޮރަލް
13 May 2025
އަޅުކަމަކަށް ދާ ބަޔަކަށް ކޮށްދެވޭ ރަނގަޅު ކަމެކެވެ. ފައިސާ ދެނީ ހަމަ އެކަނި އަޅުކަމުގަ އުޅޭ އިރު ނޫނީ އެކަމާ ގުޅުން ހުރި ކަމަކަށް ހަރަދު ކުރުމަށްކަމާ ބާކީ ފައިސާ އެއް ވާނަމަ ބޭންކް އާ ހަވާލުކޮށް ދިނުމަށް ފައިސާ ދިނުމުގެ ކުރީން މިނިސްޓްރީން ނޫނީ ބޭންކް އިން ހަނދާން ކޮށް ދިނުން ރަނގަޅެވެ.
ޑޮލަރޭ ބެ
13 May 2025
4 މިލިއަން ޑޮލަރެއް ނޫންތަ؟
އަލީ!!
12 May 2025
1500 ގެ ޑޮލަރު ލިމިޓެއްދިންއިރު ކިތަށް މީހުނަށް އެލިމިޓުން އެއްކޮށް ޑޮލަރު ނެގުނުބާ؟؟!
ޕިކްސް
13 May 2025
ކޮންމެހެން ޑޮލަރު ނެގޭކަށް ނުޖެހޭ. ކާޑުން އެއަދަދަށް ބޭނުން ކުރެވުނީމަ އެނިމުނީ. 1500 ޑޮލަރު ނޭގޭނަމަ ގިނަމީހުން އެ ބުލެކުގަ ވިއްކާލާނީ.
ގިނިމާދޫނި
12 May 2025
ރައްޔިތުންގެފައިސާ ރައްޔިތުންނަށްދޭއިރު ކަލަގޮވުންހުއްޓާލާ މެޗުއަރ ވާންނުވޭތޯ އަދިވެސް. މިހާރު ދަޢުރު ހަމަވާން ކައިރިވަނީ...