އަންނަ މަހުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ވަނަތަކަށް ހޮވުނު މީހުންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ފަހިކޮށްދޭ ފުރުސަތެއްގެ ދަށުން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތެރިންނަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެ ހިދުމަތް އަންނަ މަހުގެ ފުރަތަމަ ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަންނަ މަހުން ފެށިގެން ވިޔަފާރިތަކުން ބޭނުންކުރާ ހިދުމަތަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓުތައް ދަތިނުވާނެ ގޮތަށް ދެއްކޭނެ ކަމަށެވެ.
"އަދި ޑޮލަރުން ލިބޭ މި ފައިސާ ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ބޭނުން ކުރެވޭނެ ގޮތް ވެސް ހަމަޖެހިގެންދާނެ އިރާދަކުރެއްވިއްޔާ. އަދި ވިޔަފާރިތަކުން ބޭނުންކުރާ ހިދުމަތަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓުތައް ދަތިނުވާނެހެން ދެއްކޭނެ އިންތިޒާމު ވެސް އެކެއް ނޮވެމްބަރުން ފެށިގެން ހަމަޖެހިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ވެސް ދޭން ނިންމަވައި، އެކަން އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރެވޭނެ ގޮތަށް ހަމަޖައްސުމާއި ޖީއެސްޓީ ރަޖިސްޓަރީ ކުރަން އޮންނަ ތްރެޝްހޯލްޑް އަދަދު 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރުމުގެ އިތުރުން ކުދި ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓްކުރާ ރޯ މެޓީރިއަލްތަކުގެ ލިސްޓެއް ހަދައި، އެއަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލައި ލިބޭ އާމްދަނީ އިތުރުވާނެ މަގުތައް ހޯދައިދިނުން ކަމަށެވެ.