އިތުރު ހަތަރު އެއާލައިނަކުން ރާއްޖެ އަށް މި އަހަރު ދަތުރުތައް ފަށަނީ

އިތުރު ހަތަރު އެއާލައިނަކުން ރާއްޖެ އަށް މި އަހަރު ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މި އަހަރު އަލަށް ދަތުރުތައް ފަށަން ހަމަޖައްސާފައި ވަނީ ފްރާންސް އެއާ ފްރާންސް އާއި އިޓަލީގެ އެލިޓާލިއާ އާއި ބެންކޮކްގެ އެއާލައިނެއް އަދި އިންޑިއާގެ އެއާލައިނަކުން ކަމަށެވެ.

"އެއާ ފްރާންސް އާއި އެލިޓާލިއާ އިން ވަނީ މި އަހަރުގެ ވިންޓާ މޫސުމާ ދިމާކޮށް ދަތުރުތައް ފަށަން ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައި. ބެންކޮކުންނާއި އިންޑިއާ އިން ދަތުރުތައް ފަށަން ހުށަހަޅާފައިވާ ދެ އެއާލައިންގެ ލިޔެކިއުންތައް ހުށަހަޅާފައި އެބަހުރި. އެ ދެ އެއާލައިނުން ވެސް މި އަހަރު ދަތުރުތައް ފަށާނެ،" އޭނާ ވިދާޅުވި އެވެ.

ފްރާންސްގެ ގައުމީ އެއާލައިނުން ޕެރިހުގެ ޗާލްސް ޑިގޯލް އެއާޕޯޓުން އަންނަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ހަފުތާއަކު ދެ ދަތުރު ކުރަން ވަނީ ނިންމައިފަ އެވެ.

އެއާ ފްރާންސް އިން އޮޕަރޭޓްކުރަން ނިންމާފައި ވަނީ 312 ސީޓް ހުންނަ ބޮއިން 200-777 މަރުކާގެ ބޯޓެކެވެ.

އިޓަލީގެ އެލިޓާލިއާ އިން ރާއްޖެ އަށް ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު 31 އިން ފެށިގެންނެވެ. އެ ގޮތުން ހަފުތާއަކު ތިން ދަތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ. އެލިޓާލިއާ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 330 ގެ މަތިންދާބޯޓެކެވެ. މިއީ 250 މީހުންގެ ޖާގައިގެ ބޯޓެކެވެ.