އެފްޓީއޭއާއެކު ސަފާރީ ޓޫރިޒަމް ގެއްލިދާނެކަމުގެ ބިރު ބޮޑުވެއްޖެ

ރާއްޖެ އާއި ޗައިނާއިން މިދިޔަ ހަފުތާގައި ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން، ސަފާރީ ޓޫރިޒަމްގެ ތެރެއަށް ޗައިނާ މީހުން ވަދެ އަތްގަދަކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ރާއްޖޭގައި ދުއްވާ ސަފާރީ އުޅަނދުތައް ތަމްސީލްކުރާ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް ހަމީދު (އިއްސެ) މިރޭ ވިދާޅުވީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އޮތީ 144 ސަފާރީ ކަމަށާއި އެއް އަހަރު ތެރޭގައި 1،000 ސަފާރީ އަށް ބަދަލުވުމުން ސަޕްލައި ގިނަވެ މާކެޓް ފްލަޑްވާނެ ކަމަށެވެ. އަދި އެއާއެކު ސަފާރީ އިންޑަސްޓްރީގެ ކޮލިޓީ ވެސް ވެއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސާޅީސް އަހަރުވެފައިވާ ސަފާރީ އިންޑަސްޓްރީ އަށް ޗައިނާ އުޅަނދު އޮޕަރޭޓް ކުރުމުގެ ހުއްދަ ލިބުމުން އިންޑަސްޓްރީ ހަލާކުވާނެ. މި ހުރިހާ ދުވަހު ގާނޫނީ ގޮތުން 40 އެނދުން ދަށުގެ އުޅަނދު އަމިއްލަކޮށް އޮޕަރޭޓްކުރެވޭނީ ހަމައެކަނި ދިވެހިންނަށް،" އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ސަފަރީ އުޅަނދުތައް ބޭރު މީހުންނަށް ކުއްޔަށްދީފައި ހުންނަ ކަމަށާއި އެކަމަކު ހިންގުމުގެ ހުއްދަ އޮންނަނީ ދިވެހިންގެ އަތުގައި ކަމަށެވެ. އަދި ސަފާރީ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ގަވައިދުގައިވާ ގޮތުން އުޅަނދުތަކުގެ ކެޕްޓަންކަން ކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނެއްކަމަކީ ޑައިވް ސައިޓްތަކާއި ސަފާރީ ބްރޭކްތައް މިހާރު ހުރި ވަރުން ވެސް މިއޮތީ ތޮއްޖެހިފައި. އުޅަނދުތައް އިތުރުވާ އިރު ޓޫރިޒަމްގެ ކޮލިޓީ އޮންނަން ޖެހޭނެ. ޔުނިކް [ހާއްސަ ތަފާތު] ޑެސްޓިނޭޝަން [މަންޒިލް]އަކަށް ވާން ޖެހޭނެ،" އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޗައިނާ މީހުން ސަފާރީ އިންޑަސްޓްރީ އަށް ވަދެއްޖެ ނަމަ އަގުތައް ވެއްޓި، ސަޕްލައި ބޮޑުވެގެން މާކެޓް ހަލާކުވެދާނެ އެއެވެ

"އަޅުގަނޑުމެން އުއްމީދުކުރަނީ ސަރުކާރުން މި ކަމާ ބެހޭ ގަވައިދުތައް ހަދާއިރު އަޅުގަނޑުމެން އެންމެންނަށާއި އިންޑަސްޓްރީ އަށް ފައިދާވާނެ ގޮތަށް ވިސްނާނެ ކަމަށް،" އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ދިވެހިންނާ ނުލައި ޗައިނާ މީހުންނަށް ސަފާރީތައް އަމިއްލަކޮށް ހިންގުމުގެ ހުއްދަ ލިބޭނެތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ. އަދި ޕާޓްނާޝިޕް އުސޫލުންކުރާ ނަމަ މަދުވެގެން އެނދު ހުންނަން ޖެހޭ އަދަދާއި ދިވެހިން ހިއްސާވާނެ މިންވަރު ވެސް އެނގެން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަމުގައި އަހަރަކަށް ވަކި މިންވަރެއްގެ ކޯޓާއެއް އޮވޭތޯ އާއި ބޭރު މީހުންނަށް ފަޅުވެރިންގެ ގޮތުގަ އާއި ކެޕްޓަންކުރެވޭނެތޯ އާއި އަދި އެކަމަށް ހުއްދަ ދޭނެ މިންވަރެއް ކަނޑައަޅާފައިވާނެތޯ ބަލަން ބޭނުންވޭ. އަދި އޭގެ އިތުރުން ބޭރުގެ ސަފާރީ އުޅަނދުތައް ޓެކްސްއާ ނުލައި ގެނެސް ލޯކަލް ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނެތޯ ވެސް ބަލަން ބޭނުންވޭ،" އިއްސެ ވިދާޅުވި އެވެ.