ބުރުގާ އަޅާ ފެތުންތެރިންނަށް ނައިކީގެ ހިޖާބު ހެދުމެއް

ބުރުގާ އަޅާ އަންހެން ފެތުންތެރިންނަށް ނައިކީ ކުންފުނިން ހާއްސަ ހެދުމެއް ތައާރަފުކޮށްފި އެވެ.


އެ ކުންފުނީގެ ވިކްޓަރީ ސްވިމް ކަލެކްޝަންގެ ދަށުން ނެރުނު "ނައިކީ ވިކްޓަރީ ސްވިމް ކަލެކްޝަން" ހިޖާބުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ މޫނާއި ދެ އަތްތިލަ އާއި ފައިތަލަ ނޫން ހުރިހާ ތަނެއް ނިވާގޮތަށް ތައްޔާރުކޮށްފައިވާ ގަޔަށް ދޫ، އަތް ދިގު ޓޮޕަކާއި ދޫ ލެގިންސެކެވެ.

ނައިކީން ބުނިގޮތުގައި މި އުފެއްދުން ވެގެން ދާނީ ފެތުމުގެ މުބާރާތްތަކުގައި ވާދަކުރާ އަންހެނުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. އަދި މި ފަރުމާކޮށްފައިވަނީ ފަތަން ފަސޭހަވާނެ ގޮތްތަކަށް ބަލައިގެން ގަޔަށް ލުއި އެއްޗެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

ހިޖާބު ސްވިމްވެއާ ފަރުމާކޮށްފައި ވަނީ އެމިރޭޓްސްގެ އަންހެން ސްކޭޓަރު އަދި ހިޖާބު އަޅައިގެން މުޅިން އަލަށް މުބާރާތެއްގައި ވާދަކުރި އަންހެން ޝަހުސިއްޔަތުގެ ގޮތުގައި މަޝްހޫރުވި ޒަހްރާ ލާރީ އިންސްޕިރޭޝަނަކަށް ބަލައިގެން ކަމަށް ނައިކީން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ބުރުގާ އަޅާ އަންހެނުންނަށް ހާއްސަކޮށްގެން ފަތާހެދުމެއް ނެރެން ނިންމި މައިގަނޑު އެއް ސަބަބަކީ އެ ކުޅިވަރުގައި އުޅޭ މުސްލިމު އަންހެނުންނަށް ހާއްސަ އުފެއްދުންތައް މަދުވެ، އޭގެ ދަތިކަން ދިމާވަމުންދާކަމުގެ ޝަކުވާ ވެސް ލިބެމުން ދިއުމެވެ. އެހެންވެ އެކަމަށް ހޯދައިދޭ ވަރަށް ވެސް ރަނގަޅު ހައްލެއް ކަމަށް ބުންޏެވެ.

"މިއީ އެތައް އަންހެނުންގެ ވާހަކަ ނައިކީން އަޑުއެހުމުގެ ނަތީޖާ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އެތައް އުފެއްދުމެއް ނައިކީން ނެރޭނެކަމުގެ ޔަގީންކަން ދެން،" އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް އަދި ކްރިއޭޓިވް ޑައިރެކްޓަރު މާތާ މޯ ވިދާޅުވި އެވެ.

"ނައިކީ ވިކްޓަރީ ސްވިމް ކަލެކްޝަން" އާންމުކޮށް ވިއްކަން ފަށަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 އިން ފެށިގެންނެވެ. އެކަމަކު އަގުތައް އަދި އިއުލާނެއްނުކުރެ އެވެ.

ނައިކީން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ވޯޓަ ސްޕޯޓްތަކުގައި އުޅޭ އަންހެނުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި އުފެއްދުންތައް ގެނެސްދޭނެ ކަމަށެވެ.