އޭޕްރީލް މަހުގެ އާމްދަނީ 65 ޕަސެންޓު ދަށަށް

މިދިޔަ އޭޕްރީލް މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 648 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޭޕްރީލް މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 65 ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު 1.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.

އޭޕްރީލް މަހުގެ އާމްދަނީގެ ތެރެއިން 460 މިލިއަން ރުފިޔާ އަކީ ޓެކްސްގެ ފައިސާ އެވެ. ޓެކްސްގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ލިބުނީ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީންނެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ގިނަ ފައިސާ ދައުލަތަށް ލިބިފައިވަނީ ރިސޯޓް ކުލިންނެވެ.

ރާއްޖެ އަށް ވަންނަ އާމްދަނީގެ 60 ޕަސެންޓް ލިބެނީ ޓޫރިޒަމް ދާއިރާއިންނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓާލައި، ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން، ޓޫރިޒަމް ދާއިރާ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ސަރުކާރުން ވަނީ ފަސް ސިނޭރިއޯއެއް އަންދާޒާކޮށްފަ އެވެ. އޭގެ ތެރެއިން 8.95 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރަނީ "ސިނޭރިއޯ 3" ގަ އެވެ. އެންމެ ގޯސް ހާލަތު، "ސިނޭރިއޯ 5" ގައި ލިބޭނެ ކަމަށް އަންދާޒާކުރަނީ 6.62 ބިލިއަން ރުފިޔާ އެވެ. ރާއްޖެ އަށް ލިބޭ އާމްދަނީގެ 75 ޕަސެންޓަކީ ޓެކުހުން ލިބޭ އާމްދަނީ އެވެ. މީގެ އިތުރުން ދެން ހިމެނޭނީ ހިލޭ އެހީ އާއި ބޭރުގެ މާލީ އިދާރާތަކުން ލިބޭ ލޯނު ފައިސާ އެވެ.

މި އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 17.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.