ބޮލީވުޑްގެ ތިން ޚާނުން އިޒްރޭލު ބޮޑުވަޒީރާ ބައްދަލެއް ނުކުރި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިންޑިއާ ދަތުރުފުޅުގައި ހިންދީ ފިލްމު އިންޑަސްޓްރީގެ ފަންނާނުންނާ ބައްދަލުކުރަން ބޭއްވި ހަފުލާއަށް ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ޚާނުން ކަމަށްވާ އާމިރު ޚާނާއި ޝާހްރުކް އަދި ސަލްމާން ޚާން ނުދިޔަ އެވެ. މިކަމާ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ތިން އެކްޓަރުންނަށް ތައުރީފު ކުރަމުންނެވެ.


މުސްލިމް މިރާ ނޫހުގައިވާ ރިޕޯޓެއްގައިވާ ގޮތުން ނަތަންޔާހޫއާ ބައްދަލުކުރަން ޝާހްރުކާއި ސަލްމާން އަދި އާމިރު ނުދިޔައީ އެއީ ފަލަސްތީނުގެ މައުސޫމް އަންހެނުންނާއި ކުޑަކުދިންގެ ގާތިލްކަމަށް ވާތީ އެވެ.

ނަތަންޔާހޫއާ ބޮލީވުޑް ފަންނާނުން ބައްދަލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެންމެ ފާހަގަކޮށްލެވުނީ އަމީތާބު ބައްޗަން އުޅުނު ގޮތެވެ. ނަތަންޔާޙޫއާ އެކު ސެލްފީ ނެގުމާއި އޭނާއަށް މަރުހަބާ ކިއުމުގައި އެންމެ ކުރީގައި ހުރީ އަމީތާބެވެ. އަމީތާބާއެކު އޭނާގެ ދަރިފުޅު އަދި ބޮލީވުޑް ބަތަލު އަބީޝެކް ބައްޗަން އާއި ޅީދަރިފުޅު އަދި މަޝްހޫރު ބަތަލާ އައިޝްވަރިޔާ ރާއީ ވެސް މި ހަފުލާގައި ބައިވެރިވެ ފޮޓޯ ނެގި އެވެ.

އަމީތާބުގެ އާއިލާ ފިޔަވައި ޑައިރެކްޓަރު ކަރަން ޖޯހަރް، އިމްތިޔާޒު އަލީ އަދި މަދުރް ބަންޑާރްކަރް ވެސް މި ހަފުލާއިން ފެނުނެވެ.

ނަތަންޔާހޫއާ އެކު ބޮލީވުޑް ފަންނާނުން ނެގި ޚާއްސަ ސެލްފީގައި ޚާއްސަ އެހެން ކަމެއް ވެސް ފާހަގަ ކުރެވުނެވެ. އެއީ އައިޝްވަރިޔާގެ ކުރީގެ ލޯބިވެރިޔާ ވިވެކް އޮބްރޯއީ ވެސް މި ފޮޓޯގައި ހުރުމެވެ. މިއީ ވަރަށް ގިނަ ދުވަސް ވަންދެން ވަރަށް ދުރުދުރުން އުޅުމަށްފަހު ވިވެކް އާއި އައިޝްވަރިޔާ އެކުގައި ފެނުނު ފަހަރެކެވެ.

ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު ތިން ޚާނުން ކަމަށްވާ ސަލްމާން (ކ)، ޝާހްރުކް އަދި އާމިރު (ވ)

އެއްވެސް ޚާނަކު ނަތަންޔާހޫއާ ބައްދަލުނުކުރުމުން ސޯޝަލް މީޑީއާގައި ތައުރީފުކުރާ މީހުން ބުނަނީ އެއީ "ހަގީގީ ބަތަލުން" ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ނަތަންޔާހޫއާ ބައްދަލުކުރަން ތިން ޚާނުން އިންކާރުކުރީ އޭނާ އަކީ ޔަހޫދީ އަކަށް ވީމަ އެވެ.

އެކަމަކު މިއީ ގައުމީ ވަންތަކަމާ ދުރު އަމަލެއްގެ ގޮތުގައި އެއްބަޔަކު ސިފަ ކޮށް އެމީހުންނަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވެ އެވެ.

ބޮލީވުޑް އެކްޓަރެއް ކަމަށްވާ އީޖާޒް ޚާން ރެކޯޑްކޮށް ފޮނުވި މެސެޖެއްގައި އިޒްރޭލުގެ ބޮޑުވަޒީރާ ބައްދަލުކުރީތީ އަމީތާބާއި ކަރަން ޖޯހަރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.