ސައިފް ވައިއާރްއެފްގެ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައި ދޫކޮށްލައިފި

ސައިފް އަލީ ޚާނަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2004 ގެ ފިލްމު "ހަމް ތުމް" ގެނެސްދިން ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް އެއްބަސްވުމަށް ފަހު، އެންމެ ފަހު ވަގުތު އޭނާ އެ ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ސައިފް ދޫކޮށްލި ފިލްމަކީ 2005 ގައި ރިލީޒްކުރި އަބީޝެކް ބައްޗަން އާއި ރާނީ މުކަރްޖީގެ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެ ފިލްމަށް އެއްބަސްވުމަށް ފަހު، ސައިފް ކުއްލި ގޮތަކަށް ފިލްމު ދޫކޮށްލުމުން އެ ރޯލަށް އެހެން އެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

"ބަންޓީ އޯރް ބަބްލީ" ގެ ސީކްއެލްގެ ރޯލެއް ސައިފަށް ހުށަހެޅުމުގެ ކުރިން އަބީޝެކަށް ވެސް ފިލްމު ހުށަހެޅި ކަމަށްވެ އެވެ. އެކަމަކު އޭނާ އަށް ދިން ކެރެކްޓާގައި މާ ހާއްސަ ކަމެއް ނެތުނުން ފިލްމަށް އަބީޝެކް ވެސް އެއްބަސް ނުވި ކަމަށް މީޑިއާތަކުން ބުންޏެވެ.

ކުރިން އަޑު އަރާފައި އޮތް ގޮތުން "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައި ވެސް ކުޅޭނީ އަބީޝެކާއި ރާނީ އެވެ. އެ ފިލްމުގެ މުހިއްމު ރޯލެއް އަބީޝެކްގެ ބައްޕަ އަމީތާބް ބައްޗަން ވެސް ކުޅެފައިވެ އެވެ. އަދި ފިލްމުގެ ހާއްސަ ލަވައަކުން އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ ވެސް ފެނިފައިވެ އެވެ.

މީޑިއާތަކުން މިހާރު ބުނަމުން އަންނަ ގޮތުގައި "ބަންޓީ އޯރް ބަބްލީ 2" ގެ މައިގަނޑު ރޯލްތައް މި ފަހަރު ކުޅޭނީ "ގަލީ ބޯއި" އިން ތައާރަފުވި އެކްޓަރު ސިދާންތު ޗަތުރަވެދީ އާއި އަލަށް ތައާރަފުކުރާ ބަތަލާ ޝަރްވާރީ ވާގެވެ.

އަދި ކުރީގެ ފިލްމުގެ ޑައިރެކްޓަރު ޝާދު އަލީގެ ބަދަލުގައި ދެވަނަ ބައި ޑައިރެކްޓްކުރާނީ ވަރުން އެސް ޝަރުމާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް "ބަންޓީ އޯރް ބަބްލީ" ގެ ސީކްއެލްއާ ބެހޭ އެއްވެސް ވާހަކައެއް ވައިއާރްއެފުން ރަސްމީކޮށް އަދި ހިއްސާއެއް ނުކުރެ އެވެ.

ސައިފް އެ ފިލްމު ދޫކޮށްލި އިރު، އޭނާ ކުޅުނު ވައިއާރްއެފްގެ ފިލްމުތަކުގެ ތެރޭގައި ޕަރަމްޕަރާ (1993) ޔޭ ދިއްލަގީ (1994)، 2005 ގެ "ސަލާމް ނަމަސްތޭ" އަދި 2007 ގެ "ތަރަ ރަމް ޕަމް" ހިމެނެ އެވެ.