ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލް އެކީގައި ފެންނަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.


މި ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް ވަރުގަދަ ހަނގުރާމަވެރިއެއް ކަމަށްވާ ތާނަޖީ މަލަސޫރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައިވަނީ އަޖޭ އެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ކާސްޓުންގެ ތެރޭގައި ސައިފް އަލީ ޚާން، ނޭހާ ޝަރުމާ، ޝަރަދު ކެލްކަރް އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ދީޕިކާ ޕަދްކޯންގެ "ޗަޕާކް" ވެސް ރިލީޒްކުރާ ދުވަސް ކަމަށްވާ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ގަ އެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ވެސް ބައޮގްރަފިކަލް ޑްރާމާއެކެވެ.

"ޗަޕާކް" ގައި ދީޕިކާ ފެންނާނީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ރޯލުންނެވެ.

"ދަބަންގް 3" ގެ ޓްރެއިލާ މާދަމާ

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް 3" ގެ ޓްރެއިލާ މާދަމާ ދައްކައިލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމުގެ ޕްރޮމޯޝަންތައް ފަށައި ސަލްމާން އަންނަނީ އެކި ކަހަލަ ޕްރޮމޯޝަނަލް މެޓީރިއަލްތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ސަލްމާނާ އެކު މި ފަހަރު ވެސް ބަތަލާ ސޮނާކްޝީ ސިންހާ ފެނިގެންދާ އިރު، އާ ތަރިއަކު ވެސް ފިލްމުން ތައާރަފުކުރާނެ އެވެ. އެއީ އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެން ދަރިފުޅު ސާއީ މުކަރްޖީ އެވެ.

"ދަބަންގް 3" ގެ ޑައިރެކްޓްކުރީ ޕްރަބޫދޭވާ އެވެ.

ކުރިއަށް އޮތީ އައިޑޮލްގެ ތިއޭޓަ ރައުންޑް

ސޮނީ ޓީވީ ގެނެސްދޭ "އިންޑިއަން އައިޑޮލް" ސީޒަން 11 ގެ އޮޑިޝަން ޝޯތައް އާތިއްތަ ދުވަހުގެ ރޭ ނިންމައިލުމަށް ފަހު، ތިއޭޓާ ރައުންޑަށް ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ އެކި ކޮންކޮޅުތަކުން ބައިވެރިން ހިމަނައިގެން ގެނެސްދިން އޮޑިޝަން ޝޯތަކުން ފުރޭނިގެން ތިއޭޓަ ރައުންޑަށް 30 ބައިވެރިޔަކު ދަތުރުކޮށްފައި އެވެ. އޭގެ ތެރެއިން ގާލާ އަށް ގެންދާނީ 15 ބައިވެރިންނެވެ. ތިއޭޓަ ރައުންޑްގެ އެޕިސޯޑްތައް އަންނަ ހަފުތާގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭނެ އެވެ.

އިންޑިއަން އައިޑޮލްގެ ޖަޖުންނަކީ އަނޫ މަލިކް، ނޭހާ ކައްކަރް އަދި ވިޝާލް ދަދުލާނީ އެވެ. ޝޯގެ ހޯސްޓަކީ މި ފަހަރު އަދިތިޔާ ނާރަޔަން އެވެ.

ޖެކީގެ ބަދަލުގައި މަހޭޝް

ސަންޖޭ ގުޕްތާ މިހާރު ޝޫޓްކުރަމުން އަންނަ ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" ގައި ޖެކީ ޝްރޮފް ކުޅެން އޮތް ރޯލް އޭނާ ދޫކޮށްލުމުން، މަހޭޝް މަންޖްރޭކަރަށް ދީފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ޖެކީ ފިލްމު ދޫކޮށްލީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ. އެހެންވެ ކާސްޓަށް އަލަށް ހަމަޖެއްސި މަހޭޝް އަންނަ ހަފުތާގައި "މުމްބާއީ ސާގާ" ގެ ޓީމާ ގުޅޭނެ އެވެ.

ޖެކީ އަދި މަހޭޝް.

މި ފިލްމުގެ ލީޑް އެކްޓަރުންނަކީ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ، އަނިލް ކަޕޫރް، ޕަރްތީކް ބައްބަރު، ގުލްޝަން ގްރޯވާ، ސަމީރު ސޯނީ، ރޯހިތު ރޯއި، އަމޯލް ގުޕްތޭ އަދި ކާޖަލް އަގަރްވާލް ހިމެނެ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "މުމްބާއީ ސާގާ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން 19 ގަ އެވެ.