ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެކްޓަރު އަޔޫޝްމަން ކްރާނާ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު ސަސްޕެންސް ތުރިލާ "އަންދާދުން" ގެ ތެލެގޫ ފިލްމެއް ހަދަން ނިންމައި، ފިލްމު އިއުލާންކޮށްފި އެވެ.


ޑައިރެކްޓަރު ސްރީރާމް ރަގްވަން 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމުގެ ތެލެގޫ ފިލްމުގެ ނަން އަދި އިއުލާން ނުކުރި ނަމަވެސް މީގެ ބަތަލަކަށް ހަމަޖައްސާފައި ވަނީ މަޝްހޫރު ތެލެގޫ އެކްޓަރު ނިތިން އެވެ.

އަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ ފިލްމު ޕްރޮޑިއުސްކުރަނީ އެން ސުދާކަރް ރެޑީ އާއި ނިކިތާ ރެޑީ އެވެ. ޑައިރެކްޓަރަކީ މެރްލަޕާކާ ގާންދީ އެވެ.

ލޯ އަނދިރި ކަމަށް ހެދިގެން އުޅޭ މީހަކާއި މަރުގެ ސިއްރުތަކެއް ހޯދަން ކުރާ ކަންތައްތަކެއް ދައްކުވައިދޭ "އަންދާދުން" ގެ ބަތަލާއިންނަކީ ތައްބޫ އާއި ރާދިކާ އަޕްޓޭ އެވެ.

މިދިޔަ އަހަރުގެ ނެޝަނަލް އެވޯޑްގައި މި ފިލްމަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ސްކްރީންޕްލޭ އާއި އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑް ވެސް ހިމެނެ އެވެ.

"ރާދޭ" ގެ ޑިސްޓްރިބިއުޝަން ވައިއާރްއެފަށް

އަންނަ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޑިސްޓްރިބިއުޝަން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތުގެ ދަށުން އެ ފިލްމު އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދެއްކުމުގެ ހުރި ޒިންމާއެއް ނަގާނީ ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނިންނެވެ. ވައިއާރްއެފަކީ މީގެ ކުރިން ވެސް އެހެން ސްޓޫޑިއޯތަކުގެ ފިލްމުތައް ޑިސްޓްރިބިއުޓްކޮށްފައިވާ އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އެތަނުން މި ފަހަރު "ރާދޭ" އަށް އިންޑިއާ އިން ވަރަށް ގިނަ އަދަދެއްގެ ސިނަމާތައް ހޯދައިދޭން މަސައްކަތްކުރާނެ އެވެ.

މި ފިލްމަކީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފަށް ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމެކެވެ. "ރާދޭ" ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ސަލްމާނާ އެކު ފެނިގެންދާނީ ޑިޝާ ޕަޓާނީ އާއި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފާއި ގޯތަމް ގުލާޓީ އާއި ޒަރީނާ ވައްހާބެވެ. އަދި ފިލްމުގެ އައިޓަމް ލަވައަކުން ޖެކްލިން ފެނަންޑޭޒް ފެންނާނެ އެވެ.

"ކައިތީ" ގެ ހިންދީ ފިލްމު އަޖޭ އަށް؟

ދާދި ފަހުން އިއުލާންކުރި ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރިމެކްގައި ބަތަލުގެ ރޯލް ކުޅުމުގެ ފުރުސަތު ބޮޑި އަޖޭ ދޭވްގަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން މީޑިއާތަކުން ބުނީ މި ފިލްމަށް ރިތިކް ރޯޝަން ނުވަތަ ސަލްމާން ޚާން ނުވަތަ ރަންވީރު ސިންގް ގެންނަން މަސައްކަތްކުރަމުންދާ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ތަރިއަކަށް ފިލްމު ހުށަނާޅާ ކަމަށާއި "ކައިތީ" ހިންދީގެ ފިލްމަށް އޭގެ ޕްރޮޑަކްޝަން ޓީމުން ގެންނަން ބޭނުން ވަނި އަޖޭ ކަމަށް ބުންޏެވެ.

"ކައިތީ" އަކީ މިދިޔަ އަހަރު ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. ލޮކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށް، ކާތީ ބަތަލުގެ ރޯލް ކުޅުނު ފިލްމުގައި ކިޔައި ދެނީ ހުކުމެއް ތަންފީޒުކޮށް ޖަލުން މިނިވަންވާ މީހަކު އަނެއްކާ ވެސް ކުށެއްގައި ބެދިގެން ދިމާވާ ހާދިސާތަކެވެ.

މި ފިލްމުގެ ހިންދީ ރިމެކް ހަދަނީ ރިލަޔަންސް އެންޓަޓައިންމަންޓުންނެވެ.

ސަލްމާނާއި އަޔޫޝްގެ ފިލްމަކީ މަރާތީ ރިމެކެއް؟

ސަލްމާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފިލްމެއްގެ މަސައްކަތްކުރަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އެ ފިލްމަކީ މީގެ ކުރިން ސަލްމާން ރިމެކް ރައިޓްސް ވެސް ހޯދާފައިވާ ކަމަށް ބުނާ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" ގެ ރިމެކެވެ. މި ފިލްމަކީ ދަނޑުވެރިއަކަށް ދިމާވެފައިވާ މާލީ ދަތިކަމާ ހުރެ ދަނޑު ވިއްކައިލަން ނިންމުމުން އޭނާގެ ދަރިފުޅު އެކަމާ ދެކޮޅަށް ނުކުތުމުން ހިނގާ ކަންތައްގަނޑެއް ދައްކުވައިދޭ ފިލްމެކެވެ.

ޕްރަވިން ތަރުދޭ ޑައިރެކްޓްކުރި މި ކްރައިމް ޑްރާމާގައި ހިއްމު ރޯލްތައް ކުޅުނީ ސުނިލް އަބިއަންކަރާއި އޯމް ބުތުކަރެވެ.

ރިޕޯޓްތައް ބުނާގޮތުން މީގެ ހިންދީ ފިލްމު ޑައިރެކްޓްކުރާނީ 2018 ގައި އާޔޫޝް ބޮލީވުޑަށް ނުކުތް ފިލްމު ޑައިރެކްޓްކުރި އަބިރާޖް މިނަވާލާ އެވެ. އާޔޫޝް މިހާރު އަންނަނީ "ކްވާތާ" ކިޔާ ފިލްމެއް ކުޅެމުންނެވެ.