ފަރްހާން.
31 ޖުލައި 2020 - 08:26
އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ ފަރްހާން އަޚްތަރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މުމްބާއީ މިރާ އިން ބުނީ ފަރްހާނަށް ފިލްމު ހުށަހެޅުމާ ގުޅިގެން އޭނާ މިހާރު ފިލްމަށް ފެހި ސިގްނަލް ދީ، ފިލްމަށް ވަގުތު ހުސްކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ފިލްމުގެ އިތުރު ކާސްޓުން ހަމަޖައްސައި، ފިލްމު ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް ބުންޏެވެ.
ފަރްހާނަށް ރާކޭޝްގެ ރޯލް ހުށަހެޅި ކަމަށް ބުނެފައި މި ވަނީ ސަލްމާން ޚާނާއި ޒުވާން ބަތަލު ވިކީ ކޯޝަލަށް ވެސް ފިލްމު ހުށަހެޅި ކަމަށް އަޑުތަކެއް އަރާފައި ވަނިކޮށެވެ.
"ސެލިއުޓް" ގެ ނަމުގައި ރާކޭޝްގެ ފިލްމު އެންމެ ފުރަތަމަ 2017 ގައި ހުށަހެޅީ އާމިރު ޚާނަށެވެ.
އެކަމަކު އޭނާ ވަނީ ފަހުން އެ ފިލްމު ނުކުޅެން ނިންމައި، އެ ކުޅެދޭން ޝާހްރުކް ޚާންގެ ކިބައިން އެދިފަ އެވެ. އަދި ޝާހްރުކް ފިލްމަށް އެއްބަސް ވެސް ވި އެވެ. އެގޮތުން ފަހުން ފިލްމުގެ ނަމް "ސާރޭ ޖަހާ ސެ އައްޗާ" އަށް ބަދަލުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު 2018 ގެ "ޒީރޯ" ބޮޑުތަނުން ފްލޮޕްވުމުން ލިބުނު މާޔޫސްކަމާ އެކު، އެކްޓިން އިން ނެގި ބްރޭކާ އެކު ފިލްމު ވަނީ ދޫކޮށްލައިފަ އެވެ. ވިކީ އަށް ފިލްމު ހުށަހެޅި ކަމަށް ބުނެފައި ވަނީ އޭގެ ފަހުންނެވެ.
ރާކޭޝްގެ ބައޯޕިކަކީ މަހޭޝް މިތާއިީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
މި ފިލްމުން ފަރްހާން ފެންނާނެ ކަމަށް ބެލެވޭ އިރު، އޭނާ ވަނީ ކުރިން ވެސް ވަރަށް ކާމިޔާބު ބައޮގްރަފިކަލް ޑްރާމާއެއް ކުޅެފަ އެވެ.
އެއީ އިންޑިއާގެ ކުރީގެ ދުވުންތެރިޔާ މިލްކާ ސިންގްގެ ވާހަކަ ކިޔައިދިން 2013 ގެ ފިލްމު "ބާގް މިލްކާ ބާގް" އެވެ. އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކުރި އެ ފިލްމު ކުޅެގެން ފަރްހާނަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ ރާކޭޝް ޑައިރެކްޓްކޮށް ގެނެސްދޭ "ތޫފާން" އެވެ. އެ ފިލްމުގައި ފަރްހާން ފެނިގެންދާނީ ބޮކްސިންތެޅުންތެރިއެއްގެ ރޯލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy