ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޒުވާން ދެ ތަރިން ކަމަށްވާ ކިއާރާ އަދުވާނީ އާއި އަދިތިޔާ ސީލް ލީޑް ރޯލް ކުޅެފައިވާ ފިލްމު "އިންދޫ ކީ ޖަވާނީ" އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.


ވަރަށް ފަހުން މި ފިލްމުގެ ލަވައެއް ވެސް އާންމުކޮށްފައިވާ އިރު، މިއީ ނިކިލް އަދުވާނީގެ އެއްމޭ އެންޓައިންމަންޓާއި ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަބީރް ސެންގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "އިންދޫ ކީ ޖަވާނީ" އަކީ ކިއާރާ އާއި އަދިތިޔާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

މި މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި އަކްޝޭ ކުމާރުގެ "ލަކްޝްމީ" ގެ ބަތަލާގެ ރޯލް ވެސް ކުޅެފައިވާ ކިއާރާ މި ވަގުތު އަންނަނީ ވަރުން ދަވަންއާ އެކު "ޖުގްޖުގް ޖިއޯ" ގެ މަސައްކަތްކުރަމުންނެވެ.

އަރަމުން އަންނަ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝޭރުޝާހް" އާއި "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.

"އަންފެއާ އެންޑް ލަވްލީ" ގެ ޝޫޓިން ނިމުމަކަށް

މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފެށި ރަންދީޕް ހޫޑާ އާއި އިލިއާނާ ޑި ކްރޫޒްގެ ފިލްމު "އަންފެއާ އެންޑް ލަވްލީ" ގެ ޝޫޓިން ނިންމާލައިފި އެވެ.

ސޮނީ ޕިކްޗާޒް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ބަލްވިންދަރު ސިންގް ޖަނޫޖާގެ އަލަތު ޑައިރެކްޝަނެވެ. އޭނާ އަކީ އޭނާ "ސާންޑް ކީ އާނކް" އާއި "މުބާރަކަން" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރެވެ.

ރަންދީޕާއި އިލިއާނާގެ ޖޯޑު ސްްކްރީނަށް ގެންނަ ފުރަތަމަ ފިލްމު "އަންފެއާ އެންޑް ލަވްލީ" އަކީ އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރާނެ ފިލްމެކެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.

"ރާދޭ" އަންނަ އަހަރުގެ ފިތުރު އީދުގައި

މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެ ފުރުސަތު ގެއްލުނު ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން އަމާޒު ހިފައިފި އެވެ.

ދާދި ފަހުން ޝޫޓިން ވެސް އެއްކޮށް ނިންމައިލި މި ފިލްމު ސިނަމާތަކުގެ ބަދަލުގައި ސްޓްރީމް ޕްލެޓްފޯމަކުން ޕްރިމިއާކުރަން އުޅޭ ވާހަކަ ދޮގުކޮށް، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ މަސައްކަތް ކުރަނީ އަންނަ އަހަރުގެ ފިތުރު އީދުގައި "ރާދޭ" ރިލީޒްކުރަން ކަމަށެވެ. މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށް، ޑިޝާ ޕަޓާނީ ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމެކެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި "ރާދޭ" ރިލީޒްކުރުމުގެ މާނަ އަކީ ކުރިން އެ ދުވަހަށް ތާވަލުކޮށްފައި އޮތް ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްނުކުރުމެވެ. ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ އެ ފިލްމަކީ އަދި ޝޫޓިން ވެސް ނުފަށައި އޮތް ފިލްމެކެވެ.

އަންނަ އަހަރުގެ ފިތުރު އީދު ދިމާވަނީ މެއި މަހުގެ 12 ނުވަތަ 13 އަށެވެ.

ވައިއާރްއެފްގެ ފިލްމުގެ ޝޫޓިން ވިކީ ފަށައިފި

ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލް ސޮއިކުރި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ވަރަށް ސިއްރިޔާތުން ފެށި ޝޫޓިން މުމްބާއީގައި މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މި ފިލްމު އަދި ރަސްމީކޮށް ވައިއާރްއެފުން އިއުލާން ވެސް ކޮށްފައި ނުވާ އިރު، ފިލްމުގެ ނަން ވެސް އަދި ނޭނގެ އެވެ. އެކަމަކު މިއީ ދީނީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާކޮށް ހަދާ ލައިޓްހާޓެޑް ކޮމެޑީއެއް ކަމަށް މީޑިއާތަކުން ބުންޏެވެ.

"ތަގްސް އޮފް ހިންދުސްތާން" އާއި "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ހަދާ މި ފިލްމުގެ ބަތަލާ އަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ. އޭނާ ބޮލީވުޑަށް ތައާރަފުކުރާނީ އަކްޝޭ ކުމާރާ އެކު ވައިއާރްއެފުން ގެނެސްދޭ "ޕްރިތުވީރާޖް" އިންނެވެ.