ފައިބަ މުއްސަނދި ޑައެޓެއް ވަރަށް މުހިއްމު

އާންމުކޮށް ކުރިމަތިވާ، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުން ރައްކާތެރިވާން ބޭނުން ނަމަ މަތީ މިންވަރަކަށް ފައިބަ އެކުލެވޭ ކެއުންތަކަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ދަ ލެންސެޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޑައިޓްރީ ފައިބާ އާއި ހޯލް ގްރެއިން މާއްދާތަކުން މުއްސަނދިވެފައިވާ ކާނާތަކަކީ މީހާ ސިއްހީ ގޮތުން ދުޅަހެޔޮކޮށް ދިނުމާ އެކު، އުމުރު ވެސް ދިގުކޮށް ދޭން ބާރު އަޅާނެ އެއްޗިއްސެވެ.

ފައިބަ އިން މުއްސަނދިވެފައިވާ މޭވާގެ ބާވަތްތައް ކަމަށްވާ އޮރެންޖާއި ދޮންކޭލާއި ސްޓްރޯބެރީ އާއި އަނބާއި އާފަލާއި ރާސްބެރީގެ އިތުރުން ކުލަގަދަ ތަރުކާރީގެ ބާވަތްތަކަކީ ވެސް ފައިބާ ލިއްބައި ދޭނެ އެއްޗިއްސެވެ. މީގެ އިތުން ތަފާތު އެކި ކަހަލަ ނަޓްސް އާއި ބަރަބޮލާއި ސަންފްލާވާގެ އޮށްފަދަ އެއްޗިއްސަކީ ވެސް ސުފުރާގައި ހިމެނުން މަޖުބޫރު ބާވަތްތައް ކަމަށް ދިރާސާގައި ބުންޏެވެ.

މި ފަދަ ބާވަތްތައް ގަވައިދުން އާދަކޮށް ބޭނުން ކުރާ ނަމަ ހިތުގެ އެކި ކަހަލަ ބަލިތަކާއި ކެންސަރާއި ހަކުރާއި ލޭގެ ޕްރެޝަރު ވެސް ކޮންޓްރޯލްކޮށް ދޭނެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް މަދުވެގެން 25-29 ގްރާމްގެ ފައިބަ ކޮންމެހެން ވެސް ހަށިގަނޑަށް ބޭނުން ވާނެ އެވެ. އެހެން ނޫން ކަމަށްވާ ނަމަ ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާގައި ބުނެފައިވާ ގޮތުން ފައިބަ އިން މުއްސަނދިވެފައިވާ ބާވަތްތައް ބޭނުންކުރާ ނަމަ ޓައިޕް 2 ޑައިބެޓީޒް އާއި ކޮލޮރެކްޓަލް ކެންސަރާއި ސްޓްރޯކާއި ކޮރަނަރީ ހާޓް ޑިޒީސް (ސީއެޗްޑީ) ފަދަ ބޮޑެތި ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށް ދިނުމުގެ ފުރުސަތު 16-24 ޕަސަންޓަށް އިތުރުކޮށް ދެ އެވެ.