ކްލައިމެޓް ޗޭންޖް ކިޔަވަން އިޓަލީގައި މަޖުބޫރުކޮށްފި

އަންނަ އަހަރުން ފެށިގެން އިޓަލީގެ ތައުލީމީ ނިޒާމުގެ ކަރިކިއުލަމުގެ ތެރެއިން ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ކްލައިމެޓް ޗޭންޖް ކިޔަވައިދޭން ނިންމައިފި އެވެ.


މިކަމާ ބެހޭ ގޮތުން އިޓަލީގެ އެޑިއުކޭޝަން މިނިސްޓަރު ލޮރެންޒޯ ފިއަރޮމޮންޓީގެ ތަރުޖަމާނު ވިންސެންޒޯ ކްރެމެރޯޒާ ސީއެންއެން އަށް ވިދާޅުވީ މަޖުބޫރު ކަމެއްގެ ގޮތުގައި، ކްލައިމެޓާ ގުޅުން ހުރި ފިލާވަޅުތައް ސަރުކާރުގެ ހުރިހާ ސްކޫލެއްގެ، ހުރިހާ ގްރޭޑްތަކެއްގައި ކިޔަވައިދޭން ފަށާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

"މިއީ އަންނަ އަހަރުން ފެށިގެން މަޖުބޫރު ކަމަކަށް ވާނެ. ކިޔައިވައިދޭ ހުރިހާ މާއްދާތަކަކާ ގުޅުވައިގެން ސިިވިކް ކްލާސްތަކެއްގެ ގޮތުުގައި ކްލައިމެޓް ޗޭންޖާ ގުޅުން ހުރި ފިލާވަޅުތައް ނަގައިދޭނީ،" އޭނާ ވިދާޅުވި އެވެ. "އެގޮތުން އަހަރަކު ކްލައިމެޓް ޗޭންޖާ ގުޅޭ ފިލާވަޅުތައް މަދުވެގެން ތެއްތިރީސް ގަޑިއިރު ދަރިވަރުންނަށް ނަގައިދޭން ޖެހޭނެ."

އިޓަލީގެ ކަރިކިއުލަމަށް މި ގެންނަ ބަދަލާ އެކު އެ ގައުމުގެވެގެން ދާނީ ރަސްމީކޮށް ކަރިކިއުލަމްގެ ތެރޭގައި ކްލައިމެންޓް ޗޭންޖް ކިޔަވައިދޭ ދުނިޔޭގެ ފުރަތަމަ ގައުމަށެވެ. ކްލައިމެޓް ޗޭންޖް ނުވަތަ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ މައްސަލަތަކަކީ މިހާރު ދުނިޔޭގެ ހުރިހާ ގައުމުތަކެއްހެން ގައުމީ ފެންވަރުގައި ވަކާލާތުކުރާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

އިޓަލީގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި އާ ކަރިކިއުލަމް އެކުލަވަލައިލާނީ ސައިންޓުސްޓުންނާއި ތިމާވެށީގެ ތަޖުރިބާކާރުން ހިމެނޭ ހާއްސަ ޕެނަލަކުންނެވެ.

އޭގެ ތެރޭގައި ކޮލަމްބިއާ ޔުނިވަސިޓީގެ ސެންޓަ ފޮ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެފްރީ ޑީ ސޭޗެޒް އާއި އެމެރިކާގެ އިކޮނޮމިސްޓް އަދި ސޯޝަލް ތިއަރިސްޓް ޖެރެމީ ރިފްކިން ހިމެނެ އެވެ.

"ކިޔަވާ ކުދިންނަށް ކްލައިމެޓް ޗޭންޖް ކިޔައިވައިދީގެން ނޫނީ ކުރިއަށް އޮތް ތަނުގައި މިކަމާ ދެކޮޅަށް ކުރާ މަސައްކަތެއް ކާމިޔާބެއް ނުވާނެ. އެހެންވެ ބިންގާ އަޅަން ޖެހެނީ ތައުލީމީ ނިޒާމުގެ ތެރެއިން. ސްކޫލްތަކާ ހަމަމައިން،" މިނިސްޓަރު ވިދާޅުވި އެވެ.

އިޓަލީގެ އެޑިއުކޭޝަން މިނިސްޓަރު.

އޭނާ ވިދާޅުވި ގޮތުގައި ކްލައިމެޓް ޗޭންޖާ ގުޅުން ހުރި ފިލާވަޅުތައް މަޖުބޫރުކަމެއްގެ ގޮތުގައި ހިމަނައިގެން ކަރިކިއުލަމް ބައްޓަންވެގެން ދިއުމަކީ އިޓަލީން ތިމާވެށީގެ މައްސަލަތަކަށް ކުރާ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިހާރުގެ ޖީލު ކްލައިމެޓަށް ޗޭންޖްގެ އިޝޫތަކަށް އަހުލުވެރި ކުރުވި ވަރަކަށް ކުރިއަށް އޮތް ތަނުގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރެވޭނީ،" މިނިސްޓަރު ލޮރެންޒޯ ވިދާޅުވި އެވެ.