ކުރިމަގުގެ ޖީލު އޮތީ ނުރައްކަލެއްގެ ތެރޭގައި: ޑަބްލިއުއެޗްއޯ

ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި ކުރިމަގުގެ ޖީލު ނުވަތަ ކުދިންގެ މުސްތަގުބަލު އޮތީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.


ޔުނިސެފާއި ލެންސެޓް ކޮމިޝަނާ ގުޅިގެން އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓެއްގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ކުރިމަތިވަމުންދާ މައްސަލަތަކާއި ސިއްހަތަށް ރަނގަޅު ނޫން ކާނާ އާއި އެކަށީގެންވާ ސިއްހީ ފަރުވާ އާއި ޅަ އުމުރުގައި ކުދިން މަރުވާ މިންވަރާއި އެކަށީގެވާ ތައުލީމީ ފުރުސަތު ކުދިންނަށް ނުލިބުމުގެ މައްސަލަތައް ގައުމުތަކުގައި ބޮޑުވަމުންދާ ކަމަށެވެ.

އެގޮތުން ރިޕޯޓްގައި މިކަންކަމަށް ރިއާޔަތްކޮށް 180 ގައުމެއް ދަރަޖަކޮށްފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ރައްކާތެރި ވެއްޓެއްގައި ކުދިން ދިރިއުޅުމަށް ހުރަސް އެޅުމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ. އަދި މީގެ ސަބަބުން ކުދިންގެ މުސްތަގުބަލަށް ވަރަށް ބޮޑު އަސަރެއްކުރާނެ އެވެ.

ރިޕޯޓްގައި ވަނީ ބައެއް ގައުމުތަކަށް ކަންކަން ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ވެސް ބުނެގަ އެވެ. އެގޮތުން ކުރިމަގުގެ ޖީލަށް ރައްކާތެރިކަން ހޯދައި ނުދެވޭނެ ނަމަ، އެ ގައުމުތަކުގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށް ބުންޏެވެ.

ލެންސެޓް ކޮމިޝަންގެ ޗެއާ އަދި ނިއު ޒިލެންޑްގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް ވިދާޅުވި ގޮތުގައި ކްލައިމެޓް ޗޭންޖްގެ އަސަރުނުކުރާ ކުއްޖަކު މި ވަގުތު ދުނިޔޭގައި ނެތެވެ.

"އެހެންވީމަ އެބަޖެހޭ މި ދާއިރާތަކުން ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތްތަކެއްކުރަން. ކުދިންނަށް ރައްކާތެރި ވެއްޓަކާ އެކު ދުޅަހެޔޮ ސިއްހަތަށް ހޯދައި ނުދެވޭ ނަމަ އެއީ ވަރަށް ގިނަ މައްސަލަތަކެއްގެ ފެށުމަކަށްވާނެ." އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރުންގެ ޓީމަކުން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 2100 އާ ހަމައަށް އަންނަ އިރު ދުނިޔޭގެ ހޫނުމިނުން އިޔުރު 4 ޑިގްރީ ސެލްސިއަސް އަރާނެ އެވެ. އޭގެ ސަބަބުން އިންތިހާ އަށް ހޫނު ގަދަވެ، ދުނިޔެ އަށް އެތައް ގޮތަކުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާނެ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ކަނޑުތައް އުފުލުމާއި ކާނާ ލިބުން ދަތިވުމާއި އެކި ކަހަލަ ބަލިތައް އިތުރުވުން ހިމެނެ އެވެ.

އަދި މި މައްސަލަތައް ސީރިއަސްކަން ފަގީރު ގައުމުތަކުގައި ވަކން ބޮޑުވާނެ ކަމަށް ބުންޏެވެ.

"މި ސަބަބުތަކާ ހުރެ މިހާރުން މިހާރަށް އެބަޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން." ކޮމިޝަންގެ ކޯ-ޗެއާ އަދި ސެނެގާލްގެ ހެލްތު އެންޑް ސޯޝަލް އެފެއާޒް މިނިސްޓަރު އަވާ މެރީ ކޮލް-ސީކް ވިދާޅުވި އެވެ.

ރިޕޯޓްގައި ވަނީ މައްސަލަތައް ހައްލުކުރަން ކުރެވިދާނެ ބައެއް ކަންކަން ވެސް ރިކަމަންޑޭޝަންގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މައިގަނޑު ފަސް ކަމެކެވެ.

އެއީ ސީއޯ2 އެމިޝަން ހުއްޓައިލާއި ދުނިޔެ ރައްކާތެރި ތަނަކަށް ހެދުމާއި ދެމެހެއްޓެނިވި ތަރައްގީގައި ކުދިންނާ ގުޅުން ހުރި މައްސަލަތަކަށް އިސްކަން ދިނުމާއި ކުދިންނަށް އެކަށީގެންވާ ސިއްހަތާ އެކު އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް އާ ޕޮލިސީތަކެއް އެކަށައެޅުމާއި ކަންކަން ނިންމުމުގައި ކުދިންގެ ހިޔާލާއި ލަފާތައް ހޯދުމާއި އދ ކޮންވެޝަނުން ކުދިންނަށް ލިބިދޭ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށްޓަކައި އެކަމާ ދެކޮޅަށް ހުރި ކަންކަމާ ދެކޮޅަށް ގައުމުތަކުން މަސައްކަތްކުރުމެވެ.