މާސްކް އަޅަން ބުނުމުން ބަސް ޑްރައިވަރުގެ މޫނަށް ޖެހީ ކުޅު

ބަހަކަށް އެރި އަންހެނަކު އެހެން ފަސިންޖަރާ ދިމާލަށް ކެއްސާތީ މާސްކް އަޅަން ޑްރައިވަރު އެދުމުން އޭނާގެ މޫނަށް ކުޅު ޖަހާފައި ބަހުން ފޭބި މައްސަލައެއް އެމެރިކާގެ ފްލޮރިޑާގެ ފުލުހުން ބަލަން ފަށައިފި އެވެ.


މަޔާމީ ޑޭޑް-ކައުންޓީގައި ހނިގި މި ހާދިސާއާ ބެހޭ ގޮތުން ބަހުގެ އަންހެން ޑްރައިވަރު މިކޭޔާ ރޯލީ ބުނީ ބަސް ސްޓޮޕަކަށް މަޑުކުރިތަނާ އަންހެން މީހާ ބަހަށް އަރާފައި ސީޓްގައި އިށީނދެފައި އެހެން ފަސިންޖަރުންަށް ބެލުމެއް ނެތި ގަދައަށް ކެއްސަން ފެށީ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެގެން އޭނާ އަށް މާސްކެއް ދީފައި އަޅާށޭ ބުނުމުން ތެދުވެ، މޫނަށް ކުޅު ޖަހާފައި ފޭބީ ކަމަށް ބުންޏެވެ.

"އެއީ ވަރަށް ހިތްދަތިވި ވަގުތެއް. އަހަރެމެން މި ހާލަތު ވެސް ނުކުމެ ހިދުމަތް މި ދެނީ ހަމަ ރައްޔިތުންނަށްޓަކައި. އެކަމަކު ބަހަށް އަރާ ބައެއް މީހުން އެވަރު ނުދަނޭ. އަދި ބައެއް މީހުން ޕެސެންޖަރުންނާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނާ ނުލައި، ބަހަށް އަރާފައި އެކި ކަހަލަ ކަންކަން އެބަކުރޭ." ރޯލީ ބުންޏެވެ.

"ބޮޑު ބައްޔެއް ފެތުރިގެން އުޅޭ މި ކަހަލަ ހާލަތެއްގައި މޫނަށް ކުޅެއް ޖެހީމަ ކުރެވޭނެ އިހުސާސް އެނގޭނީ އެފަދަ ކަމެއް ތަޖުރިބާކުރެވުނީމަ."

އޭނާ ބުނީ ބަސް ޑްރައިވަރެއްގެ ވަަޒީފާ އަކީ އާމްދަނީ ހޯދަން ކުރާ މަސައްކަތް ކަމަށާއި އެ މީހުން ކުރާ މަސައްކަތް ބައެއް މީހުން ބަލައިނުގަންނާތީ ވަރަށް ހިތާމަކުރާ ކަމަށެވެ.

"ނުރައްކާތެރި ބޮޑު ބައްޔެއް ފެތުރިގެން އުޅޭ މި ކަހަލަ ހާލަތެއްގައި މޫނަށް ކުޅެއް ޖެހީމަ ކުރެވޭނެ އިހުސާސް އެނގޭނީ އެފަދަ ކަމެއް ތަޖުރިބާކުރެވުނީމަ. މިކަހަލަ ކަމެއް ކުރިއަކުން ދުވަހަކު ބެސް ދިމާވެފައެއް ނެތް. އަހަރެން ހިތްދަތިވި. ރޮވެން ވެސް ރޮވުނު. ދެން ޓިޝޫއަކުން މޫނު ފޮހެލައި، ސެނިޓައިޒާއެއް ކޮޅެއް އުނގުޅާލައިގެން އިނީ ޑިއުޓީ ނިމެންދެން،" ރޯލީ ބުންޏެވެ. "ދެން ގެއަށް ގޮސްފައި ބޭރުގައި ހުރެ ހެދުން ބާލައި ޑަސްބިނަށް ލާފައި ގެއަށް ވަނީ."

ކުޅު ޖެހި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ އިރު،. ރޯލީ ވަނީ ކޮވިޑް-19 އަށް ޓެސްޓް ވެސްކޮށްފަ އެވެ. އަދި އޭނާގެ ނަތީޖާ ދެއްކީ ނެގަޓިވްކޮށެވެ. ނަމަވެސް ރޯލީ މި ވަގުތު ހުރީ ސެލްފް އައިސޮލޭޝަނުގަ އެވެ. އޭނާ އަށް އަލުން މަސައްކަތަށް ނުކުމެވޭނީ އައިސޮލޭޝަނުގެ އެންމެ މަދުވެގެން ވެސް ހަފުތާއަކަށް މަޑުކުރުމަށް ފަހު އެވެ.

ކެލިފޯނިއާ ފުލުހުން ބުނީ ރޯލީ އަށް ދިމާވި ފަދަ އިތުރު މައްސަލަތަކާއި ސޯޝަލް ޑިސްޓޭންސިންއާ ހިލާފުވުމުގެ މައްސަލަތަކެއް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭ ތަންތަނުން ރިޕޯޓްކޮށްފައިވާތީ އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެމެރިކާ އަކީ ކޮވިޑް-19 ގެ ހާލަތު މި ވަގުތު އެންމެ ގޯސް ގައުމެވެ. އެ ގައުމުން މިހާތަނަށް 1.29 މިލިއަން މީހުންނަށް ބަލިޖެހިފައިވާ އިރު، 175،000 މީހުން މަރުވެފައިވެ އެވެ. އަދި ބަލިން 76,530 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވެ އެވެ.