ދަރިވަރުންނަށް ހާއްސަކޮށް "ފޭސްބުކް ކޭމްޕަސް" ލޯންޗްކޮށްފި

ޔުނިވަސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން ފޭސްބުކުން "ފޭސްބުކް ކޭމްޕަސް" ގެ ނަމުގައި އާ ޓޫލެއް ތައާރަފުކޮށްފި އެވެ.


އެފްބީގެ ޕްރޮފައިލްގެ ވާތް ފަރާތުގައި ހުންނަ ކެޓަގަރީތަކުގެ ތެރޭގައި "ކެމްޕަސް" މިހާރު އިންނާނެ އެވެ. އެއަށް ކްލިކްކޮށްލައިގެން މައި ޕްރޮފައިލާ ވަކިން ކެމްޕަސް ޕްރޮފައިލެއް ހެދޭނެ އެވެ. އެއަށް ބޭނުންވާނީ ކިޔަވާ ތަނުގެ މެއިލާއި ގްރެޖްއޭޝަން އަހަރެވެ.

ފޭސްބުކުން ނެރުނު ބަޔާނެއްގައި ބުނީ "ކޭމްޕަސް" ގެ މައިގަނޑު މަގުސަދަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިހާރު ކުލާސްތަކަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތު ކުޑަވެފައިވާތީ ދަރިވަރުންނާ ބައްދަލުވެވޭ ގޮތަށް ޕްލެޓްފޯމެއް ގާއިމުކޮށް ދިނުން ކަމަށެވެ. "ކޭމްޕަސް" މެދުވެރިކޮށް ދަރިވަރުން އެކަކު އަނެކަކާ ވީޑިއޯ ކޯލް ހަދައި ޗެޓް ވެސް ކުރެވޭނެ އެވެ. ޗެޓިން ވެސް އާ ޕްލެޓްފޯމްގައި އިންނަނީ މެސެންޖާއާ ވަކިންނެވެ.

"ކޭމްޕަސް" ގައި ދަރިވަރުންނަށް އެ މީހުންނާ ބެހޭ އިތުރު މައުލޫމާތު ވެސް ބޭނުން ނަމަ ޕްރޮފައިލްގައި ހިއްސާކުރެވޭނެ އެވެ. އަދި "ކޭމްޕަސް" ފަރުމާކޮށްފައި ވަނި ކިޔަވާ އިންސްޓިޓިއުޝަނަކާ ދަރިވަރުންގެ މެދުގައި ގްރޫޕް ވެސް ހަދާލައި އެތަނެއްގެ ހަރަކާތްތައް އަޕްޑޭޓްކުރެވޭ ގޮތަށެވެ. އެކަމަކު ގްރޫޕްތާއި ކެމްޕަސް އިވެންޓްތައް ޕަބްލިކެއް ނުކުރެވޭނެ އެވެ.

ފޭސްބުކުން ބުނީ އެ ޕްލެޓްފޯމުން ބްލޮކްކޮށްފި ނަމަ "ކޭމްޕަސް" އިން ވެސް އެ މީހަކު ބްލޮކްވާނެ ކަމަށެވެ.

"ފޭސްބުކް ކޭމްޕްސް" ހުޅުވައިލީ އެމެރިކާގެ 30 ޔުނިވަސިޓީއަކާ އެކީގަ އެވެ. އޭގެ ތެރޭގައި ބްރައުން،. ޖޯޖިއާ ސްޓޭޓް، ލިންކަން އަދި ފްލޮރިޑާ އިންޓަނެޝަނަލް ފަދަ ތަންތަން ހިމެނެ އެވެ.