ނިއު ރޭޑިއަންޓުގެ އެޓޭކުގައި ފާއިތުވި ހަތަރު އަހަރު ވެސް އެންމެ ގިނައިން ފެނުނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ފުރަތަމަ ދެ އަހަރު ހަމްޕުގެ ވިދުން ގަދަވި ނަމަވެސް މިދިޔަ ސީޒަނަކީ ނިއު އެކޭ އެއްގޮތަށް ހަމްޕު ވެސް ދަށް އަހަރެކެވެ. މި ފަހަރުގެ ސީޒަނަށް ނިއު ވަރުގަދަވެފައި އޮތްއިރު ހަމްޕު ދެކެނީ މިއީ އޭނާގެ ކެރިއަރުގެ މުހިއްމު އަހަރެއްގެ ގޮތުގަ އެވެ.

"އަސްލު ހަގީގަތުގައި ހިތްހަމަނުޖެހޭ މިދިޔަ އަހަރު ކްލަބުގައި ދެއްކުނު ކުޅުމާ މެދު. އެއީ ޓީމު އޮތީ ވެސް ބަލިކަށިވެފައި. އަނެއް ކޮޅުން ފޯމު ވެސް އެންމެ ރަނގަޅަށް ދިޔަ އަހަރެއް ނޫން،" ހަމްޕު "މިހާރަ"ށް ބުންޏެވެ.

މިދިޔަ ސީޒަނަކީ ފާއިތުވި ހަތަރު އަހަރަށް ބެލިޔަސް ނިއުގެ އެންމެ ދަށް އަހަރެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގު އެ ޓީމުން ނިންމާލީ ހަ ވަނައިގަ އޮވެ އެވެ. އެފްއޭ ކަޕްގެ ތިން ވަނަ ލިބުނު ނަމަވެސް ޕްރެޒިޑެންޓްސް ކަޕްގެ ސެމީން ވެސް ފުރުސަތު ނުލިބުނެވެ.

"ހުރިހާ ގޮތަކުން ބެލިޔަސް ދިޔައީ ދަށްކޮށް. ލީގުގައި މޮޅަށް ކުޅޭ ދުވަސްތަކަށް ފަހު ދެން ފެނުނީ އެއަށް ވުރެން ދަށްކޮށް ދިޔަތަން. ކޮންފިޑެންސް ގެއްލުމުން ކުރިޔަށްދާން ވަރަށް އުނދަގޫވި،" ހަމްޕު ކިޔައިދިނެވެ.

މި އަހަރަކީ ނިއު އަށް ވަރަށް ބޮޑު ބަދަލެއް އައި އަހަރެކެވެ. ކްލަބުގެ ހިންގުން ރަނގަޅުވިއިރު މޮޅު ކުޅުންތެރިންތަކެއް ވަނީ އެ ޓީމާ ގުޅިފަ އެވެ. އޭގެ ތެރޭގައި ނިއުއާ އެކު ކުރިން ކާމިޔާބީ ހޯދާފައިވާ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު (އިންމަ) ހިމެނެ އެވެ. އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެ ޓީމުން ފެނުން ގާތްއިރު، އެ ޓީމުން ވަނީ ފެންވަރު ރަނގަޅު ބިދޭސީ ހަތަރު ކުޅުންތެރިޔަކު ވެސް ގެނެސްފަ އެވެ.

މިދިޔަ ސީޒަނުގައި ޓީސީގެ ސައްޕޭ ކައިރިން ނިއުގެ ހަމްޕު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ ސީޒަނުގައި ޓީސީގެ ސައްޕޭ ކައިރިން ނިއުގެ ހަމްޕު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޓީމު ވަރުގަދަ ވުމުން އަސްލު ވަރަށް އުފާވޭ. މި ކުޅުންތެރިންނާ ކުޅޭއިރު ހިތްވަރު ލިބޭ އަބަދުވެސް. ޓީމު ވަރުގަދަ ވުމަކީ އަހަންނަށް ވެސް ކުރިޔަށްދާން ލިބޭ ހިތްވަރެއް،" ބ. އޭދަފުއްޓަށް އުފަން ހަމްޕު ބުންޏެވެ.

ފާއިތުވި ހަތަރު އަހަރު ތެރޭ ނިއުއާ އަށެއްކަ ކޯޗުން ހަވާލުވެފައިވާއިރު ހުރިހާ ކޯޗުންގެ ތައުރީފް ހަމްޕު އަށް ލިބެ އެވެ. މި އަހަރު ނިއު އަށް ކޯޗުކޮށްދޭނީ ޕޯޓޯ އާއި ބެންފީކާގައި މަސައްކަތްކޮށްފައިވާ ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސް އެވެ. ހަމްޕު ބުނީ ކޮންމެ ކޯޗަކާ އެކު މަަސައްކަތް ކުރާއިރު ވެސް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ޕްރެކްޓިހުގައި މޮޅަށް ކުޅެގެން ޓީމުން ޖާގަ ހޯދުމަށް ކަމަށެވެ.

"ވަރަށް ގިނަ ކޯޗުންނާ އެކު މަސައްކަތް ކުރެވިއްޖެ. ކޮންމެ ކޯޗެއް ވެސް ތަފާތު އެއްޗެހި ބުނެދޭ. އެންމެ ބޮޑަށް އިސްކަންދެނީ ޕްރެކްޓިހުގައި މޮޅަށް ކުޅެގެން ޓީމުން ޖާގަ ހޯދަން. އެއީ މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެކަން ޔަގީންވާތީ،" 2015 ވަނަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި ހަމްޕު ބުންޏެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ އަހަރު ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުޓްބޯޅަ ކެރިއަރުގެ މިހާތަނަށް ވެސް ހަމްޕު ވަރަށް ގިނަ ތަޖުރިބާ ކޮށްފި އެވެ. ޒުވާން އުމުރުގައި ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދާ ބޮޑެތި މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފި އެވެ. މިދިޔަ އަހަރު ކްލަބް ލެވެލްގައި ދަށްވި ނަމަވެސް ގައުމީ ޓީމުގެ މެޗުތަކުގައި ހަމްޕު މޮޅަށް ކުޅުނެވެ. މި އަހަރަކީ ގައުމީ ޓީމުގެ މުހިއްމު އަހަރަކަށްވާއިރު، ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުމަކީ ހަމްޕުގެ ބޮޑު އުއްމީދެކެވެ.

"ގައުމީ ޓީމުގެ މަގާމު ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން. މޮޅަށް ކުޅެގެން ޓީމުގައި ހުރެވޭނީ މި އަހަރުގެ އެންމެ ބޮޑު އެއް ޓާގެޓަކީ ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދުން. ފުރަތަމަ އެގާރައިގައިން ފުރުސަތު ހޯދަން ވަރަށް މަސައްކަތް ކުރާނަން،" ހަމްޕު ބުންޏެވެ.

އާ ސީޒަނަކާ ކުރިމަތިލާއިރު، ހަމްޕު ދެކެނީ މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ މުހިއްމު އަހަރުގެ ގޮތުގަ އެވެ. ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ކާމިޔާބުކުރި ހަމްޕު މިދިޔަ އަހަރު ފެނުނީ ފަޑުކޮށެވެ. އޭނާގެ އުއްމީދަކީ ކުރިން ދެއްކި ކުޅުމަށް ވުރެން މޮޅު ކުޅުމެއް މި އަހަރު ދެއްކުމެވެ.

"ސީޒަނާ މެދު ކުރެވޭ އުއްމީދު ބޮޑު. ހާއްސަކޮށް ނިއު އިން މި ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެއްޖެ. މިދިޔަ ސީޒަނުގައި ދަށްކޮށް ދިޔަ ނަމަވެސް ކުރިން އަހަރުތަކަށް ވުރެން މޮޅަށް މި އަހަރު ކުޅެން ބޭނުން،" ހަމްޕު ބުންޏެވެ.