މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ "ރެނަސާންސް ޓުއާ" ގެ ޝޯއެއްގައި އޭނާގެ ދަރިފުޅު ބްލޫ އައިވީ ސްޓޭޖުމަތީ ނެށުމުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ބޭއްވި ޝޯގައި ބްލޫ ވަނީ އޭނާގެ މަންމައާ އެކު ގާތްގަނޑަކަށް 80،000 މީހުންގެ ކުރިމަތީގައި ހުނަރުވެރި ނެށުމެއް ދައްކާލައިފަ އެވެ.
ބްލޫ ނަށާފައި ވަނީ ބިޔޯންސޭގެ 2019 ވަނަ އަހަރު ނެރުނު "މައި ޕަވާ" އަދި 2020 ވަނަ އަހަރުގެ ސިންގަލް "ބްލެކް ޕަރޭޑް" ލަވަޔަށެވެ. ސްޓޭޖުގައި ބްލޫ ލައިގެން ހުރީ މަންމަގެ ހެދުމާ އެއްގޮތަކަށް ހުރި، ވިދަވިދާ ހުރި އަޅި ކުލައިގެ ޖަމްޕްސޫޓެކެެވެ.
އުމުރުން 11 އަހަރުގެ ބްލޫ ސްޓޭޖަށް އައުމަށް ބިޔޯންސޭ އިއުލާނުކުރި ހިސާބުން ތަރުހީބު ހަޅޭކާއި އަތްތިލަބަޑީގެ އަޑު ގަދަވި އެވެ. އަދި ބިޔޯންސޭގެ ބެކަޕް ނެށުންތެރިންނާ އެއްވަރަށް ބްލޫ ވެސް ނަށާފައި ވަނީ ވަރަށް ފުރިހަމަ އަށެވެ.
މި އަހަރުގެ ކުރީކޮޅު ދުބާއީގައި އޮތް ޝޯއެއްގައި ވެސް ބިޔޯންސޭއާ އެކު ބްލޫ ވަނީ އެ ދެ މީހުންގެ ޑުއެޓު "ބްރައުން ސްކިން ގާލް" ލައިވްކޮށް ހުށަހަޅައިދީފަ އެވެ. އެ ލަވަޔަށް ލިބުނު ގްރޭމީއާ އެކު ބްލޫއަކީ ގްރޭމީ އެވޯޑު ލިބުުނު ދެވަނަ އަށް އެންމެ ހަގު ލަވަކިޔުންތެރިޔާ އެވެ.
މި މަހުގެ ކުރީ ކޮޅު ފެށި މި ޓުއާއަކީ ހަތް އަހަރަށް ފަހު ބިޔޯންސޭގެ ސޯލޯ ކޮންސާޓެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ޓުއާގައި ހުށަހަޅައިދޭން ހަމަޖެހިފައި ވަނީ އޭނާގެ ހަތް ވަނަ ސްޓޫޑިއޯ އަލްބަމް "ރެނަސާންސް" ގެ ލަވަތަކެވެ.
ބިޔޯންސޭ އަށް ސަޕޯޓުކުރަން ޓުއާގެ ޝޯތަކަށް އޭނާގެ ފިރިމީހާ ޖޭޒީ، 53، އާއި ދަރިފުޅު ބްލޫ ބައިވެރިވެ އެވެ.