ޓާޓާ ފްލެޓަށް ލޯނު ލިބުނީ އެންމެ 26 މީހުންނަށް

ކުރީގެ އަރަބިއްޔާ އާއި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން ލޯނު ލިބުނީ އެންމެ 26 މީހުންނަށް ކަމަށް ވުމުން، ބާކީ ތިބި މީހުންނަށް ފްލެޓް ނުލިބުމުގެ ބިރު ބޮޑުވެއްޖެ އެވެ.


ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން ލޯނު ހޯދަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 90 އަށް ވުރެ ގިނަ މީހުން ހުށަހެޅި އެވެ. އެ ބޭންކުގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ހޯދުމަށް މިހާތަނަށް ހުށަހެޅީ އެންމެ މީހެއް ކަމަށް އެނގިފައިވެ އެވެ.

އިސްލާމިކް ބޭންކްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ލޯނު ހޯދަން އެ ބޭންކަށް ހުށަހެޅި މީހުންގެ ތެރެއިން 26 މީހަކަށް ލޯނު ދޭން ނިންމި އިރު، 21 މީހުންނަށް ލޯން ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި މި އަންނަ ހަފުތާގައި އެ މީހުންނަށް ލޯނު ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް ލިބުނު މީހުން އެއް ފަހަރާ ފައިސާ ދެއްކުމަށް ފަހު ނުވަތަ ލޯނު ލިބުނުކަން މިއަދުގެ ނިޔަލަށް އެޗްޑީސީ އަށް އަންގަން ޖެހެ އެވެ.

އެތަނުން ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން ފައިސާ ނުދެއްކޭ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފަ އެވެ. ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން އެކަކު ފްލެޓްގެ އަގު އެއް ފަހަރާ ވަނީ ދައްކައިފަ އެވެ.

އެޗްޑީސީން ކުރިން ބުނި ގޮތުގައި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ހަދާ އެއްބަސްވުމަކަށް ފަހު އެވެ.

ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ގެދޮރަށް ފައިނޭންސް ކޮށްދޭ އެންމެ ދަށް ރޭޓަކީ ނުވަ ޕަސެންޓް އިންޓަރެސްޓް ރޭޓެވެ. އޭގެ ތެރެއިން އެމްއައިބީން ޑައުންޕޭމަންޓަށް 20 ޕަސެންޓް ދެއްކުމުން އަހަރަކު ނުވަ ޕަސެންޓް ޕްރޮފިޓްގައި 20 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ފައިނޭންސް ކޮށްދެ އެވެ. މިގޮތަށް އެ ބޭންކުން ފައިނޭންސް ކޮށްދެނީ ތިން މިލިއަނަށް ވުރެ އަގު ކުޑަ ތަންތަނަށެވެ.

އެމްއައިބީގެ ރޭޓްތައް ދައްކާ ގޮތުން ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި 3،454.939ރ. ދައްކަން ޖެހެ އެވެ. އެ އަދަދު ދައްކަން ޖެހެނީ ދެ މިލިއަން ރުފިޔާގެ ފްލެޓަކަށް މަހަކު 14،395.58ރ. ދައްކާ ނަމަ އެވެ. އެހެން ބޭންކުތަކާއި ފައިނޭންސް ކޮށްދޭ ތަންތަނުން 20 ޕަަސެންޓް ޑައުންޕޭމަންޓް ދެއްކި ނަމަވެސް އިންޓަރެސްޓްގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް އިންޓަރެސްޓް ޗާޖްކުރެ އެވެ.

ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ. އަދި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް އެކި މީސްމީހުން އަންނަނީ އެދެމުންނެވެ. ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.