އެތުލެޓިކްސްގައި އަރަމުން އަންނަ އުންމީދީ ދުވުންތެރިޔާ މުހައްމަދު މިންހާލް ޝާމިން އެއް މަސް ތެރޭ ދެވަނަ ފަހަރަށް 100 މީޓަރު ދުވުމުން ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފި އެވެ.
މިންހާލް ވަނީ މިދިޔަ މަހު 29 ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި 10.90 ސިކުންތުގެ ޓައިމިން އަކާ އެކު، 2021 ވަނަ އަހަރު ނެޝެނަލް ޗެމްޕިއަންޝިޕްގައި 10.95 ސިކުންތުން ދުވި އިބާދުﷲ އާދަމްގެ ރެކޯޑް މުގުރާލައިފަ އެވެ.
އޭގެ މަހެއް ފަހުން އިއްޔެ، މިންހާލް އެ ރެކޯޑް އާކުރީ، ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ފިރިހެނުންގެ 100 މީޓަރު އިވެންޓްގައި 10.82 ސިކުންތުން ދުވެގެންނެވެ. އޭނާ ދިޔައީ ވާދަކުރި ހީޓްގެ ހަތްވަނައަށެވެ.
މި އިވެންޓުގައި ދުވި ހަސަން ސާއިދު ދިޔައީ އޭނާ ވާދަކުރި ހީޓްގެ ހަވަނައަށެވެ. އޭނާގެ ޓައިމިން އަކީ 10.71 ސިކުންތެވެ.
އަންހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކުރި މަރިޔަމް އަލްހާ ހުސެއިން، އިވެންޓުގެ ފުރަތަމަ ހީޓުގައި ވާދަކޮށް ރޭސް ނިންމީ 12.52 ސިކުންތުންނެވެ. މި އިވެންޓުގެ ތިންވަނަ ހީޓުގައި ދުވި މަރިޔަމް ރޫޔާ އަލީގެ ޓައިމިން އަކީ 14.43 ސިކުންތެވެ.
އަންހެނުންގެ 400 މީޓަރު ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކުރި އައިޝަތު ހިމްނާ ހަސަން 56.66 ސިކުންތުގެ ޓައިމިންއަކާ އެކު ނިންމީ ހީޓްގެ ހަތަރުވަނައިގަ އެވެ. ތިންވަނަ ހީޓްގައި ދުވި ޒިވާ މޫސާ ޝަފީއުގެ ޓައިމިން އަކީ 59.36 ސިކުންތެވެ.
ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ވަނީ މިއަދު ހެނދުނު ފިރިހެނުންގެ 1500 މީޓަރު އިވެންޓުގައި ދުވެފަ އެވެ. އޭނާ ރޭސް ފުރިހަމަ ކުރީ ހަތަރު މިނިޓް 00.63 ސިކުންތުންނެވެ.