ޕީޕީއެމަށް މަޖުބޫރުން ސޮއިކުރުވާ ކަމަށް ބުނާ މައްސަލަ ނުބެލި

މަޖުބޫރުކޮށްގެން ޕީޕީއެމަށް މެމްބަރުން ވައްދާ ކަމަށް ބުނެ އެމްޑީޕީން ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅި މައްސަލަ ނުބެލި ކަމަށް އެ ޕާޓީން ބުނެފި އެވެ.


ޕީޕީއެމަށް މެމްބަރުން އިތުރުކުރަން ހިންގާ ކެމްޕެއިންގައި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކައި، އެ ތަންތަނުގެ އިސް ވެރިން ފޯމުތައް ބަހާ ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެ ޕާޓީން ހުށަހެޅީ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ލޭބާ ރިލޭޝަން އޮތޯރިޓީއަށެވެ.

ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނުން އެމްޑީޕީއަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ ބިރު ދައްކައިގެންނާއި މަޖުބޫރުކޮށްގެން އެއްވެސް ޕާޓީއަކަށް ސޮއިކުރުވާ ނަމަ، ލޭބާ ރިލޭޝަން އޮތޯރިޓީ އާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށެވެ. އަދި އެމްޑީޕީން ހުށަހެޅި މައްސަލަ އެ ކޮމިޝަނުން އިތުރަށް ބެލެން ނެތް ކަމަށް ވެސް އެޗްއާރުސީއެމުން ފޮނުވި ސިޓީގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ ޖަވާބަކަށް ވީ ކަމާ ގުޅުން ހުރި ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމެވެ.

ވެރިކަން ކުރާ ޕީޕީއެމަށް ވަންނަން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރު" ކުރަމުންދާ ކަމަށް ބުނެ ބައެއް މުވައްޒަފުން ދަނީ ޝަކުވާ ކުރަމުންނެވެ. ޕީޕީއެމަށް މެމްބަރުން އިތުރުކުރަން، މިހާރު ވަނީ ހާއްސަ ހަރަކާތްތަކެއް ވެސް ފަށައިފަ އެވެ،

މަޖުބޫރުކޮށްގެން ޕީޕީއެމަށް މެމްބަރުން ވައްދާ ކަމަށް ތުހުމަތުކުރައްވައި، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރުގެ ފުރަތަމަ ކިއުން މިދިޔަ ހަފްތާގައި އިއްވިއިރު، އަންނަ ހަފްތާގައި އެ ގަރާރަށް ބަހުސް ކުރާނެ އެވެ.

ޕީޕީއެމަށް މެމްބަރުން ވައްދަނީ މަޖުބޫރުކޮށްގެން ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެވާހަކަތައް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ދޮގުކުރައްވަ އެވެ.