އެކި ވައްތަރުގެ ބޫޓާއި ފައިވާން އުފެއްދުމުގައި މަޝްހޫރު ބާޓާގެ ރާއްޖޭގެ ޑިސްޓްރިބިއުޓަ ބާޓާ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ރާއްޖޭގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިތާ މީރާ މުހައްމަދު މާޖިދު ހަމަޖައްސައިފި އެވެ.
ބާޓާ މޯލްޑިވްސްއަކީ މަޝްހޫރު ވިޔަފާރި ކުންފުނި ސޮނީގެ ދަށުން ހިންގަމުން އަންނަ ވިޔަފާރިއެކެވެ.
ބާޓާ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަށް މީރާ ހަމަޖެއްސިކަން އިއުލާންކޮށް ސޮނީ ސްޕޯޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ބާޓާގެ ރާއްޖޭގެ އެމްބެސެޑަރަކަށް މީރާ ހަމަޖެހިގެން ދިއުމަކީ އެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށެވެ.
ސޮނީން ބުނީ މީރާއަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ލަވަ ކިޔުންތެރިއަކަށްވާތީ ބާޓާގެ އުފެއްދުންތައް މާކެޓްކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބި، ބާޓާގެ އުފެއްދުންތައް ދިވެހިންގެ ތެރޭގައި ކުރިއަށް ވުރެ ބޮޑަށް މަގުބޫލުވެގެން ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ރީތި ލަވަތަކެއް ގެނެސްދީފައިވާ މީރާ ބުނީ މިއީ އިންޓަނޭޝަނަލް ބްރޭންޑެއްގެ އެމްބެސެޑަރަކަށް އޭނާ ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށެވެ.
އޭނާ ބުނީ މަޝްހޫރު އަދި އާންމުންގެ މެދުގައި މަގުބޫލް ބްރޭންޑެއްގެ އެމްބެސެޑަރަކަށްވުމުގެ އުންމީދުގައި ހުއްޓައި ބާޓާ ކަހަލަ ބްރޭންޑެއް ޕްރޮމޯޓް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.އެހެންވެ ބާޓާ މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް މީރާ ބުންޏެވެ.
"ބާޓާގެ އުފެއްދުންތައް އަބަދު ވެސް އަހަންނަށް ވަރަށް ކަމުދޭ. އަދި މިކަހަލަ އިންޓަނޭޝަނަލް ކޮލިޓީ ބްރޭންޑެއްގެ އެމްބެސެޑަރުކަން ލިބުމުން ވަރަށް އުފާވެއްޖެ،" އޭނާ ބުންޏެވެ.