ހަތަރު ދުވަސް ތެރޭގައި ހާހަކަށް ވުރެ ގިނަ މީހުން ހުމަށް ފަރުވާ ހޯދައިފި

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 1،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.


ވައިރަލް ހުމުގެ އިތުރުން އެޗްވަންއެންވަން ނުވަތަ ސްވައިން ފުލޫ ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާއިރު މީގެތެރެއިން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ކިތައް މީހުން ކަމެއް ހޮސްޕިޓަލުން ނުބުންޏެވެ. އެޗްވަންއެންވަން އަށް ޕޮޒިޓިވްވާ ކޭސްތައް ބަލަހައްޓާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވެސް އެ އަދަދު އަދި ސާފެއް ނުވެ އެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ ހުން ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ. ހުން ޖެހިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 1098 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، އިއްޔެ އެކަނި ވެސް 475 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުމުގައި ޑޮކްޓަރަށް ދައްކާ އަދަދު އިތުރުވަމުން އަންނާތީ، ވީހާވސް ފަސޭހަ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމްތައް ހަމަޖައްސާފައި ވާނީ،" އޭނާ ވިދާޅުވި އެވެ.

ފެތުރެމުންދާ ރޯގާގެ އަލާމާތްތައް

- ހުން އައުން - ބޭރަށް ހިންގައި ހޮޑުލުން - ހީކަރުވައި ވަރުދެރަވުން - ކަރުގައި ރިހުން - ބޮލުގައި ރިހުން

މާލޭގައި ހުން ޖެހޭ މީހުންނަށް ފަރުވާ ދޭން އައިޖީއެމްއެޗާއި އޭޑީކޭގައި ހާއްސަ ކްލިނިކެއް ގާއިމްކޮށްފައިވާއިރު، ތާޖުއްދީން ސްކޫލުގައި ވެސް މިހާރު ވަނީ ފަރުވާ ދެމުންނެވެ.

އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ހުން ފެތުރޭތީވެ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.