އެޗް1އެން1ގެ ޓާސްކް ފޯސް މަޖިލިހަށް ހާޒިރުކުރަނީ

ރާއްޖޭގައި މިހާރު ފެތުރެމުން ދާ އެޗް1އެން1 ގެ ކަންކަން ބަލާ ޓާސްކް ފޯސް، ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މާދަމާ ރޭ ހާޒިރު ކުރަން ނިންމައިފި އެވެ.


ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހޯދަން ކޮމެޓީއަށް ހުށަހެޅުއްވީ މި މަހު 15 ގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގައި ހުންނެވި ރިޔާޒަކީ އެ ކޮމެޓީގެ މެމްބަރެއް ނޫނެވެ.

އެ މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވަނީ ރާއްޖޭގައި ފެތުރެމުން ދާ އެޗް1އެން1ގެ ހާލަތު ބަލަން ތާއީދުކުރައްވާފަ އެވެ. އަދި ސަރުކާރުގެ އެކި އިދާރާތައް މެދުވެރިކޮށް މައުލޫމާތު ހޯދުމުގެ މުހިންމުކަން ބޮޑުކަން ވެސް މެމްބަރުން ފާހަގަކުރެއްވި އެވެ.

ކޮމެޓީގެ މެމްބަރު، އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވަނީ ޓާސްކް ފޯސްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ވެސް ކޮމެޓީއަށް ހާޒިރު ކުރަން ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ދެ މިނިސްޓްރީގެ އިސް ވެރިން ހާޒިރުކުރާކަށް ކޮމެޓީއަކުން ނުނިންމަ އެވެ. ކޮމެޓީ މެމްބަރުންގެ އިއްތިފާގުން ނިންމީ ހަމައެކަނި ޓާސްކް ފޯސް ހާޒިރުކުރުމަށެވެ.

އެޗް1އެން1 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރައިފަ އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެޗް1އެން1 އަށް 546 މީހަކު ޓެސްޓްކުރި އިރު 199 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

ރޯގާއާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު އަލުން ހުޅުވި ނަމަވެސް އިއްޔެ އަނެއްކާ ވަނީ މިހަފުތާ އަށް ބަންދުކޮށްފަ އެވެ. އެގޮތަށް ނިންނީ ސްކޫލްތަކަށް ހާޒިރުވާ ދަރިވަރުން މަދުކަމުންނެވެ.